ޓޫރިސްޓުންނަށް ހިދުމަތްދޭ މައިގަނޑު ހުރިހާ ދާއިރާއެއްގެ ވިޔަފާރި މިދިޔަ ކުއާޓަރުގައި އިތުރުވިނަމަވެސް ސަފާރީތަކާއި ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރި ދަށް ކަމަށް ދައްކަ އެވެ.
މިދިޔަ ކުއާޓަރުގައި ރާއްޖޭގެ ގެސްޓްހައުސްތަކުގެ ޖުމްލަ ވިޔަފާރި ފަސް ޕަސެންޓަށް އަދި ރިސޯޓުތަކުގެ ވިޔަފާރިއަށް 6.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ އޮތޯރިޓީއަށް ގެސްޓްހައުސް އަދި ރިސޯޓްތަކުން ހުށަހެޅި ޓެކުހުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިދިޔަ ކުއާޓަރުގައި ރާއްޖެ އައި ޓޫރިސްޓުންނަށް ހިދުމަތް ދީގެން ރިސޯޓްތަކުން ވަނީ 1,8 ބިލިއަން ޑޮލަރު، ގާތްގަނޑަކަށް 27 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފަ އެވެ. މި އަދަދު ކުރީ އަހަރު އުޅުނީ 1.7 ބިލިއަން ޑޮލަރު ނުވަތަ 26 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަަޅާބަލާއިރު 6.3 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގައި ރާއްޖޭގައި 175 ރިސޯޓެއް މިވަގުތު 44,047 އެނދު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.
މީރާގެ މައުލޫމާތުތައް ދައްކާ ގޮތުން މި މުއްދަތުގައި ގެސްޓްހައުސްތަކުން މި އަހަރު 31,2 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 481 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު އުޅުނީ 29.7 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 457 މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގައި މިވަގުތު 858 ގެސްޓްހައުސްއެއްގައި ޖުމްލަ 14,630 އެނދު އޮޕަރޭޝަނުގައި ހުރި ކަމަށް ދައްކަ އެވެ.
ޓޫރިސްޓުންނަށް ހިދުމަތްދޭ މައިގަނޑު ހުރިހާ ދާއިރާއެއްގެ ވިޔަފާރި މިދިޔަ ކުއާޓަރުގައި އިތުރުވިނަމަވެސް ސަފާރީތަކާއި ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރި ދަށް ކަމަށް ދައްކަ އެވެ. މިގޮތުން ސަފާރީ އުޅަނދު ފަހަރުން މި އަހަރުގެ ފުރަތަަމަ ކުއާޓަރުގައި ކޮށްފައިވަނީ 14 މިލިއަން ޑޮލަރުގެ ވިޔަފާރިއެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު އުޅުނީ 17 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ 14 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ޓުއާ އޮޕަރޭޓަރު ކުންފުނިތަކުން މި އަހަރު 158 މިލިއަން ޑޮލަރުގެ ވިޔަފާރިއެއްވި ކަމަށް ދެއްކިނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 166 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ ފަސް ޕަސެންޓުގެ ދަށްވުމެކެވެ.
މީރާގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މުޅި ޓޫރިޒަމް ސެކްޓާއިން ކުރި ވިޔަފާރި ފުރަތަމަ ކުއާޓަރުގައި ވަނީ +4.9 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ސޭލްސް ހުރީ 2,2 ބިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 2.1 ބިލިއަން ޑޮލަރުގަ އެވެ.