ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެ މިނިސްޓްރީގެ އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އައްޑޫ ސިޓީގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު ކަމަށްވާ ހަންކެޑެ މަޝްރޫއު "ހަލާލް ޓޫރިޒަމް" ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގައި ޓޫރިޒަމް ތަރައްގީވެފައިނުވާ އަތޮޅު ތަކުގައި ޓޫރިޒަމް ފުޅާކުރެއްވުމަށް ނިންމައި، ސަރުކާރުން ވަނީ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ ހަންކެޑޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ރައީސް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ހަންކެޑޭގައި މީގެ ކުރިން ހިންގަން ނިންމާފައި އޮތީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެ މިނިސްޓްރީގެ އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމު ޓޫރިސްޓުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށް ވެސް މެހުމާންދާރީ އަދާކުރެވޭ ގޮތަށް، ފަރުމާކުރެވިފައިވާ ހިދުމަތްތަކެއް ކަމަށެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގަ އެވެ.
އައްޑޫ ސިޓީގެ ހަންކެޑެގައި ތަރައްގީ ކުރާ "ހަލާލް ޓޫރިޒަމް" ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހަލާލް ޓޫރިޒަމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ އިތުރުން ތ. ލ. އަތޮޅުތަކުގެ ރަށްތަކެވެ. މިއަދު ޖުމްލަ 31 ރަށެއް ހުޅުވާލިއިރު ކޮންމެ އަތޮޅަކުން އެއް ރަށް ހާއްސަކޮށްފައިވަނީ އިސްލާމިކް ޓޫރިޒަމަށް ހާއްސަ ޑްރައި ރިސޯޓު ކޮންސެލްޓަށް ތަރައްގީ ކުރުމަށެވެ.