ބީއެމްއެލްއިން ޑެބިޓް ކާޑު ލިމިޓު 500 ޑޮލަރަށް މަތިކޮށްފި

ބީއެމްއެލްއިން ލިމިޓު މަތިކޮށްފައިވަނީ ބައެއް ބަދަލުތަކާއެކުގަ އެވެ. މިގޮތުން ބޭރުގައި ޑޮލަރު ނެގޭ ލިމިޓް ކުޑަ ކުރުމާއި ބައެއް ސައިޓްތަކުން ތަކެތި ގަންނައިރު ފީއެއް ނެގުން ފަދަ ބަދަލުތައް ހިމެނެ އެވެ.

ބީއެމްއެލް އިން ޑެބިޓް ކާޑު ތަކަަށް ދެމުން ގެންދިޔަ  ލިމިޓް މާދަމައިން ފެށިގެން 500 ޑޮލަރަށް މަތިކޮށްފި އެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ  ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެ އެވެ.

މިހާތަނަށް ޑެބިޓް ކާޑުތަކުން ޑޮލަރު މުއާމަލާތް ކުރެވެމުން އައީ މަހަކު 250 ޑޮލަރާ ހަމަަށެވެ. ނަމަވެސް މި ބަދަލާއެކު އިތުރު 250 ޑޮލަރު ލިމިޓެއް ލިބިގެންދާނެ އެވެ. 

މި ބަދަލާއެކު ބީއެމްއެލްއިން ވަނީ އިތުރު ބައެއް ބަދަލުތައްވެސް ގެނެފަ އެވެ. ބޭންކުން ބުނީ މި ބަދަލު ގެނެސްފައިވަނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމް ތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަ ކުރެވިގެންނެވެ. އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމް އިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު އެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ވަނީ ހަމަޖައްސާފަ އެވެ. 

ޑެބިޓް ކާޑު ތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މި ވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ އެވެ. މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެ އެވެ. 

ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެ އެވެ. ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ.

ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.