ބަދުރު ވިދާޅުވި ގޮތުގައި މެއި މަހުގެ ކުރިން މަހަކު 20 މިލިއަން ޑޮލަރު ބޭންކުން ވިއްކިނަމަވެސް މިހާރު މި އަދަދު ވަނީ 45 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
ޑެބިޓް ކާޑުތަކުން ވިޔަފާރިކުރާ އޮންލައިން ހަ ސައިޓަކަށް އިތުރު ޗާޖެއް ނަގަން ފެށީ މަޖުބޫރު ވެގެން، އެހެން ގޮތެއް ނެތިގެން ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ގައުމީ ޓީވީ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އާއްމުކޮށް މަހެއްގެ މައްޗަށް ކާޑުތަކުން 16 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރުގެ ހަރަދެއް ކުރަމުން ދިޔަނަމަވެސް، މެއި މަހުން ފެށިގެން މި އަދަދު މަަހަކު 45 މިލިއަން ޑޮލަރަށް އިތުރު ވެގެން ދިޔަ ކަމަށެވެ. އަދި މިއީ ބޭންކަށް އެއްގޮތަކަށް ވެސް ހިފެހެއްޓޭނެ ބަދަލެއް ނޫން ކަމަށާއި، އޮންލައިން ޝޮޕިން އީ-ކޮމާސް ވެބްސައިޓްތަކުން އިތުރު ޗާޖެއް ނަގަން ފެށީ އެހެން ގޮތެއް ނެތިގެން ކަމަށް ބަދުރު ވިދާޅުވި އެވެ.
"ފަހުން ވާން ފެށި ގޮތަކީ މި 45 މިލިއަން ޑޮލަރުގެ 75 ޕަސެންޓް މިދަނީ އީކޮމާސް ސައިޓްތަކަށް. ހާއްސަކޮށް ހަ ވެބްސައިޓަކަށް [ގާތްގަނޑަކަށް މަހަކު 9 މިލިއަން ޑޮލަރު] ހަރަދުވޭ،" ބަދުރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭންކުގެ ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދެނީ ގަންނަ ޑޮލަރާއި އެމްއެމްއޭ އިން އެލޮކޭޓް ކުރާ ޑޮލަރު ކަމަށާއި، ބޭންކަށްވެސް ޑޮލަރު ލިބެނީ ވަކި މިންވަރަކަށް ކަމަށެވެ.
"މި ޑޮލަރުން އެންމެ މުހިންމު ކަމަކީ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ވިއްކުން. ހަމަ ބޭރަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް. އަދި ބޭރުގައި ކިޔަވާ ކުދިންނަށް ފޯރުކޮށް ދޭން،" ބަދުރު ވިދާޅުވި އެވެ. "އެކަމަކު ބޮޑު އަދަދެއް އީ-ކޮމާސް ސައިޓުތަކަށް ޝޮޕިންއަށް ދާނަމަ ސްޓޫޑެންޓް ޕޭމަންޓާއި ބޭސް ފަރުވާގެ ޑޮލަރު މަރުވޭ. އެހެންވެ ކޮންޓްރޯލެއް ގެނައުމުގެ ގޮތުން ޗާޖެއް ނެގީ،"
ބީއެމްއެލްގެ ޕީއާރު މެނޭޖަރު މުހައްމަދު ނާސިހު ވިދާޅުވީ ދިވެހިން ބޭރުން ވިޔަފާރިކުރާ އެއް ލައްކަައަށްވުރެ ގިނަ ވެބްސައިޓް އެބަހުރި ކަމަށާއި، އިތުރު ފީއެއް ނެގީ ޑެބިޓް ކާޑުން އެންމެ ހަ ސައިޓަކުންނެވެ.
"މި ހަ ވެބްސައިޓަށް ކޮންޓްރޯލެއް ލީ. އަޅުގަނޑުމެންގެ ރިސޯސަސް ހުރި ގޮތުން ބޭނުން ކުރަން ޖެހޭނީ،" ނާސިހު ވިދާޅުވި އެވެ.
ނާސިހު ވިދާޅުވީ ރާއްޖޭން ބޭރުގައި އުޅޭ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް 750 ޑޮލަރު ލިބިގެންދާނެ ކަމަށާ ބޭރުގައި އުޅޭ ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ މިދިޔަ އަހަރު ޑިސެމްބަރު މަހު އާއްމުކުރި ޕޯޓަލްގައި އެ ފަރާތްތަކުން ރަޖިސްޓްރީވުމެވެ.
"[ޕޯޓަލް] ގައި ރަޖިސްޓްރީ ނުކުރާނަމަ އޭޓީއެމްތަކުން ވިތްދްރޯ ކުރެވޭނީ އެހެން މީހުންނެކޭވެސް އެއްގޮތަށް 125 ޑޮލަރު. އެހެންވެ މި ފުރުސަތުގައި ބުނެލަން ބޭނުންވަނީ އަވަހަށް ރަޖިސްޓްރީ ކުރާށޭ. ރަޖިސްޓްރީ ކުރީމަ ޕީއޯއެސް މެޝިންތަކާއި އޭޓީއެމް ތަކުން ވެސް ބޭނުން ކުރެވޭނެ،" ނާސިހު ވިދާޅުވި އެވެ.
މި ޕޯޓަލްގައި މިހާތަނަށް 5000 އަށްވުރެ ގިނަ ދަރިވަރުންނާއި ގިނަ އަދަދެއްގެ އެހެނިހެން ފަރާތްތަކުން ވަނީ މި ޕޯޓަލްގައި ރަޖިސްޓްރީކޮށްފަ އެވެ.