ޕްރޮޕޯސަލްގައިވާ ގޮތުން އާމްދަނީގެ 55 ޕަސެންޓް އެމްއޭސީއެލް އަށް ދޭނެ އެވެ. ނުވަތަ މިނިމަމް ފަސް މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ފައިދާ އިތުރުވާނަމަ މި އަދަދު އިތުރު ވެގެންދާ ގޮތަށް ޕްރޮޕޯސަލް ތައްޔާރުކޮށްފައިވެ އެވެ.
ވީއައިއޭގައި ޖެޓަށް ހާއްސަ ޓާމިނަލެއް އަޅަން ދުބާއީގެ ޖެޓްއެކްސް ކުންފުނިން ހުށަހެޅި ޕްރޮޕޯސަލް ލީކްކޮށްލައިފި އެވެ. އޭގައިވާ ގޮތުން ގިނަ ހިދުމަތްތައް ދޭނީ ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލް ކުންފުނިންނެވެ. އަދި މި ޕްރޮޕޯސަލްގައި މިހާރު ހުރި ސީއައިޕީ ޓާމިނަލް ކުއްޔަށް ދޫކުރާ ވާހަކައެއް ނެތެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނިން ހުށަހެޅި މި ޕްރޮޕޯސަލް ލީކުވެފައިވަނީ ކޮން ސަރުކާރުގެ ކޮން ވުޒާރާއަކުން ކަމެއް ނޭނގެ އެވެ.ނަމަވެސް މި ޕްރޮޕޯސަލް ޖެޓްއެކްސްއިން އެމްއޭސީއެލްގެ ބޯޑަށްވެސް ހުށަހަޅާފައިވެ އެވެ. މި ޕްރޮޕޯސަލްގައިވާ ގޮތުން ޖެޓް ޓާމިނަލް އަޅަން އެމްއޭސީއެލް އިން 10،000 އަކަފޫޓުގެ ބިމެއް އެ ކުންފުނިން ދޭން ހުށަހަޅާފައިވެ އެވެ. އަދި އެތަނުގައި ޖެޓް ޓާމިނަލް އިންވެސްޓްކޮށްގެން އަޅާނީ ޖެޓްއެކްސް ކުންފުނިންނެވެ.
ލީކުކޮށްލި ޕްރޮޕޯސަލްގައިވާ ގޮތުން އާމްދަނީގެ 55 ޕަސެންޓް އެމްއޭސީއެލް އަށް ދޭނެ އެވެ. ނުވަތަ މިނިމަމް ފަސް މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ފައިދާ އިތުރުވާނަމަ މި އަދަދު އިތުރު ވެގެންދާ ގޮތަށް ޕްރޮޕޯސަލް ތައްޔާރުކޮށްފައިވެ އެވެ. މި އާމްދަނީއަކީ އެޑިޝަނަލަށް އެހެން ހިދުމަތްތަކުން ލިބޭނެ އާމްދަނީގެ އިތުރުން އެމްއޭސީއެލްއަށް ލިބޭނެ އެއްޗެކެވެ.
މި ޕްރޮޕޯސަލް އޮތްގޮތުން ވީއައިއޭގައި މިހާރު ހުރި ވީއައިޕީ ޓާމިނަލް ކުއްޔަށް ދޭ އެއްވެސް ވާހަކައެއް ނެތެވެ. އޭގައި އޮތީ ޖެޓްއެކްސް އިން އަމިއްލަ އަށް ޖެޓް ޓާމިނަލެއް ތަރައްގީކޮށް އެތަނުގައި ޖެޓުން އަންނަ ޓޫރިސްޓުންނަށް ހާއްސަ ލައުންޖެއް ހަދާ ވާހަކަ އެވެ. މިވަގުތު އެއާޕޯޓުގައި ހުރި އެއްވެސް އިމާރާތެއް ޖެޓްއެކްސްއިން ނަގާ ވާހަކައެއް ނެތެވެ.