މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސައުދީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސް އާއި ސައުދީ ސަފީރު ދެއްވަމުންނެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތާނީ، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފަ އެވެ.
ސައުދީގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން، ރައީސް ޑރ. މުއިއްޒު ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާނަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ ގުޅިގެން ރައީސް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ. މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ހިދުމަތްތަކަށާއި، ހައްޖު އަދި އުމްރާއަށް ދާ ދިވެހިންނަށް ފޯރުކޮށްދެމުން ގެންދާ އެކި ފަސޭހަތަކާއި ކުރިއެރުންތަކަށް އެ މަނިކުފާނު ތައުރީފުކުރައްވައި، ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސައުދީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސް އާއި ސައުދީ ސަފީރު ދެއްވަމުންނެވެ.
ރާއްޖެއާއި ސައުދީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.