މި ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް ވަނީ 46 މުވައްޒަފުން ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާ އަށް ފޮނުވައިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދާ ހުޅުވާ އިންޓަނޭޝަނަލް ޓާމިނަލްގައި ބޭނުންކުރާ އޭރޯބްރިޖު ނުވަތަ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން ތަމްރީންކޮށް ނިންމާލައިފި އެވެ.
ވީއައިއޭ އޮޕަރޭޓް ކުރާ، އެމްއޭސީއެލް އިން ބުނީ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ. މި ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް ވަނީ 46 މުވައްޒަފުން ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާ އަށް ފޮނުވައިގެންނެވެ.
އެ ކުންފުނިން ބުނީ އަމާޒަކީ މެލޭޝިއާ އަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ފަސިންޖަރު ބޯޑިން ބްރިޖަށް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމެވެ.
ފަސިންޖަރު ބޯޑިން ބްރިޖް - މި ބްރިޖްތަކަކީ ރައްކާތެރި ކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އެވެ. މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެކެވެ.
މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުމެވެ. އަދި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ. އެގޮތުން މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއްވެސް ވަނީ ހަދައިފަ އެވެ.
މި ޓާމިނަލް ތަރައްގީ ކޮށްފައިވަނީ 72،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގަ އެވެ. ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކް އަދި ޒަމާނީ ބެޖޭޖު ހޭންޑްލިން ނިޒާމަކާއި އެޑްވާންސް ސެކިއުރިޓީ ޗެކިން ނިޒާމެއް ހުންނާނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުން ގިނަ ލޯނުތަކެއް ނަގައިގެން ފެށި މި މަޝްރޫއަކީ ރާއްޖޭގައި ހިނގާ އެންމެ ބިޔަ އެއް މަޝްރޫ އެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަޝްރޫއުގެ ދަށުން ހެދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ކޯޑް އެފް ރަންވޭ މިހާރު ވަނީ ހިދުމަތަށް ދޫކޮށްލާފަ އެވެ. އެ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން މިހާރު ވީއައިއޭގައި ރައްކާކުރެވޭ ތެލުގެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ވެސް ވަނީ ހަދައި ނިމުމުގެ މަގުމަތީގަ އެވެ. މި ފިއުލްފާމް ނިމުމުން މިހާރު ލޮރީ ގެންގޮސްގެން ބޯޓަށް ތެޔޮ އެޅުން ނިމިގެން ދާނެ އެވެ. މީގެ އިތުރުން މިހާރު ހުޅުވާ އާ ކާގޯ ޓާމިނަލްއާއެކު އިމްޕޯޓަށް / އެކްސްޕޯޓް އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.