އިންޑިއާ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ލިޔެފައިވާ ގޮތުގައި، ވަގަށް ނެގި ފައިސާގެ އެއްބައި ނޭޕާލަށް ފޮނުވައި އަދި އަނެއްބައި އަމިއްލައަށް ބޭނުންކޮށްފައިވާ ކަމަށް އަންޖަން ވަނީ އެއްބަސްވެފަ އެވެ.
އިންޑިއާގައި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)ގެ ޑޮލަރުތަކެއް ވަގަށް ނެގުމަށްފަހު ފިލި ނޭޕާލު އަންހެނަކު ހައްޔަރު ކޮށްފި އެވެ.
އިންޑިއާގެ ނޫހެއްގައި އެ ހަބަރު ރިޕޯޓު ކުރުމާ ގުޅިގެން ނަޒޫ މިއަދު ފޭސްބުކްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. ނަޒޫ ވިދާޅުވީ ޖޫން މަސްތެރޭގައި އިންޑިއާއަށް ދިޔައީ ބައްޕަގެ މުހިންމު އޮޕަރޭޝަނެއް ކުރުމަށެވެ.
ނަމަވެސް ނަޒޫ ވިދާޅުވީ އޮޕަރޭޝަން ދިގުލައިގެން ދިއުމާއެކު ބައްޕަގެ ކަންކަމުގައި އެހީތެރިވެދިނުމަށް އަންޖަން ކިޔާ ނޭޕާލު މީހަކު ރާއްޖެ ގެނެސް، އޭނާ ގޮވައިގެން ބައްޕަގެ އޮޕަރޭޝަނަށް އިންޑިއާގެ ކޮޗިންއަށް ދިޔަ ކަމަށެވެ. ކޮންމެ ރެއަކު ބައްޕަ ކައިރީ ތިބެނީ އޭނާގެ އިތުރުން ދައްތަ އާއި އަންޖަން ކަމަށާއި، ބޭރު މީހާ ފެންވަރާ ރީތިވުމަށް ދަނީ އެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންދިމާކުރި ގޮތުން އެދުވަހު ދިޔަގޮތަށް އޭނާގެ ހަބަރެއް ނުވިއެވެ. ސީސީޓީވީ ފުޓޭޖު ބެލިއިރު ހަމަޖެހިލައިގެ ފިލަނީއެވެ. ދެން އަތްދަބަސް ބެލިއިރު އޭނާވަނީ ބޭސްފަރުވާގެ ކަންކަމަށް ގެންދިޔަ ފައިސާއިން ގިނަ އަދަދެއް ހިފައިގެން ފިލާފައެވެ." ނަޒޫ ލިޔުއްވާފައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ފިލީ 1500 ޑޮލަރު ވަގަށް ނަގައިގެންނެވެ. އުމުރުން 23 އަހަރުގެ އަންޖަން ހައްޔަރު ކޮށްފައި ވަނީ އޭނާގެ ފޯނު ޓްރޭސްކޮށްގެން، މުމްބާއީގެ އަވަށެއް ކަމަށްވާ ތާނޭ އިންނެވެ. އަންޖަން ހޯދާފައި ވަނީ ވައްކަން ކޮށްގެން ފިލިތާ ދެ ދުވަސް ފަހުން، ތާނޭ އަވަށުގެ ހޮޓަލެއްގައި ކައްކާއެއްގެ ވަޒީފާގައި އުޅެނިކޮށެވެ.
އިންޑިއާ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ލިޔެފައިވާ ގޮތުގައި، ވަގަށް ނެގި ފައިސާގެ އެއްބައި ނޭޕާލަށް ފޮނުވައި އަދި އަނެއްބައި އަމިއްލައަށް ބޭނުންކޮށްފައިވާ ކަމަށް އަންޖަން ވަނީ އެއްބަސްވެފަ އެވެ.
ނަޒޫ ވަނީ ކޮޗިން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު އަވަހަށް މައްސަލަ ބަލައިދިނީތީ ޝުކުރު އަދާކުރައްވާފަ އެވެ.