"ރޫޅާލަން" ދޫކުރެއްވި އެމްޑީޕީއާ ނަޝީދު އަލުން ގުޅިވަޑައިގެންފި

އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު ވަނީ ވަރަށް ބޮޑަށް އެޕާޓީއަށާއި ރައީސް ސޯލިހަށާއި ޕާޓީގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ޕާޓީ "ރޫޅާލައްވާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭގެ ޖަލްސާގައި

އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވި އެޕާޓީގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެޕާޓީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި، އެމްޑީޕީން ވަކިވެވަޑައިގަތް އިސް ހުރިހާ ބޭފުޅުން މިރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. ނަޝީދު ހިމެނޭހެން އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން މިރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

މި ޖަލްސާގައި އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ. މި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފައެއް ނުވެ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު ވަނީ ވަރަށް ބޮޑަށް އެޕާޓީއަށާއި ރައީސް ސޯލިހަށާއި ޕާޓީގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ޕާޓީ "ރޫޅާލައްވާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. 

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް. ތި ޕާޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތިޔަ ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތިޔަ ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ޖުލައި 13، 2023 ގައި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމަށްފަހު އެވެ. އެ ގަރާރުގައި އެމްޑީޕީއާ މެންބަރުން ގުޅެން އިގުރާރުވާ ސަބަބުތަކުގެ ތެރޭގައި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަގަޅު ކުރުން ހިމެނެ އެވެ.

އަދި، ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށް ވެސް ގަރާރުގައިވެ އެވެ.

"އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިނދު، މި މަގުސަދު ހާސިލް ކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" އެ ގަރާރުގައިވެ އެވެ.

ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅި، ދަ ޑިމޮކްރެޓްސް އުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.