ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ 2040 ވަނަ އަހަރަށް މުޅި މަޝްރޫއު ނިންމާލެވި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތަކެއް އިންތިޒާމު ކުރާ ގޮތަށެވެ.
ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެން ފަހިކޮށްދޭނެ ޕްރޮގްރާމެއް ފަށައިފި އެވެ.
ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ 2040 ވަނަ އަހަރަށް މުޅި މަޝްރޫއު ނިންމާލެވި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތަކެއް އިންތިޒާމު ކުރާ ގޮތަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންވެސްޓްމެންޓް މައިގްރޭޝަން އެޑްވައިޒަރީ ކުންފުނި ހެންލީ އެންޑް ޕާޓްނާސްއި އިކޮނޮމިކް މިނިސްޓްރީން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
މި ޕްރޮގްރާމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަށް ގިނަ ބަޔަކު ދަތުރުކުރާ ބޮޑު ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އޮތްއިރު މިއީ ރާއްޖެއަށް މުހިންމު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން ފޮރިން އިންވެސްޓަރުންނަށް ފަސޭހައިން ރާއްޖޭގައި ދިރިއުޅެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ.
ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓާއި ހޮސްޕިޓާލިޓީ އަދި އުމްރާނީ ތަރައްގީގެ އެހެން ދާއިރާތަކުގައި އިންވެސްޓް ކުރަން މަގުފަހިވާނެ އެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ދާއިރާ ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ވަޒީރުންގެ މަޖިލީހުގެ ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތަށް އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދަން މަޝްވަރާކޮށްފަ އެވެ.
އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްތަކަކީ ސިންގަޕޫރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ވެސް ހިންގާ ޕްރޮގްރާމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު، އެ ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ގެންދާނެ ގޮތާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ދެއްވައިފައެއް ނުވެއެވެ.
އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ ގައުމުތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ މީހުންނަށް އެ ގައުމަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.