އެކަމާ ގުޅިގެން، އެމްއޭސީއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ ނުވަތަ އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން ހަވާލުކޮށްފައިވަނީ އިޒްރޭލާށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި އެވެ.
ރާއްޖެޓީވީން ޝާއިއުކުރި ހަބަރެއްގައި ވަނީ، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން، އިޒްރޭލަށް ފަންޑުކުރާ ކުންފުންޏަކާ އެމްއޭސީއެލްއިން ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން، އެމްއޭސީއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ ނުވަތަ އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށެވެ.
"ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާ ހިލާފު މި ވާހަކައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، މި ކުންފުނިން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، ކުންފުންޏާމެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާ ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަމުން ގެންދާކަމަށް ބުންޏެވެ.
"އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ގާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި މި ކުންފުނިން މަސައްކަތް ފަށާފައިވާ ވާހަކަ ދެންނެވީމެވެ."