"ލިޔުންތެރިންނަކީ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޖިހާދު ކުރާ ބަޔަކަށް ވާންޖެހޭ"

އިތުރަށް ރައީސް ވިދާޅުވީ، ދިވެހި ތާރީހަށް ބަލާއިރު، ރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

ލިޔުންތެރީންގެ ދައުރެއް ނެތް އެއްވެސް ދާއިރާއެއް ގައުމެއްގެ ނިސްބަތުގައި ނޯންނާނެ ކަމަށާއި، އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ގައުމުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ވާން ޖެހޭ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބުގަ އެވެ. ރައީސްގެ ހިތޯބު ފައްޓަވަމުން ފާހަގަކުރައްވާފައި ވަނީ ޖުލައި މަހުގެ އަށްވަނަ ދުވަސް ލިޔުންތެރިންގެ ދިވެހުގެ ގޮތުގައި ފާހަގަކުރަނީ 1933 ވަނަ އަހަރުގެ މި ދުވަހު ރާއްޖޭގައި އެންމެ ފުރަތަމަ މަޖައްލާއެއް ނެރުން ދުވަސް ކަމަށް ވާތީ އެވެ. އެ މަޖައްލާ އަކީ "އަލްއިސްލާހް" އެވެ.

އެ މަޖައްލާގެ މަގުސަދަކީ ތަފާތު އެކި ދާއިރާތަކުން ދިވެހި ގައުމު އިސްލާހު ކުރުމެވެ. ހާއްސަކޮށް ދީނާއި އިޖުތިމާއި ދާއިރާ އާއި އިގުތިސޯދާއި ސިޔާސީ ދާއިރާގެ އިތުރުން އިލްމާއި ސަގާފަތާއި ތާރީހުގެ ދާއިރާ އެވެ.

"ލިޔުންތެރިކަމުގެ މި ބިންގަލުގެ މައްޗަށް ދިވެހި އިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށް. މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެއްޖެ. ލިިޔުންތެރީންގެ ދީނީ ގައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދީނީގޮތުން ބަލާއިރު، ދިވެހީންގެ އަގީދާއާއި އަދަބު އަހުލާގު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ގައުމަށް ބޭނުންވާ ކަމަށެވެ. އިޖުތިމާއީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވާ ކަމަށެވެ.

އަދި، އިގުތިސޯދީ ގޮތުން އާ ފުރުސަތުތައް ތައަރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ މުހިންމުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، އަމިއްލަ ގައުމާއި ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަސްލަހަތު ހިފެހެއްޓުމުގެ ގައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރިންނަށްކަން ރައީސް ފާހަގަކުރެއްވި އެވެ.

"ކުރުކޮށް ދަންނަވާ ނަމަ، ލިޔުންތެރީންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ގައުމެއްގެ ނިސްބަތުގައި ނޯވޭ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ގައުމާއި، އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކުކަމުގައި ވާން ޖެހޭ،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ، ދިވެހި ތާރީހަށް ބަލާއިރު، ރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ލިޔުންތެރިކަމުގެ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ކުރެއްވި އެންމެހައި ލިޔުންތެރީންނަށް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. 

"އަޅުގަނޑު އެދެނީ، ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުން. ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހީންގެ ކަރާމަތާއި، ދިވެހި ގައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކުރެއްވުން. އާ ހިޔާލުތަކާއި، އާ ތަސައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިވުން،" ހިތޯބު ނިންމަވައިލައްވަމުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.