ގުޅިފަޅު ގޯތިތަކުގެ އެއްބަސްވުމާ ގުޅޭ ސުވާލުތަކަށް ބަންޑަރަ ނައިބުގެ ލަފާ ހޯދަނީ

ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެ ކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނި.

ކ. ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކާ ނިންމާލާފައި

ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލުގެންނާތީ ކުރިމަތިވަމުންދާ ސުވާލުތަކަށް ޖަވާބު ހޯދައި، ހައްލެއް ހޯދުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާ ހޯދަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ދޫކުރާ ގޯތިތަކުގެ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ކުރިން ނެތް ޝަރުތަކާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މަޖުބޫރު ކުރުވަމުންދަނީ، ކޮންޓްރެކްޓާ ބެހޭ ގާނޫނަށް ހިލާފަށް ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިއުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހާވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެކި ސަބަބުތަކާހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަޙައްދު ބަދަލުވެފައިވާތީ، އެ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އެ ފަރާތްތަކަށް ލިބޭ ޕްލޮޓް ކަނޑައަޅާފައިވާ ކަމަށެވެ.

"މިގޮތަށް ކަނޑައަޅައި، އެ ފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވެ އެވެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ. 

ބިމާބެހޭ ގާނޫނުގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެ މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމުގައި ބަޔާންކޮށްފައި ވެ އެވެ.

އަދި، އެފަރާތްތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުތުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައި ވެ އެވެ.

"ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، އެ އުސޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަންޏެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ."

އެހެންކަމުން، މިހާރު އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާގުޅޭ މާއްދާ އިސްލާހުކުރުމަށްޓަކައި މިނިސްޓްރީ އާއި ގޯތި ހަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހުކުރެވިފައިވާ އާ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމި ކަމަށް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެ ކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.