ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތައާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ސްޓެލްކޯ އިން ދޭ ހިދުމަތްތައް ޒަމާނީ ކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ގޭބިސީތަކުގައު ސްމާޓް މީޓަރު ހަރު ކުރުމުގެ މަސައްކަތް ފަަށައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އިން ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންދާ ކަމަށެވެ.
"މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަށް ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި ކަރަންޓު އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވިގެން ދިއުމެވެ.
"މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އަދި ސްޓެލްކޯ ކެއާ މެދުވެރިކޮށް. ކަސްޓަމަރު ސާވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުސަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒެއް ކަމަށެވެ.
"މި އަމާޒަށް ވާސިލުވުމުގައި ސަރުކާރާއި. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދު ވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.