ތެޔޮ ވިއްކުމާއި މިނޫންވެސް ހިދުމަތްތައް ދޭނީ އެމްއޭސީއެލްއިންނެވެ. ހިންގުމުގެ މައިގަނޑު ހިއްސާ އޮންނާނީ ވެސް އެމްއޭސީއެލްގެ އަތުގަ އެވެ. ޖެޓްއެކްސް އަންނަނީ އަމިއްލަ ފަރާތްތަކާއެކު ހިދުމަތް ދޭށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ އާ ވިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރު ތެރޭގަ އެވެ. މި ވިޝަން ހާއްސަކޮށްފައިވަނީ މިހާރުހުރި ހިދުމަތްތައް ދެ ގުނަ އިތުރުކޮށް މި ސަރަހައްދުގައި އޮތް ވިޔަފާރީގެ މަގު ދިވެހި އިގްތިސޯދާ ދިމާލަށް ހުޅުވާލުމަށެވެ. އެ ވިޝަންގައި މައި އެއާޕޯޓުގައި ޕްރައިވެޓް ޖެޓަށް ހާއްސަ ޓާމިނަލެއް އެޅުން ވެސް އޮތެވެ. އެ ވާހަކަ ދެއްކުމާއެކު ޕްރައިވެޓް ޖެޓުގެ ބޮޑު ޑިމާންޑެއް އޮތް އަދި އިތުރު ކުރެވޭނެ ފުރުސަތު އޮތް ރާއްޖެ އަށް ބޮޑު ޝައުގުވެރިކަމެއް ލިބުނެވެ. ބޭރުގެ އިންވެސްޓަރުން އެކަމަށް އިންވެސްޓް ކުރަން ބޭނުންވި އެވެ. މިގޮތުން އެންމެ ފުރިހަމަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ހުށަހެޅީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ޖެޓް ހޭންޑަލް ކުރާ ކުންފުނި ޖެޓެކްސް ކުންފުނިންނެވެ. މިއީ ދުނިޔޭގެ ނަމްބަރު ވަން އެވެ.
މި ކުންފުނީގެ ހުށަހެޅުން ސަރުކާރުގެ މޭޒުމަތީގައި އޮންނަތާ ދޮޅު އަހަރު ވެއްޖެ އެވެ. އެއަށްފަހު ޕްރޮޕޯސަލްގެ ބައި ނިންމައި މަޝްރޫއު ކުރިއަށް ދާން ތައްޔާރުވުމާއެކު މިވަނީ މުޅިން އެހެން ވާހަކަ ތަކެއް ތިލަކޮށްފަ އެވެ. ނަމަވެސް ދައްކާ ވާހަކަ އާއިކަމުގެ ހަގީގަތް ހާސްބައި ތަފާތެވެ. ޖެޓެކްސް ކުންފުނީގެ ޕްރޮޕޯސަލްގައި ހުރި ކަންކަން "ދަ މިރާ" އަށް އެނގިފައިވާއިރު އޭގެން އެނގެން އޮތީ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ދިވެހިންނާއި ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމެވެ. ފުރަތަމަ "ޖެޓްއެކްސް" ގެ ވާހަކަ ދައްކާއިރު މިއީ ކޮން ބައެއް ތޯ ބަލަން ޖެހެ އެވެ.
ޖެޓެކްސްގެ ބާނީއަކީ އަދިލް މާދީނީ އެވެ. ދުބާއީގައި މަރުކަޒު ވެގެން ހިދުމަތް ދެމުން ގެންދާ އަދިލްއަކީ ފޯބްސް އިން 2023 ވަނަ އަހަރު ހޮވި މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއާލައިން ޝަހްސިއްޔަތުންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. ޖެޓްއެކްސް ކުންފުނި 2005 ވަނަ އަހަރު ވުޖޫދުވި ފަހުން މިއަދާހަމަ އަށް މިއީ މަތީފަންތީގެ މަހުޖަނުން ދަތުރުފަތުރުގައި ބޭނުންކުރާ ޖެޓް މެނޭޖުކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުންފުންޏެވެ. މި ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 38 ޕްރައިވެޓް ޖެޓް ޓާމިނަލް ބަލަހައްޓަމުން ގެންދެ އެވެ. އަދި ޖެޓްއެކްސް ކުންފުންޏަކީ ދުބާއީ އެއާޝޯވް އާއި ޕެރިސް އެއާޝޯ ފަދަ ދުނިޔޭގެ މަޝްހޫރު ވައިގެ ޝޯވްތަކުގައި މުހިންމު އެވޯޑްތަކެއް ހާސިލް ކޮށްފައިވާ ގިނަ ބައެއްގެ އިތުބާރާއި ގަދަރު ލިބިފައިވާ ވަރުގަދަ ކުންފުންޏެވެ. މި ޔަގީންކަމުގެ ނަތީޖާއަކީ މިހާތަނަށް 71،000 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓް ފްލައިޓް ދަތުރު ކުރުމުގައި ބޭނުންކޮށް މި ދަތުރުތަކުގައި ހިދުމަތް ދިން މެހުމާނުންގެ އަދަދު 400،000 އަށް އަރާފައިވެ އެވެ. އަދި މި އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
މި ވަރުގެ ވަރުގަދަ ބައެއް ރާއްޖޭގައި ދުނިޔޭގެ އެންމެ ހައިއެންޑް ހިދުމަތް ފަށަން ހުށަހެޅި ޕްރޮޕޯސަލްގައި އޮތީ މިތަނުގައި ހުރި ތަނެއް ހިންގަން ހުށަހެޅި ވާހަކައެއް ނޫނެވެ. އެ މީހުން މިހާރު ހުރި އެއްވެސް އިމާރާތެއް އަމިއްލަ އަށް ހިންގަން ފެށުމުގެ އެއްވެސް ވާހަކައެއް ނެތެވެ. މީގެ ބަދަލުގައި ޖެޓްއެކްސްގެ އަމއްލަ އިންވެސްޓްމަންޓެއްގެ ގޮތުގައި ރާއްޖޭގައި 50 މިލިއަން ޑޮލަރު ހަރަދުކޮށްގެން އާ ޕްރައިވެޓް ޖެޓް ޓާމިނަލްއެއް އަޅާނެ އެވެ. އަދި އެތަނަށް ބޭނުންވާ ފުލް އިކްއިޕްމަންޓް ހޯދާނީ ވެސް ޖެޓްއެކްސް ކުންފުނިންނެވެ.
މި ޓާމިނަލް އަޅަނީ އެއާޕޯޓުގެ އިރުމަތީ ފަޅީގަ އެވެ. މި އިންވެސްޓްމަންޓް ކުރުމަށްފަހު ހިންގަން ހަވާލުވާ 25 އަހަރުގެ މުއްދަތުގައި ހިދުމަތް ދޭނީ އެމްއޭސީއެލްއާ ގުޅިގެން ހިންގާ މޮޑެލް އަށެވެ. މި އޮޕަރޭޝަންގެ ފުލް ކޮންޓްރޯލް އޮންނާނީ އެމްއޭސީއެލްގެ އަތުގަ އެވެ. ވީއައިއޭގެ ވީއައިޕީ ޓާމިނަލްގެ ހިދުމަތްތަށް ދޭނީ އެމްއޭސީއެލް އިންނެވެ. ޖެޓްއެކްސްގައި މި އޮޕަރޭޝަންގައި ދައުރަކީ ހަމައެކަނި ފަސިންޖަރުން ހޭންޑްލް ކުރުމެވެ. އެ ކުންފުނީގެ އާމްދަނީ ބިނާވެފައިވާނީ މިކަމުގެ މައްޗަށެވެ. އަދި އެއާޕޯޓުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޖެޓްފިއުލް ވިއްކާނީ ވެސް އެމްއޭސީއެލްއިންނެވެ. ޖެޓެކްސްގެ އޮޕަރޭޝަނަށް ތެޔޮ ފޯރުކޮށް ދޭނީ އެމްއޭސީއެލް އިން ނެވެ. އެހެންވެ ތެލުގެ އާމްދަނީ ވެސް ލިބޭނީ އެމްއޭސީއެލް އަށެވެ.
ދެން އޮތީ މިކަމުން މި ދާއިރާގައި އުޅޭ އަމިއްލަ ފަރާތްތަކަށް ގެއްލުމެއް ވެދާނެ ހެއްޔެވެ؟ ޖެޓްއެކްސް އައި ނަމަވެސް އެ މީހުންގެ ވިޔަފާރީގެ ތެރެއަށް އެ ކުންފުނިން އަތް ބާނާ ގޮތަކަށް ޕްރޮޕޯސަލްގައި ނެތެވެ. މި ކުންފުންޏާއެކު މި ދާއިރާގެ ވާދަވެރިކަން އިތުރަށް ވަރުގަދަ ވެގެންދާނެ އެވެ. މި އޮޕަރޭޝަން ކުރި އަށް ދާނީ ޖެޓެކްސް އާއި އަމިއްލަ ފަރާތްތަކާ ގުޅިގެންނެވެ.
ޖެޓެކްސް މި މަސައްކަތް ހަވާލުވުމާއެކު ދައުލަތަށް 25 އަހަރު ތެރޭގައި 125 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 1.25 ބިލިއަން ދިވެހި ރުފިޔާ ދައްކާނެ އެވެ. އަދި އެމްއޭސީއެލް އަށް އެކަނި އަހަރަކު 100 މިލިއަން ދިވެހި ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ. އަދި މި ޕްރޮޕޯސަލް އޮތް ގޮތުން ޖެޓެކްސްއިން ވަނީ މި ވިޔަފާރީގައި ދުނިޔޭގައި އޮތް ކޮޅު ދިވެހިންނާ ދިމާލަށް އަނބުރާލުމުގެ ފުރިހަމަ ޕްލޭންވެސް ހުށަހަޅާފަ އެވެ. މި ކުންފުނިން ދުބާއީގައި އެކަނި އަހަރަކު 12،000 ޖެޓް ހޭންޑްލް ކުރެ އެވެ. އަދި މިހާރު ރާއްޖޭގައި އެންމެ ގިނައިން ވެސް ޖެޓް އައިސްފައިވަނީ އެންމެ ގިނަ ވެގެން 3،000 ޖެޓެވެ. މިހާރު އަންނަ ޖެޓުގެ އަދަދުން ބަލާއިރު މި ހުށަހެޅުމުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއާ ގާތްވެސް ނުކުރެ އެވެ. މި އާމްދަނީ އެއަށްވުރެ މާބޮޑުތަނުންވެސް އިތުރެވެ.
ޖެޓެކްސްގެ ޕްރޮޕޯސަލްގައިވާ ގޮތުން މި އަދަދު 6،000 އަށް އިތުރު ވެގެންދާނެ އެވެ. މި އިތުރުވުން ވެގެންދާނީ އެމްއޭސީއެލްގެ އާމްދަނީ އިތުރު ވެގެންދާނެ ކަމަށެވެ. އަދި އެމްއޭސީއެލް އަށް ލިބޭ އާމްދަނީ އިތުރު ވެގެން ގޮސް ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. މި ޕްރޮޕޯސަލް މިހާރު އޮތްގޮތުން ރާއްޖެ އަށް ފައިދާ ބޮޑެވެ. މިއީ ބަޔަކު ދައްކަމުންދާ ވާހަކަތަކާ އެއްގޮތަށް އޮތްކަމެއް ނޫނެވެ.