120 ޓަނަށްވުރެ ގިނަ ބޮޑުކަންނެލި ނުކިރި ހުރުމުން މަޖިލީހަށް ކުއްލި މައްސަލައެއް

"މިހިނދުގައި ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި އެކިއެކި ދޯނި ފަހަރުގައި އެބަހުރި، އެކަންނެލިތައް ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވުމުގެ ބިރު އެބަ އޮތްކަން ފާހަގަކުރަން،"

ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު --

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރި، މިހާރު ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދެވެ. ޒިޔާދު ވިދާޅުވީ މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކުރުމާއި، ބޮޑުކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި، ބޮޑު ކަންނެލީގެ އަގު 80 ރުފިޔާއާ 100 ރުފިޔާއާ ދެމެދުގެ އަގަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުތެރޭގައި ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދިފައި ނުވާ ކަމަށާއި، މަސްވެރިން ބާނާ ބޮޑުކަންނެލި ކިރޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ކަންނެލި ކިރުމަށްފަހު ފައިސާ ދިނުން އިންތިހާޔަށް ލަސްވެގެންދާ ކަމަށާއި، މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދަތިތައް ދިމާވާކަމުގެ ޝަކުވާތައް މަސްވެރިން ކުރަމުން އަންނަ ކަމަށް އެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

"މިހިނދުގައި ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި އެކިއެކި ދޯނި ފަހަރުގައި އެބަހުރި، އެކަންނެލިތައް ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވުމުގެ ބިރު އެބަ އޮތްކަން ފާހަގަކުރަން،" ކުއްލި މައްސަލަ އިއްވަމުން ޒިޔާދު ވިދާޅުވި އެވެ.

މަސްވެރިންކަން ރަގަޅުވާ ކޮންމެ ފަހަރަކު މަސްކިރޭނެ ގޮތެއްނެތި މަސްވެރިންނަށް އެތައް ތަކުލީފެއް އުފުލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފެންނަ ކަމަށް މެންބަރުން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްވެފައި ވަނީ 40 މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.