ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި ރަށްތަކުގެ ޖުމްލަ އެކުއެޒިޝަންކޮސްޓް އުލެނީ އެއް ލައްކަ ޑޮލަރާއި މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އެންމެ ކުޑަ ކުއްޔެއް އިއުލާނުކޮށްފައިވަނީ ތ. މާގުޅިއަށެވެ.
އިސްލާމިކް ފްރެންޑްލީ ޓޫރިޒަމް ނުވަތަ ހަލާލް ޓޫރިޒަމަށް ނެރޭ ރަށްތަކުން ރާއްޖޭގެ މާކެޓަށް އަލަށް 552 އެނދު ނުކުންނާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ އާއި ހދ އަދި ށގެ އިތުރުން ތ އަދި ލ އަތޮޅުގެ ފަސް ރަށެއް ހަލާލް ޓޫރިޒަމަށް ހުޅުވާލާފަ އެވެ. މީގެ އިތުރުން އައްޑޫ ހަންކެޑެވެސް މި ބާވަތުގެ ޓޫރިޒަމަަށް ނެރެން ނިންމާފައިވެ އެވެ. މި ރަށްތަކުން ޖުމްލަ 552 އެނދު ބާޒާރަށް ނެރޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި ރަށްތަކުގެ ޖުމްލަ އެކުއެޒިޝަންކޮސްޓް އުލެނީ އެއް ލައްކަ ޑޮލަރާއި މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އެންމެ ކުޑަ ކުއްޔެއް އިއުލާނުކޮށްފައިވަނީ ތ. މާގުޅިއަށެވެ. ގާތްގަނޑަށް 3.5 ހެކްޓަރުގެ މި ރަށަށް އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި އިއުލާނުކޮށްފައިވަނީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) ގަ އެވެ. އަދި ބޮޑު އަގުގައި ދޫކުރަން ހުޅުވާލީ ހދ. މަކުނުދޫ ފަރުގެ 200 ހެކްޓަރެވެ. މި ފަޅުގެ އަގަކީ 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެންމެ މަދުވެގެން 100 އެނދު ތަރައްގީ ކުރަން ލާޒިމްކޮށްފައިވެ އެވެ. އަދި އެންމެ ބޮޑު ފަޅު ކަމަށްވާ މަކުނުދޫ ފަޅުގައި 150 އެނދު އެންމެ މަދުވެގެން ހުންނަން ލާޒިމްކޮށްފައިވެ އެވެ.
މި ރަށްތައް ހުޅުވާލި ސަބަބާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި "މިރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމާއި ތިމާވެށީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މި ރަށްތަކުގެ ސަބަބުން ދިވެހި ޓޫރިޒަމްގެ ބްރޭންޑަށް އެއްވެސް ބަދަލެއް އަތުވެދާނެ ކަމަށް ނުވެލެވެ އެވެ.
"މިއީ ހަމަ ޓޫރިޒަމް ޑައިވާސިފިކޭޝަންގައި ހިމެނޭ ބައެއް. އެހެން ސްޕޯޓް އަދި ކަލްޗަރަލް ޓޫރިޒަމް ގޮތަށް. މިއީ އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.
ރަށްތައް ނަގަން ބޭނުންވާ ފަރާތްތަކަށް 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅު ކުރަން ފުރުސަތު ދޭނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަލާލް ޓްރެވަލާސް ނުވަތަ ހަލާލް ޓޫރިޒަމްގެ މާކެޓުގެ އަގު މި އަހަރު ހުރީ 300 ބިލިއަން ޑޮލަރުގަ އެވެ. އަދި 2035 ވަނަ އަހަރު މި އަދަދު 500 ބިލިއަން ޑޮލަރަށް އުފުލިގެންދާނެ އެވެ. މިއީ އޭޝިއާ އާއި ޔޫރަޕު އަދި ދެކުނު އެމެރިކާ އަދި މެދެއިރުމަތިންވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ މާކެޓެކެވެ.