އެމްއެމްޕީއާރުސީ އޮތީ ރަނގަޅު މަގުގަ، ހަރަދު ވަނީ 34 ޕަސެންޓް ދަށްކޮށްފަ

ކުރިން ކޮންމެ އަހަރު ދަނީ ފެއާތަކަށެވެ. ނަތީޖާއަކީ ހަރަދު 80 ޕަސެންޓް އިތުރުވެ ކުންފުންޏަށް މިދިޔަ ހަތަރު އަހަރު 200 މިލިއަން ރުފިޔާގެ ގެއްލުމެއްވުމެވެ. ނަމަވެސް މިހާރު ވަނީ އެ ހަރަދު ދަށްކޮށް ހަމަ މަގަށް އަޅުވާފަ އެވެ.

އެމްއެމްޕީއާރުސީ އެމްޑީ ޝިއުރީ އާއި ޗެއާމަން އަބްދުﷲ

މިދިޔަ އަހަރު އަހަރުތެރޭގައި ބޮޑު ގެއްލުމެއް ވަމުން ދިޔަނަމަވެސް އެމްއެމްޕީއާރުސީގެ އާ މެނޭޖުމަންޓުން ގެނެސްފައިވާ ބަދަލުތަކާއެކު މިވަގުތު ކުންފުނި އޮތީ ރަނގަޅު މަގުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ކޮމެޓީއަށް މީގެ އަހަރެއް ކުރީގެ އެ ކުންފުނީގެ މާލީ ހިސާބުތަކުގެ މައްޗަށް ނެރުނު ރިޕޯޓަކާ ގުޅިގެން އާއްމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކުގެ މައްޗަށް އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއްގައި ބުނީ ކުރިން މިކޯޕަރޭޝަނުގެ ބަޖެޓުގެ ގާތްގަނޑަކަށް %80 ބޭނުންކުރަމުން އައީ ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށެވެ. ނަމަވެސް މިހާރު މިކޯޕަރޭޝަނުން މި ޚަރަދު ރީސްޓްރަކްޗަރކޮށް، %34 ދަށްކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

"[މިހާރު] ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުން ވެސް އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކުރަމުން ދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި އަޅުގަނޑުމެންގެ ބައިވެރިވުމާއި ވިޒިބިލިޓީ މިދަނީ ކުރިއެކޭ އެއްގޮތަށް ދަމަހައްޓަމުންނެވެ. މިއީ އިންޑަސްޓްރީ ޕާޓްނަރުންގެ ތަރުހީބު ލިބިގެންދިޔަ ބަދަލެއްކަމުގައިވެސް ފާހަގަކުރަމެވެ،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

[މިހާރު] ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުން ވެސް އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކުރަމުން ދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި އަޅުގަނޑުމެންގެ ބައިވެރިވުމާއި ވިޒިބިލިޓީ މިދަނީ ކުރިއެކޭ އެއްގޮތަށް

އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް ގެއްލުން ވަމުން ދިޔަނަމަވެސް އެ ކުންފުނީގެ ހިންގުމާއި ހަަރަދު ކުރުމަށް ނުބެލުމުގެ ނަތީޖާއަކީ ކުންފުންޏަށް ބޮޑު ގެއްލުމެއްވުމެވެ. އެ ކުންފުންޏަށް ވޭތުވެދިޔަ ހަތަރު އަހަރުގެ މާލީ ރެކޯޑުތަކުން ދައްކާގޮތުގައި ޖުމްލަ 203,891,026 ރުފިޔާގެ މާލީ ގެއްލުމެއް ވެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ގެއްލުން ކުރުކޮށް

  •  2020: 1،624،866 - ރުފިޔާ
  •  2021: 141،977،908 - ރުފިޔާ
  •  2022: 42،290،590 - ރުފިޔާ
  •  2023: 17،997،662 - ރުފިޔާ

މި ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު 141 މިލިއަން ރުފިޔާ ގެއްލުމެއްވެފައިވެ އެވެ. އަދި 1.6 މިލިއަން ޓޫރިސްޓުން އައި 2022 ވަނަ އަހަރު 42 މިލިއަން ގެއްލުމެއްވެފައިވެ އެވެ. 

އެމްއެމްޕީއާރުސީ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ ފާއިތުވި ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށެވެ. އެހެންނަމަވެސް، މި ފާއިތުވި އަހަރުދުވަހުގެ ތެރޭގައި މި ކޯޕަރޭޝަނުގެ މަސައްކަތްތައް ހިންގުން އިސްލާހުކޮށް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް މިދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންކަން ރައްޔިތުންނަށާއި، ސްޓޭކްހޯލްޑަރުންނަށް ޔަގީންކަން ދޭ ކަމަށެވެ.

"މާލީ ގޮތުން ބަލާއިރު، މިހާރު ހިނގަމުންދާ ހަރަދުތައް %10 ކުޑަކުރެވިފައިވެއެވެ. އެގޮތުން މި ކޯޕަރޭޝަނުން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނާޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައި ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރު އެޖެންސީތަކުގެ ޢަދަދު 21 އިން 6 އަށް ކުޑަކުރެވިފައިވެ އެވެ. ހަމައެކަނި މި މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވެ އެވެ،" އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.

އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ މިދިޔަ އަހަރުގެ އަހަރި އާއްމު ޖަލްސާ ބޭއްވުމަށެވެ. އަދި އެއަށްފަހު އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ހިމެނޭހެން އިތުރު ތަފްސީލުތައް ހިއްސާކުރަން ވަނީ ނިންމާފަ އެވެ.

"މި ބަޔާންތަކުން އެމްއެމްޕީއާރުސީގެ މާލީ ހަރުދަނާކަމާއި އިސްލާހުތަކާއި އަދި ހިންގުމާއި ބްރޭންޑިން ދާއިރާގައި ގެންގުޅޭ އައު ޕްލޭންތައް ހިއްސާ ކުރެވިގެންދާނެ އެވެ،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

ކުރީގެ މުސްކުޅި މާކެޓިން ދޫކޮށްލައިފި

އެމްއެމްޕީއާރުސީ އިން ވަނީ މި ފަހުން ސްޓްރެޓީޖިކް މާކެޓިން ޕްލޭންގެ ދަށުން، މިވަގުތު 21 އަށްވުރެ ގިނަ އަދަދެއްގެ ކެމްޕެއިންތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި މީގެ އިތުރުން، ބައިނަލް އަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ޑޮލާ ޓު-ޑޮލާ ޕާޓްނަރޝިޕްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ކާމިޔާބުކަމާއެކު ހޯދާފައިވާކަން ފާހަގަކޮށްލަމެވެ. މިފަދަ ކެމްޕެއިންތަކުގެ ސަބަބުން ބަވަނަވަމުންދާ ދުނިޔޭގެ ދަތުރުފަތުރުގެ މާހައުލުގައި ރާއްޖގެ ފަތުރުވެރިކަމުގެ ވާދަވެރި މަގާމު ދެމެހެއްޓުމަށް މި ބާވަތުގެ ޕާޓްނާޝިޕްތައް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.

"މިހާރު މި ކޯޕަރޭޝަންވަނީ ޒަމާނީ ޑޭޓާއަށް ބިނާކޮށް މަސައްކަތްކުރާ ފަތުރުވެރިކަމުގެ ބޯޑަކަށް ހަރުދަނާކަމާއެކު ތަރައްގީވެފަ އެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މިކޯޕަރޭޝަނުންވަނީ ފުރަތަމަ ފަހަރަށް މޯލްޑިވްސް ޑޭޓާ ފޯރަމް ބާއްވައި، އިންޑަސްޓްރީ ސިމްޕޯޒިއަމްއެއް ހިންގައި އަދި ޕްރައިވެޓް ސެކްޓާއާއެކު އެކި ބާވަތުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވެ އެވެ،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

ލިވަޕޫލްއާއެކު ބޮޑު ކެމްޕޭނަކަށް ތައްޔާރު ވަނީ

އެ ކުންފުނިން ބުނީ ކުރިއަށް އޮތް ހަ މަސް ދުވަހަކީ ރާއްޖެއާއި ޓޫރިޒަމަށް ބޮޑު ބަދަލުތަކެއް އަންނާނެ ދުވަސްތަކެކެވެ. މިކޯޕަރޭޝަނުން މިހާރު ތައްޔާރުވަމުން މިދަނީ ލިވަޕޫލް އެފްސީއާ އެކު ތާރީހީ ބައިނަލްއަޤްވާމީ ކެމްޕޭނެއް ފެށުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިއާއެކު، އެކި ބާވަތުގެ ބޮޑެތި ވީޑިއޯ އެކްޓިވޭޝަންތަކާއި ބްރޭންޑް ކޮލަބޮރޭޝަންތައް ވެސް ކުރިއަށް ގެންދިޔުމަށް ރާވާފައިވެ އެވެ. ގްލޯބަލް އެމްބެސެޑާ ޕްރޮގްރާމް ވެސް ފުޅާކުރުމުގެ ގޮތުން މިހާރު ހަތަރު އެމްބެސެޑަރުން ޢައްޔަންކުރެވިފައިވާއިރު، ޖެނެރޭޝަން ޒީގެ ދަތުރުފަތުރުގެ ޓްރެންޑް ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޕްރޮޑަކްޝަން ހައުސްތަކާއެކު އިތުރަށް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުން ގެންދެވެއެވެ. މީގެ އިތުރުން، ރާއްޖެ މާކެޓްކުރުމަށް އެހީތެރިވެދޭނެ ލޯކަލް ބްރޭންޑް އެމްބެސެޑަރުން އައްޔަންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

ދަށްވި އިންޑިއާ މާކެޓު ހަތަރު ޕަސެންޓް އިތުރުކޮށްފި

އެ ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް ދިހަ މާކެޓުތަކުން އަހަރުން އަހަރަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރު ކުރެވިފަ އެވެ.

"ހާއްސަކޮށް މިދިޔަ އަހަރު %39 ދަށަށް ގޮސްފައިވާ އިންޑިއާގެ މާކެޓަށް މިއަހަރު ވަނީ %4 ކުރިއެރުމެއް ލިބިފަ އެވެ. ރަޝިއާ، އިނގިރޭސިވިލާތް އަދި ޗައިނާ ފަދަ މުހިންމު މާކެޓުތަކުން ވެސް ރެކޯޑު ޢަދަދެއްގެ ސާޗް އިންޓްރެސްޓާއި ޑިމާންޑް މިދަނީ ފާހަގަކުރެވެމުންނެވެ. ގޫގުލް ޓްރެންޑްސް އިން ދައްކާ ގޮތުގައި ޔޫރަޕާއި އޭޝިއާގައި ދިވެހިރާއްޖޭގެ މަޢުލޫމާތު ހޯދާ މީހުންގެ އަދަދު 1000% އިތުރުވެފައިވެ އެވެ.،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.


އެމްއެމްޕީއާރުސީ އިން ބުނީ އަވަށްޓެރި ވާދަވެރި އެހެން މަންޒިލްތަކުގެ މާކެޓިންގ އިދާރާތަކަށް، އެ ޤައުމުތަކުގެ ސަރުކާރުން ފުރިހަމަ ސަބްސިޑީ ދެމުންދާއިރު، މި ކޯޕަރޭޝަން ހިންގަމުންދަނީ މާލީ ގޮތުން ވަރަށް ތަފާތު ހާލަތެއްގަ އެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑަށް ބަރޯސާވެފައިވާ ސިނާއަތަށްވުމާއިއެކު ވާދަވެރި ފަތުރުވެރިންގެ ޝައުގުވެރިކަން ލިބޭ ދުނިޔޭގެ ކަންކޮޅުތަކުގައި ވިޒިބިލިޓީ ވަރުދަގަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންވެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކޯޕަރޭޝަނުގައި ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ދަނީ ރެކޯޑު އަދަދެއްގެ ކުރިއެރުންތައް ހޯދަމުންނެވެ. މި ގޮތުން ފާއިތުވި އަހަރު، ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން އެމެރިކާ ޑޮލަރުގެ ޓޫރިޒަމް ރިސީޓްސް ލިބިފައިވެ އެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ހާސިލްކުރެވުނު ލަނޑުދަނޑިއެކެވެ. ހަމައެހެންމެ މި ހިނގާ އަހަރު އެއް މިލިއަން ފަތުރުވެރިންގެ އަމާޒު އެހެން އަހަރުތަކަށްވުރެ ކުރިން ވަނީ ހާސިލްކޮށްފައިވެ އެވެ.

އެ ކުންފުނިން ވަނީ މި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އައު ބައިނަލްއަޤްވާމީ ޓާމިނަލް ހުޅުވުމާއެކު އެއާލައިން ޕާޓްނަރުންގެ ދަތުރުތަކުގެ އަދަދު އިތުރުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި މި އެއާލައިންތަކާއެކު މި ކޯޕަރޭޝަނުން ހިންގާ ކެމްޕެއިންތަކުން، އަމާޒުކުރެވިފައިވާ މާކެޓްތަކުގައި އިތުރަށް ޑިމާންޑް އުފެއްދުމަށް މަގު ފަހިވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.