މި ބިލުގެ ބަހުސަށްފަހު މިއަދު ވަނީ ބިލު ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އަހައިފަ އެވެ. ބިލު ބަލައިގެންފައި ވަނީ 62 މެންބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވާފައިވާ ބިލުގައި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސްގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލުގެ ބަހުސަށްފަހު މިއަދު ވަނީ ބިލު ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އަހައިފަ އެވެ. ބިލު ބަލައިގެންފައި ވަނީ 62 މެންބަރުންގެ ވޯޓުންނެވެ. އެހެންވެ، ބިލު އިތުރަށް ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ބިލުގައިވާ ގޮތުން، މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެ އެވެ.
އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ބާއްވަން ޖެހެ އެވެ.