މައުރޫފު ވިދާޅުވި ގޮތުގައި ރައީސަކު ގައުމަށް ހިދުމަތް ކުރަން އެދުނުން އެ ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެ އެވެ. އަދި މަދު ދުވަސްކޮޅުގެ ތެރޭގައި ގެނެވުނު ބަދަލުތަކާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާކަން މައުރޫފު ފާހަގަ ކުރެއްވި އެވެ.
މަސައްކަތުން ރިޓަޔަ ކުރައްވަން ތައްޔާރުވެވަޑައިގެން ހުންނަވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުވުމަކީ ވަރަށް ޔުނީކް [އާދަޔާ ހިލާފު] ފުރުސަތެއް ކަމަށާއި، މަގާމުގެ ހަ މަސްތެރޭ އެ ކުންފުންޏަށް ބަދަލުތަކެއް ގެނެވުމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށް އެކުންފުނީގެ އެމްޑީގެ މަގާމުން ރިޓަޔާ ކުރެއްވި މައުރޫފު ޖަމީލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވި ގޮތުގައި، ރައީސަކު ގައުމަށް ހިދުމަތް ކުރަން އެދިލެއްވުމުން އެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އޭނާ އަށް ރައީސް ޑރ. މުއިއްޒު މަގާމު ހުށަހެޅުއްވިއިރު ވެސް ހުންނަނީ ސެމީރިޓަޔަމަންޓުގަ އެވެ. އަދި ރައީސް މި މަގާމު ދެއްވީ ވަރަށް އިތުބާރު ކުރައްވާފައި ކަމަށާއި، ވަރަށް ގާތްކަން ވެސް ބެހެއްޓެވި ކަމަށެވެ. އަދި ކުންފުނީގެ ކޮންމެ ކަމެއްގައި ވެސް އެދުނު ކޮންމެ އެދުމަކަށް އިޖާބަ ވެސް ދެއްވިކަން މައުރޫފު ފާހަގަ ކުރެއްވި އެވެ.
"ރިޓަޔަ ކުރައްވަން ހުއްޓައި ރައީސް ދެއްވީ އާދަޔާ ހިލާފު ފުރުސަތެއް. އަޅުގަނޑަކީ އެޗްޑީސީ [ހުޅުމާލެ] އުފެއްދުމުގައި އުޅުނު މީހެއް. އޭގެ 24 އަހަރު ފަހުން އެޗްޑީސީގެ އެމްޑީގެ މަގާމު ގަބޫލު ކުރަން އެދިލެއްވީމަ ފުރަތަމަ ހިތަށް އެރީވެސް މިއީ ޔުނީކް ފުރުސަތެކޭ. މި ދޫއްކޮށްލާކަށް ނުވާނެއޭ. ހަވާލުވިއިރު ވެސް އެނގޭ ވަރަށް ބުރަވާނެކަން ވެސް. އެހާގިނަ ދުވަހު އުޅުމުގެ އިންޓެންޝަނެއްވެސް ނެތް. އެހާ ގިނަ ދުވަހު ހުންނަން ދަތިވާނެ ކަންވެސް އެނގޭ،" މައުރޫފު ވިދާޅުވި އެވެ.
ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މިހާރު އުމުރުން 65 އަހަރު ގުނުއްވަމުން ގެންދަވާ ތަޖުރިބާކާރު އާބަން ޕްލޭނާ ވިދާޅުވީ މިތަނަށް [އެޗްޑީސީ] ގެ އެމްޑީގެ މަގަމަށް އައުމުގެ ބޭނުމަކީ އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުން ކަމަށާއި އެކަން ކުރެވުމުގެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ.
"ރައީސަކު ރިކުއެސްޓް ކުރެއްވީމަ އެ ބަލައިގަންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާތީ. ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް ޔަގީންވާތީ ގަބޫލު ކުރީ،" ވިދާޅުވި އެވެ. "ރިޓަޔަ ކުރިނަމަވެސް އެޗްޑީސީއަށް ހިދުމަތް ކުރަން ބޭނުންވޭ. އެހެންވެ އެޑްވައިޒަރު ނަމަވެސް މިފަދަ މަގާމެއް ފުރަން ބޭނުންވަނީ. އެޗްޑީސީއާ ދުރަށް ދިއުމަކަށް ނޫން ބޭނުންވަނީ."
މައުރޫފު ވިދާޅުވީ އެޗްޑީސީއާ ހަވާލުވިއިރު ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާ ކުރު މުއްދަތުގެ ތެރޭގައި ކުރަން ޖެހުނު ބުރަ މަސައްކަތުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތާއި އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުން ހިމެނޭ ކަމަށާ މީގެ ގިނަ ކަންކަން ކާމިޔާބު ކުރެވުނު ކަމަށެވެ. އަދި މި މަގާމުގައި ކުރަން ޖެހުނު ކޮންމެ ކަމަކީ ވެސް ޕްރެޝަރުގައި ކުރަން ޖެހުނު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"ފޭސް ޓޫއަށް ބަލާއިރު ޑެންސިޓީ [އާބާދީ] އޮތީ ވަރަށް މަތިކޮށް، ޑެންސިޓީ މަތި ތަނަނަށް ތަނަކަށް ހުރި މަދުވާ ގިނަ އެއްޗިހިތަކެއް. އެބައިތަށް ގެނެސް އިސްލާހު ކުރުން އެއީ ވަރަށް ބޮޑުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. މީގެ އިތުރަށް ބަނދަރު އޮތީ ވަރަށް ކޮމްޕްރޮމައިޒްވެފަ. ލޭންޑް ޔޫސް ޕްލޭން ބެލިއިރު ބަނދަރު އޮތީ ވަރަށް ގޯސްކޮށް. އެހެންވެ ހިތަން އެރީ ކޮންމެހެންވެސް މިކަމަށް ކަމެއް ކުރަންވާނެއޭ. އެހެންވެ ދީފައި ހުރި ގޯތިތައް މަދު ނުވާ ގޮތަށް ބަނދަރު ރަނގަޅު ކުރުން އެއީ އެންމެ ބޮޑު އެއް ޓެންޝަން އެއީ. ލޭންޑް ޔޫސް ޕްލޭން އަށް ހެޔޮ ބަދަލު ގެނައުމަކީ އެންމެ އިސްކަން ދިން ކަންކަން،" މައުރޫފު ވިދާޅުވި އެވެ. "ބައެއް މަސައްކަތް ހުރީ ފެށިފަ ހަވާލުވިއިރުވެސް، އެ ބަދަލުތަކާ އަދި ފަހުން ގެނައި އިސްލާހުތަކެއް ހިމެނޭ. އެހެންވެ މިހާރު ފެނިވަޑައިގަންނަވާނެ އިދާރީ ގޮތުންވެސް އިސްލާހުތަކެއް އައިސްފައި ހުރިތަން."
މައުރޫފަކީ އާކިޓެކްޓެކެވެ. އަދި އާބަން ޕްލޭނަރެެވެ. އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދުވަސްވަރު ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އޭރު ހުޅުމާލެ ހިއްކައި އެތަން ތަރައްގީ ކުރުމުގައި އޭނާ ވަނީ ވަރަށް އިސް ދައުރެއް އަދާކުރެއްވީވެސް މައުރޫފެވެ.