ނާޒިމް ވިދާޅުވީ މި މައްސަލާގައި ހޯކްސްއާ ސުވާލު ކުރުމުން މިއީ އެ ކުންފުނިން ކުރިކަމެއް ނޫން ކަމަށް ބުނެ ކުންފުނީގެ މުވައްޒަފުންގެ ބޮލަށް ކަނޑާލާފައިވާ ކަމަށެވެ.
ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާދާރުން ބަދަލު ކުރުމުން ކަމަށާ، މިއީ ބޮޑު ޖަރީމާއެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި އިއްޔެ އޮތް 214 ކޮމެޓީގައި ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓެއްގައި ރާއްޖެއަށް ގަވައިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި ގޮތުގައި ހޯކްސްގެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެ ހަރުކޮށްފައިވާ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިވާލާފައިވާ ކަމަށެވެ.
"ދެން އޭގެ 24 ގަޑިއިރު ފަހުން އެ ބޯޓު ފެނުނީ ސިނގިރޭޓް ކާޓޫންތައް ސްމަގްލް ކުރަނިކޮށް ކަމަށް ކަސްޓަމްސް ބޭފުޅުން ވިދާޅުވެފައިވޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި މައްސަލާގައި ހޯކްސްއާ ސުވާލު ކުރުމުން މިއީ އެ ކުންފުނިން ކުރިކަމެއް ނޫން ކަމަށް ބުނެ ކުންފުނީގެ މުވައްޒަފުންގެ ބޮލަށް ކަނޑާލާފައިވާ ކަމަށެވެ.
"ފަޅުވެރިނަށް ތުހުމަތު ކުރަނީ ސިއްރުން ތަކެތި އެތެރެ ކުރުމާއި މަނީލޯންޑްރިންގެ ތުހުމަތެއް ކަމަށް ކަސްޓަމްސް އޮފިސަރުން ބުނެފައިވޭ،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ސިނގިރޭޓު ކޭސްތައް މަދުވިކަން އެނގުނީ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު އެކަން ކަސްޓަމްސް އަށް އަންގައި އަލުން ސިނގިރޭޓުތައް ގުނުމުނެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ދުރާލައި ރާވައިގެން ހިންގި ޖަރީމާ އެކެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި ރިޕޯޓް އެކުލަވާލަން ބޭއްވި ބައްދަލުވުމުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ދާއިރާގައި ހުރި އިތުރު ގިނަ މައްސަލަތަކެއް ފެންމަތި ވެގެން ގޮސްފައިވާ ކަމަށެވެ. އެ މައްސަލަަތަކުގެ ތެރޭގައި ރާއްޖޭން ބޭރުން އަންނަ ބޯޓު ފަަހަރުން ބޭނުން ކޮށްމެ އެއްޗެއް ރާއްޖެ އެތެރެ ކުރުމުގެ އިހުތިޔާރު އޮންނަ ކަމަށް ކަސްޓަމްސްގެ އޮފިސަރުން ވިދާޅުވެފައިވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
މި މައްސަލާގައި ނާޒިމް ވަނީ އިތުރު މައްސަލަތަކެއް ތިލަ ކުރައްވާފަ އެވެ. އެއީ ކަސްޓަމްސްގެ ވަސީލަތް ނެތް ކަމަށް ހާމަވާ މައްސަލަ އެކެވެ. އޭނާ ވިދާޅުވީ ހޯކްސްގެ ބޯޓު ކައިރިއަށް ދާންވެގެން ވެގެން ކަސްޓަމްސްއަށް ލޯންޗެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ގާތުގައި އެދިގެންވެސް ލޯންޗެއް ހަމަ ނުޖެހުނު ކަމަށެެވެ.
"ބޯޓް ކައިރިއަށް ދިޔައީ ސަލާމަތީ ސެޓްފިކެޓް ނުހައްދައި އޮތް ލޯންޗެއްގައި. އެއީ ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ އުޅަނދެއް،" ނާޒިމް ވިދާޅުވި އެވެ. "އެ ލޯންޗް ހަދިޔާ ކުރިތާ ހަތަރު މަސްވީއިރުވެސް އޭގެ ސަލާމަތީ ހެއްދިފައިއެއް ނެތް. ކަސްޓަމަށް ދީފައިވާ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާބިލްކަން އެ ބޭފުޅުންނަށް ފުރިހަމައަށް އަދާ ނުކުރެވޭނަމަ އެއީ އަޅުގަނޑުމެން [މަޖިލީހު] ން ބަލަން ޖެހޭކަމެއް."