ރާއްޖޭގެ އިގްތިސޯދަށް ރޭ އެ ލިބުނީ ވަރުގަދަ ފިލާވަޅެއް

މެދުއިރުމަތިން ރޭ އެކަނި ކެންސަލްވި ފްލައިޓްތަކާއެކު ރާއްޖެ އަންނަން ތިބި 1،800 އަށްވުރެ ގިނަ ޓޫރިސްޓުންނަށް މިއަދު ނާދެވޭނެ އެވެ. އަދި ރާއްޖޭން ފުރަން ތިބި 1700 ޓޫރިސްޓުންނަށް ފުރޭނެ ގޮތް ނުވެ ތިބީ ތާށިވެފަ އެވެ.

ވީއައިއޭއަށް ޖެޓުތަކެއް ޖައްސާފަ: މެދުއިރުމަތި ހޫނު ވެއްޖެނަމަ އެންމެ ފުރަތަމަ ގެއްލޭނީ މަހުޖަނުންގެ މާކެޓް -- ވީއައިއޭ

މެދުއިރުމައްޗަށް ބަލާއިރު މިހާރު ފެންނަނީ ކޮންމެ ވަގުތެއްގައި ވެސް ހުޅުގަނޑު ފަޅައިގެން ހިންގައިދާނެ ފަދަ ހަލަބޮލި ނިޝާން ތަކެކެވެ. ޔަހޫދީ އިޒްރޭލާއި އީރާނުން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުމުގެ ނަތީޖާއަކީ މުޅި ދުނިޔެ ނުތަނަވަސް ކަމަށް ވެއްޓުމެވެ، ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަވަދިނެތި އުޅޭ ނުލަފާ އިޒްރޭލުން އީރާނަށް އިސްވެ އޮވެ ދިން ހަމަލާތަކާއެކު މި ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު މި ވަނީ ހީވެފަ އެވެ. މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ އިން ވަދެ އީރާނުގެ ނިއުކްލިއަ ތަންތަނަށް ހަމަލާ ދިނުމުން އީރާނުން ރޭ ވަނީ ބަދަލު ހިފަން ހަމަލާ ތަކެއް ދީފަ އެވެ. މިއާއެކު ހަނގުރާމަ ހުއްޓާލަން ޔަހޫދީންނާއި އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ރޭ އިއުލާނު ކުރިނަމަވެސް ހަގީގީ އެއްބަސްވުމެއް އޮތް ކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ. އަދި އެއްބަސްވުމެއް އޮތަސް ޔަހޫދީން އެއަށް އަމަލު ނުކުރާނެކަން އެއީ ދުނިޔެ ދައްކާ ހަގީގަތެވެ. އެހެންވެ މި ހަނގުރާމަ ދެން ވެދާނެ ގޮތަކާމެދު ވަނީ މިވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ. މި ހަނގުރާމަ ފުޅާވެއްޖެނަމަ ދިވެހި އިގްތިސޯށް ހީވެސް ނުކުރާ ވަރުގެ ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. ރޭ ފެނިގެން އެދިޔައީ އެ ނުރައްކަލުގެ ކުރު ހުލާސާ އެކެވެ. 

މި ހަނގުރާމައާ ބެހޭ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ރޭ ޓޫރިޒަމް ގްރޫޕުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމައް އަތުވެދާނެ ލޮޅުމަކާއި މެދު ވިސްނާ މިހާރުން މިހާރަށް އެޅެން އޮތީ ކޮން ފިޔަވަޅުތަކެއް ތޯ ބަލާން ވެއްޖެ ނޫންތޯ އެވެ. 

ކުރުކޮށް ނަމަވެސް ޝާޒް އެ ވިދާޅުވީ ކުރިއަށް ހުރި ރާޅުތަކުގެ ހުދު ފޮނު ހުރި މިންވަރު ދައްކުގައިދޭ ވާހަކަ ފުޅެކެވެ. ހާއްސަކޮށް މެދުއިރުމަތީގައި ކަމެއް ފެށިއްޖެނަމަ ރާއްޖެ އަށް އަންނަ ރާޅު ބޮޑުވާނެކަން ޝާޒްއަށް އެނގިވަޑައިގަންނަވާނެ އެވެ. މިއީ މުޅި ދުނިޔޭގެ އެންމެ ބޮޑު ކަނެކްޓިން ޕޮއިންޓް އޮތް ސަރަހައްދެވެ، މި ސަރަހައްދުގެ ޔޫއޭއީ ނުވަތަ ގަތަރު ބަންދުކޮށްފިނަމަ މުޅި ދުނިޔެ ކޮށި އަރާނެ އެވެ. ކޮވިޑުގައިވެސް ޔޫއޭއީ އޮތީ ހުޅުވިފަ އެވެ. ދުނިޔެއަށް "ދިރުން" ލިބުނީ އެހެންވެ އެވެ.

މި ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 60 ޕަސެންޓް އަންނަ ސަރަހައްދެވެ. ރާއްޖޭގެ ހައި އެންޑް ރިސޯޓުތަކުގެ ކޮޓަރިތައް ފުރާ މަހުޖަނުންގެ ބޮޑު ބަޔަކީ މެދުއިރުމަތީގައި ބަނޑަހަ ޖަހައިިިގެން ތިބޭ މީހުންނެވެ. އަދި އަންނަ ޓޫރިސްޓުންގެ ގިނަ ބަޔަކަކީ ވެސް މެދުއިރުމަތިން އަންނަ މީހުންނެވެ. އިންޑިއާ މީހަކު އަޔަސް އެ އަންނަނީ ދުބާއީ މަގުންނެވެ. އެމީހުންގެ ޕާސްޕޯޓުގައި ރަޝިއާ ނޫނީ ޔޫއެސް ޖަހާފަ އޮތަސް އެ މީހުންގެ މަސައްކަތު ވަޒަނަކީ ދުބާއީ ނޫނީ ދޯހާ އެވެ. ނޫނީ މަސްކަތު ނުވަތަ މިސުރެވެ. 

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އިސް ފަރާތެއް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިއޮތީ ބޮޑު ކްރައިސިސް ސިޗުއޭޝަނެއްގެ ގޮތުގައި ދެކިވަޑައިގަންވަ އެވެ.  

"މެދުއިރުމަތިން އަންނަ މީހުން މަދުވެއްޖެނަމަ ޓޫރިޒަމަށް އިފެކްޓް ވަރަށް ބޮޑުވާނެ. ރަޝިއާ ހަނގުރާމައަށްވުރެ އަންނަ އިމްޕެކްޓަށްވުރެ ދެގުނަ ބޮޑުވާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

ޗައިނާއިން އައި ޓޫރިސްޓުންތަކެއް ބޯޓުން ފައިބަނީ -- ވީއައިއޭ

މި ނުރައްލަލުގެ ސިގްނަލެއް ރޭ ވަނީ ލިބިފަ އެވެ. އީރާނުން އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި ގަތަރަށް "ލުއި" ހަމަލާްއެއް ފޮނުވާލުމާއެކު ޔޫއޭއީ އާއި އެހެން ގައުމުތަކުގެ ވައިގެ ސަރަހައްދު މަދު ވަގުތު ކޮޅަކަށްނަމަވެސް ބަންދު ކުރަން ޖެހުމުގެ ނަތީޖާއަކީ ދިވެހި ޓޫރިޒަމް ލިބުނު ގެއްލުން މިލިއަން ޑޮލަރުން ކިޔަން ޖެހުމެވެ. 

މިރާ އަށް އެނގިފައިވާ ގޮތުގައި ޔޫއޭއީ އާއި ގަތަރުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން މިރޭ ބަންދު ކުރުމުން ފްލައި ޑުބާއީ އާއި އިއްތިހާދު އެއާވޭސް އަދި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އިން މިއަދު ރާއްޖެ އަންނަ އޮތް ޓޫރިސްޓުންނަށް ނާދެވޭނެ އެވެ. އަދި ރާއްޖޭން ފުރަން ތިބި ޓޫރިސްޓުންނަށް ވެސް ނުފުރޭނެ އެވެ. އެންމެ ކުންފުންޏަކުން މިރާ އަށް ހިއްސާ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖެ އަންނަން ތިބި 1،800 އަށްވުރެ ގިނަ ޓޫރިސްޓުންނަށް މާދަމާ ނާދެވޭނެ އެވެ. އަދި ރާއްޖޭން ފުރަން ތިބި 1700 ޓޫރިސްޓުންނަށް ފުރޭ ގޮތް ނުވެ ތިބީ ތާށިވެފަ އެވެ. 

މިކަމުގެ ސަބަބުން ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ނާދެވި އަދި ރާއްޖޭން ފުރަން ތިބި ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްވެފަ އެވެ. ގަތަރާއި ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ އަދި ފްލައި ޑުބާއީ ފަދަ އެއާލައިންތަކުގެ ސަހަރުތަކެވެ. 

ރާއްޖެ އަށް ގިނަ އަދަދެއްގެ މެދުއިރުމަތީގެ ފްލައިޓް ގެންނަ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިފަދަ ހާލަތަކީ ގެއްލުން ބޮޑު ކަމަށްވާނެ އެވެ.

މި ގެއްލުން ދިގު ދެމިގެން ގޮސްފިނަމަ ހަމައެކަނި މީގެ އަސަރު ކުރާނީ ހަމައެކަނި ޓޫރިޒަމަށް އެކަންޏެއް ނޫނެވެ. މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އެހެންވެ މިއީ މުޅި އިގްތިސޯދަށް މީގެ ބޮޑު ގެއްލުން އަންނާނެ ކަމެކެވެ. 

ދުނިޔޭގައި މިހާރު އުފެދުމުންދާ ނުތަނަސްކަމާއެކު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ އަގު އުފުލިގެން ދިއުމެވެ. މިހާރު ވެސް ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 80 ޑޮލަރު ހުރަސްކޮށްފަ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިގޮތަށް ހާލަތު އޮވެއްޖެނަމަ ތެލުގެ އަގު 13 ޕަސެންޓް އުފުލޭނެ އެވެ. އަދި މި ހާލަތު ގޯސްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ދުނިޔޭގެ އެކި ހިސާބުތަކަށް ތެޔޮ ސަޕްލައިކުރާ މައިމަގު ކަމަށްވާ ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްލުމެވެ. މިއީ ދުނިޔޭގެ ތެލުގެ 20 ޕަސެންޓް ދަތުރުކުރާ މަގެވެ. މިކަން ކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށްވުރެ މަތި ވެގެންދާނެ އެވެ. މީގެ ސަބަބުން ރާއްޖެ އަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ.

ދައުލަތުގެ ބަޖެޓް ފޮތް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާއެކު "ވޯލްޑް އިންފްލޭޝަން" ނުވަތަ ދުނިޔޭގައި ތަކެތީގެ އަގުތައް މަތިވެ އެވެ. ޓްރަޕުގެ ޓެރިފް ހަނގުރާމައިގެ ސަބަބުން މިހާރުވެސް ގޯސްކޮށް އޮތް ދުނިޔޭގެ އިގްތިސޯދު އިތުރަށް ގޯސް ވެގެންދާނެ ތެލަކަށް ވެގެންދާނީ މިހާރު މެދުއުރުމަތީގައި ހިންގާ ކޯޅުންތައް އިތުރަށް ގޯސްވެ ހުޅުގަނޑު އަނދައިގެން ދިއުމެވެ. ތެލުގެ އަގު އުފުލެން ފަަށައިފިނަމަ ރާއްޖެއަަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ނުވަތަ ހަރަދުތައް ބަލަހައްޓައި ފައިސާ މެނޭޖުކުރަން ކުރިމަތިވާނެ ގޮންޖެހުންތަކެވެ. ތެލުގެ އަގު އުފުލޭނަމަ ދައުލަތުން ތެޔޮ އެތެރެކުރަން ކުރަން ޖެހޭ ހަރަދު ބޮޑު ވެގެންދާނެ އެވެ. އަދި ތެލުގެ ސަބްސިޑީ އަށް ކުރާ ހަރަދު ވެސް އުފުލިގެންދާނެ އެވެ.

މިއީ ބަޖެޓަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށްވާނެ އެވެ. އަދި މިކަމުގެ އަސަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ވެސް އަސަރު ކުރުން ގާތެވެ. ޖުމްލަ ރިޒާވުގައި 800 މިލިއަން ޑޮލަރު ދެއްކިނަމަވެސް އެވްރެޖުކޮށް ރާއްޖޭގެ ބޭރުން ކުރެވޭ ނިޒާވްގައި ހުންނަނީ 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރެވެ. މިއީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. ހާރަށް ތަރާވީހަކަށްވެސް ބޭނުން ކުރަން ހުންނަ މިންވަރަކީ މި އެވެ.


ތެލުގެ އަގު އުފުލިއްޖެނަމަ ތެލޮ އެތެރެކުރަން ބޭރު ފައިސާ ބޭނުންވާ މިންވަރު އިތުރުވާނެ އެވެ. މީގެ އެންމެ ފަހުގެ މިސާލަކީ 2022 ވަނަ އަހަރު ރަޝިއާ-ޔޫކްރޭން ހަނގުރާމައާއެކު ތެލުގެ އަގު އުފުލިގެން ދިއުމުން ކުރިމަތިވި ގޮންޖެހުންތަކެވެ. ރަޝިއާއާއި ޔޫކްރެއިން އިން ހަނގުރާމަ ފެށުމުގެ ކުރީގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 69 ޑޮލަރުގަ އެވެ. އެކަމަކު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 100 ޑޮލަަރަށް އުފުލުނެވެ.

ހިސާބުތައް ދައްކާ ގޮތުގައި އެ ހަނގުރާމައިގެ ކުރީގައި ތެޔޮއެތެރެކުރަން އާއްމުކޮށް ރާއްޖޭން ހަރަދުކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ތެލުގެ އަގު އުފުލުން އެތެރެކުރަން ކުރާ ހަރަދު ދެ ގުނަ އިތުރުވެ ހަ ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދިޔަ އެވެ. މިކަމުގެ ސަބަބުން ދައުލަތުން ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދު ވެސް މަތިވެގެން ދިޔަ އެވެ. އެކަމަށް ހަރަދު ކުރަން ޖެހޭ ބޭރު ފައިސާގެ މިންވަރު ވެސް ދެ ގުނަ އިތުރު ވެގެން ދިޔަ އެވެ. 

މި ކަމަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރު އެއް މޭޒެއްގެ ދޮށަށް އެއްވެ މަޝްވަރާ ކުރަން ޖެހޭ ކަމެކެވެ. މިކަމުން ގެއްލުންތަކެއްވާނެކަން މިވަނީ ޔަގީންވެފަ އެވެ. މީގެ އިމްޕެކްޓް ކުދިމެދު ވިޔަފާރިތައް ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. އެހެންނޫންނަމަ އާހިރުގައި މީގެ ގެއްލުން ދިވެހި ގިނަ އާއިލާތަކަށް ކުރާ މިންވަރު މަތިވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.