ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރަށް ނަގުދު ފައިސާ ނެގޭ ގޮތް އަލުން ހަދައިފި

ރާއްޖޭން ބޭރުގައި އުޅޭ ނަމަ ކުރިން ވެސް އޮންނަ ގޮތަށް، ބީއެމްއެލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، ކުރިން ވެސް އޮތް ގޮތަށް މަހަކަށް 750 ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ

ގައުމީ ބޭންކުގެ އޭޓީއެމް އިން ފައިސާ ނަގަނީ -- ބީއެމްއެލް

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް، ޑެބިޓު ކާޑުން ނަގުދު ފައިސާގެ ގޮތުގައި 750 އެމެރިކާ ޑޮލަރާ ހަމައަށް ނެގޭނެ ގޮތް، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަލުން ހަމަޖައްސައިދީފި އެވެ. 

ބީއެމްއެލްގެ ޑެބިޓު ކާޑުތަކުން މަހަކަށް 250 ޑޮލަރުގެ މުއާމަލާތްތައް ކުރެވޭތީ، އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީ، އެކަން ހުއްޓުވަން އެ ބޭންކުން އިއްޔެ ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. 

ބީއެމްއެލް އިން ޑެބިޓް ކާޑުތަކަަށް ދެމުން ގެންދިޔަ ލިމިޓް މިއަދުން ފެށިގެން 500 ޑޮލަރަށް މަތިކުރީ އިތުރު ބަދަލުތަކާ އެކު އެވެ. 

ބޭންކުން ބުނީ މި ބަދަލު ގެނެސްފައިވަނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމް ތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަ ކުރެވިގެންނެވެ. އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމް އިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު އެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ވަނީ ހަމަޖައްސާފަ އެވެ. 

މީގެ ތެރޭގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް ހިމެނޭތީ ބައެއް މީހުން ވަނީ އެކަމުން ކުރިމަތިވާނެ ދަތިތަކުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. 

އެކަމާ ގުޅިގެން ބީއެމްއެލްއިން މިއަދު ބުނީ، ރާއްޖޭން ބޭރުގައި އުޅޭ ނަމަ ކުރިން ވެސް އޮންނަ ގޮތަށް، ބީއެމްއެލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، ކުރިން ވެސް އޮތް ގޮތަށް މަހަކަށް 750 ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި އެ ލިމިޓާ ހަމައަށް ނަގުދު ފައިސާ ވެސް އޭޓީއެމް މެދުވެރިކޮށް ނެގޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. 

ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓު 1،200 ޑޮލަރަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ބޮޑުކޮށްފަ އެވެ. ބޭންކުން ބުނީ ކާޑު ލިމިޓްތަކަށް ގެނައި ބަދަލުގެ އަސަރެއް ބޭރުގައި އުޅޭ ދަރިވަރުންނަށް ނުކުރާނެ ކަމަށާއި، ބޭރުގައި އުޅޭ ދަރިވަރުންނަށް އޭޓީއެމުން ވެސް ކުރިއެކޭ އެއްގޮތަށް ފައިސާ ނެގޭނެ ކަމަށެވެ.

އިއްޔެ ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނަގަން ފެށުމެވެ. މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެ އެވެ. 

ބީއެމްއެލްއިން އިއްޔެ ބުނެފައިވާ ގޮތުގައި، ބޭރުގެ މުއާމަލާތްތަކަށް މަހަކު ހަމަޖައްސައިދޭންޖެހޭ 45 މިލިއަން ޑޮލަރުގެ 75 ޕަސެންޓަކީ އީކޮމާސް ސައިޓުތަކުން ވިޔަފާރިކުރަން ހަމައްޖައްސައިދޭ ޑޮލަރެވެ. 

އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، ދުވާލަކަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.