އޭނާ ވިދާޅުވީ، ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށާއި، އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު ކަމަށްވާ ހަންކެޑެ މަޝްރޫއު "ހަލާލް ޓޫރިޒަމް" މޮޑެލްއަށް ހިންގޭނެކަމަށް ގަބޫލުކުރައްވާ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޓޫރިޒަމް ތަރައްގީވެފައިނުވާ އަތޮޅު ތަކުގައި ޓޫރިޒަމް ފުޅާކުރެއްވުމަށް ނިންމައި، ސަރުކާރުން ވަނީ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ ހަންކެޑޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ރައީސް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ހަންކެޑޭގައި މީގެ ކުރިން ހިންގަން ނިންމާފައި އޮތީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެ މިނިސްޓްރީގެ އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ، އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް ހާއްސަކުރީ އެ މަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓައިލުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށާއި، އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.
"އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް،" އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ.
ހަންކެޑެ މަޝްރޫއުއަކީ، އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެކެވެ.
މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.