ފަލަސްތީނަށް ކުރާ އަނިޔާތައް ހުއްޓުވަން އަވަސް ފިޔަވަޅު އަޅަން ރާއްޖޭން ދުނިޔެއަށް ގޮވާލައިފި

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި އޭނާ ފާހަގަކުރެއްވި

"ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި ސަރީރު ރާއްޖެ ތަމްސީލު ކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވަން އަވަސް ފިޔަވަޅު އަޅަން ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ. 

ސެންގާލްގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި ރާއްޖެ ތަމްސީލުކުރައްވައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ދެއްވި ތަގުރީގުގައި، އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަދި، އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތައް ސަރީރު ސިފަކުރެއްވީ، ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެ މީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގަ އެވެ.

މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވި އެވެ.

އ.ދ. ގެ އާއްމު މަޖިލީހުގެ ގަރާރަކުން 1975 ވަނަ އަހަރު އުފައްދާފައިވާ ސީ.އައި.އާރް.ޕީ.ޕީ.ގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގާއި، ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގާއި، އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. 

މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އ.ދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފަ އެވެ.

އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އ.ދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅަ އެވެ. ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމްއިއްޔާގެ މެމްބަރު ގައުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.