24 ގަޑިއިރުތެރޭ ދީނާ ދެކޮޅު އެތައް ކަމެއް ؛ ކާކު އެކަން ދެނެހުރީ؟

އަޖައިބަކީ މިއިން އެއްވެސް ކަމެއް ދައުލަތް ހިންގަން ތިއްބެވި ވެރީންނަށް ނުފެނިދާ ދިއުމެވެ. ފެނުނަސް ކަމަކަށް ނުހަދާތީ އެވެ. މި ރާއްޖޭގައި މިހާރު ނެތީ ކޮން ކަމެއް ހެއްޔެވެ. ނުކުރަނީ ކީއް ހެއްޔެވެ. ނަމަވެސް ރާއްޖޭގެ ވެރީންނަށް ކަމެއް ހީވެސް ނުވެ އެވެ.

ހިތަދޫގައި އެފްކޮންސްގެ މުވައްޒިފުން އެ މީހުންގެ ދީނީ އަޅުކަމެއް ކުރަނީ: އެ މައްސަލަ އޮތީ ބޮޑުވެފައި

ދިވެހި ރާއްޖޭގެ، ދިވެހިންގެ ދީނަކީ އިސްލާމް ދީނެވެ. އިސްލާމްދީނާއި ހިލާފު އެއްވެސް ކަމެއް ކުރުމަކީ ކުށެއް ކަމަށް ގާނޫނު އަސާސާގައި އޮތީ ލިޔެފަ އެވެ. ގާނޫނު ހަދަން ވާނީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ނުވާނެ ހެނެވެ. އެ ނޫން ކޮންމެ ގާނޫނެއް ބާތިލެވެ. އިސްލާމް ދީނާ ހިލާފު ކަންކަމަށް ދިވެހި މުޖްތަމައުން އެއްވެސް ފުރުސަތެއް ނުދޭން ގާނޫނާއި ގަވާއިދުތައް އެބަހުއްޓެވެ. އެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރަން މުއައްސަސާތަކާއި އިދާރާތައް ވެސް ހުރީ ގާއިމު ކޮށްފަ އެވެ. އެކި ފެންވަރުގައި ވެރީން ތިއްބެވީ އައްޔަން ކޮށްފަ އެވެ. އިސްލާމްދީނުގެ މައުލޫމާތު ފަތުރާ ދީނާ ހިލާފު ކަންކަން ހުއްޓުވަން އެކަމަށް ހާއްސަ މުއައްސަަސާއެއް އެބައޮތެވެ.

އަނެއްކޮޅުން ގައުމީ ކޮންމެ ޖަލްސާއެއްގައި ވެސް، ހަފްލާތަކުގައި ވެސް އަދި ހުރިހާ އެއްވުމެއްގައި ދައުލަތުގެ ވެރީން ގެންދަވަނީ ދީން ނަގަހައްޓާ ދަމަހައްޓައި ދޭނެ ކަމަށް ވިދާޅުވަމުންނެވެ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަށް ކުޑަވެސް ފުރުސަތު ނުދެއްވާނެ ކަަމުގެ ޔަގީންކަން ދެއްވަމުންނެވެ. ދިވެހީންގެ ނަސީބަކީ މިނިވަން ކަމާއެކު ރާއްޖެ ދެމި އޮތުމުގެ އަސްލަކީ އިސްލާމް ދީން ކަމަށް ވެރީން ވިދާޅުވެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރި ނަމަވެސް ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ހިތާބެއް ދެއްވި ނަމަވެސް ހިޖުރީ އާ އަހަރުގެ މެސެޖެއް ނެރުއްވިޔަސް ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އެ ޔަގީން ކަމެވެ. ތަކުރާރު ކުރައްވަނީ އެ ވާހަކަތަކެވެ.

އެކަމަކު މި ރާއްޖޭގައި މިހާރު ކަން ހިނގަނީ އެ މަގަށް ހެއްޔެވެ؟ އިސްލާމް ދީން ނަގަހައްޓަން ދައުލަތުން މަސައްކަތެއް ކުރޭ ހެއްޔެވެ؟ ރާއްޖޭގައި ދީނާ ހިލާފު ކަންކަން ހިންގާނަަމަ އެކަމަށް ފިޔަވަޅު އަޅާ ހެއްޔެވެ؟ އެކަންކަން ހުއްޓުވޭ ހެއްޔެވެ؟ އެކަން ކުރާ ބަޔަކު ހޯދާ އަދަބު ދެވޭ ހެއްޔެވެ؟ ދެވަނަ ފަހަރަށް އެެކަމެއް ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާ ހެއްޔެވެ.؟ ދިވެހި ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުދޭން ކުރަނީ ކޮން ކަމެެއް ހެއްޔެވެ؟

ވީޑިއޯއިން ކެޕްޗާކޮށްފައިވާ ހެލޮވީންގެ މަންޒަރެއް

ބަޔަކު ގަބޫލު ނުކުރިޔަސް ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް ކުރާ ހުރިހާ ކަމެއް ހިނގަ ހިނގާ އެބަ އޮތެވެ. ދިވެހީންގެ ތެރެއިން ވެސް އެކަން އެބަ ފެނެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ރާއްޖޭގެ ގާނޫނުން ނެއްޓި ބިރެއް، ލަދެއް ޖެހިލުމެއް ނެތި އެމީހުން ކުރާން ހިތަށް އެރި ކޮންމެ ކަމެއް އެ ކުރަނީ އެވެ.

ހަމައެކަނި ފާއިތުވެދާ ތިރީހަކަށް ގަޑިއިރަށް ވިސްނާލާށެވެ. އިއްޔެ އިރުއަރައިގެން އައީ ސޮލީބުތައް ޖަހައި ރާއްޖޭގައި ހެލޮވީން ފާހަގަ ކުރި މައްސަލައެއްގެ ގަދަ އަޑާއެކުގަ އެވެ. ރާއްޖޭގައި ސަލީބުތައް ޖަހައިގެން ނަސޯރާ ދީނުގެ ފެސްޓިވަލްތައް ފާޅުގައި ބާއްވައިފި އެވެ. އެއީ މޮޅު ކަމެއް ކަަމަށް ބަލައި އެކަން ވީޑިއޯކޮށް އިޝްތިހާރު ދައުރު ކުރި އެވެ. އެއީ މައްސަލައެއް ނޫން ކަމަށް ބުނެ ބައެއް ދިވެހީންގެ ތެދުވެ ވާހަކަ ދައްކައިފި އެވެ. "ސައުދީ އަރަބިއްޔާގައި ވެސް ހެލޮވީން ފާހަގަ ކުރިއޭ" ދިވެހީންނަށް ދެން ހަރުކަށި ކަމުގައި ނުބޭއްތިބޭނެ ކަމަށް ބުނެ އިސްލާމްދީނާއި ދުރަށް ގެންދަން ބަޔަކު މަރުފަލި ޖަހަނީ އެވެ. އޭގެ ކުރިޔަށް ގައުމީ ޔުނިވާސިޓީން ނަސޯރާ ދީނުގެ ޝިއާރުތަކެއް ޕްރޮމޯޓް ކޮށްފި އެވެ.

ސޮލީބުތައް ޖަހައި ރާއްޖޭގައި ހެލޮވީން ފާހަގަ ކުރި މައްސަލަ "ހޫނު" ވެފައި ވަނިކޮށް ދެން އާންމުވީ އައްޑޫގައި މަގު ހަދަން އެ ސިޓީއަށް ފައިބައި ތިބި އިންޑިއާގެ ބައެއްގެ އަމަލެކެވެ. ހިތަދޫގެ މަގުތަކުގައި ތާރު އަޅަން ފެށީ އެ މީހުންގެ އަޅު ކަމެއް އަދާ ކުރުމަށް ފަހު އެވެ. އެއީ މަގުތައް ހަދާ އިންޑިއާގެ އެފްކޮންސްގެ މުވައްޒިފުންނެވެ. ތާރު އޮއްސާން ފެށުމުގެ ކުރީން ހިންދޫ ދީނުގައި އޮންނަ ކާށި ފެޅުމުގެ ހަރަކާތް ހިންގާލީ އެވެ. ބާތިލު ކިޔެވެލިތަކަށް ފަހު ފަަހަރަކު މީހަކު ކާށި ޖަހައި ފެޅި އެވެ. މިކަން މި ކުރީ ދިވެހި ދައުލަތުން ހިންގާ މަޝްރޫއެއް ފެށުމުގެ ގޮތުންނެވެ. ދިވެހިންގެ ފަސްގަނޑުގައި ތިބެއެވެ. ދިވެހީންނަށް ވީ ވަރަކީ އެ މަންޒަރު ވީޑިއޯކޮށް އާންމު ކުރުމާއި ޝަކުވާ ކުރުމެވެ.

ރާއްޖޭގައި ބަޔަކު މީހުން މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން ގޮސް އާންމު ޕާކެއްގެ ތެރޭގައި އުޅެނިކޮށް ފުލުހުން ގޮސް ވާހަކަ ދައްކަނީ

މި ދަރަޖައަށް ކަންކަން ދިޔައިރު ގައުމުގެ ވެރީން ކޮބައި ހެއްޔެވެ؟ މުއައްސަސާތައް ކޮބައި ހެއްޔެވެ؟ ދިވެހީންގެ ދީން ހިމާޔަތް ކުރަން އެކަމުގެ މެންޑޭޓް އޮތް މިނިސްޓަރީ އާއި މިނިސްޓަރު އަދި އޭނާގެ ދަށުން އެކި ނަން ނަމުގައި ތިބި އިލްމުވެރީންނާއި އިމާމުން ކޮބައި ހެއްޔެވެ؟ ރާއްޖޭގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ހަދައިގެން އެ އެންމެން ތިއްބެވީ އެވެ. ބަހެއް ވިދާޅެއް ނުވެ އެވެ. މިއިން ކަމާއި ގުޅޭގޮތުން ރައްޔިތުން އުފުލާ ޝަކުވާގެ އަޑެއް ވެސް ނީވެ އެވެ. މިކަން ކަމާ ގުޅުވައި ނޫސްވެރިން ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ. ޖަވާބުދޭން ޝައުގުވެރި ކަމެއްވެސް ނެތެވެ.

ފ. އަތޮޅުގެ ރަށެއްގައި އިންޑިއާގެ ހިންދޫންގެ ބަޔަކު އެ މީހުން އިލާހެއް ކަމަށް ދެކޭ ބުދުތަކެއް ހިފައިގެން ރަށުތެެރޭގައި ހިނގި އެވެ. އިންޑިއާ މީހަކު މި ރާއްޖޭގެ ވެރިރަށުގައި އިސްލާމްދީނާއި އުންމަތުގެ ނަބިއްޔާއަށް ފުރައްސާރަ ކޮށް އަޑުގަދަ ކޮށްފި އެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ބަރަހަނާ މަންޒަރު ރެކޯޑްކޮށް އާންމުކުރުން އާދައިގެ ކަަމަކަށް ހަދައިފި އެވެ. ދަންވަރު މަގުތައް މަތީ "ކަމެއް ބޭނުންތޯ" އަހައި ސުވާލު ކުރާ އަންހެންނާއި ފިރިހެނުން ފާޅުގައި ނުކުމެ އުޅޭން ފަށައިފި އެވެ. އަންހެން ހެދުން އަޅައިގެން މޮޑެލް ކުރަން ކަމަށް ބުނެ ބަޔަކު ރަށުތެރޭގައި އުޅެފި އެވެ. ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރުން އާންމު ކޮށްފައި ވަނީ ގާނޫނެއް ނުހިނގާ ތަނެއްގައި އެފަދަ ކަންކަން އޮންނާނެ މިންވަރަށެވެ. މާތްﷲ އާއި އެކަލާންގެ ރަސޫލާއަަށް ފުރައްސާރަކޮށް ދިވެހި ބަހުން ޓްވީޓް ކުރާ މީހުން ބައިވަރެވެ.

އަޖައިބަކީ މިއިން އެއްވެސް ކަމެއް ދައުލަތް ހިންގަން ތިއްބެވި ވެރީންނަށް ނުފެނިދާ ދިއުމެވެ. ފެނުނަސް ކަމަކަށް ނުހަދާތީ އެވެ. މި ރާއްޖޭގައި މިހާރު ނެތީ ކޮން ކަމެއް ހެއްޔެވެ. ނުކުރަނީ ކީއް ހެއްޔެވެ. ނަމަވެސް ރާއްޖޭގެ ވެރީންނަށް ކަމެއް ހީވެސް ނުވެ އެވެ.

ކޮމެންޓް

4
450
ސިރީ
1 year ago

ސިޔާސީ ވެރީންގެ ތެރޭގައި ދީނަށް ހާއްސަ ލޯތްބެއް ހުރި ވެރިއަކު ނުވެއެވެ. ޔަގީނުންވެސް މި ރާއްޖޭގައި ނެތެވެ. ނޫނީ ވަރަށްވެސް މަދެވެ. ނަމަވެސް އިސްލާމްދީނަށް ފުރައްސާރަކޮށް އެ ދީން ނިކަމެތި ކުރުމުގައި މިވެރީން ފަދަ އެހެން ބަޔަކު ނުދެކެމެވެ.

އަލިބެ
1 year ago

ތިޔަ ހުރިހާ ކަމެއްގެ ޒިންމާ ސެއިހެއް ކަަމަށް ހެދިގެން އުޅޭ މނފގ އިމްރާން ނަގަން ޖެހޭނެ. ހާދަ ހާ ނުަބައި މީހެކޭ

ޖަމާލު އަލީ
1 year ago

ދިވެއްހި ރާއްޖެއެއް ނޫން މިއީ. މިއީ އަނެއް ދިވެހި ރާއްޖެ. އަނެއް ދިވެހި ރާއްޖޭގައި ކުރާ ކަންކަން ތިއީ ތިކަން ހިނގާނެ އަނެއް ދިވެހި ރާއްޖޭގޭ މީހުން ވެރިކަމުން ފައިބައިގެން ދަންދަންދަން. ވެރިކަމަށް ދިވެހި ރާއްޖޭގެ މީހަކު އައިމަ ތިކަން ނިމޭނެ

ނަންކުރާ
1 year ago

ޖަމާލު ގެ ތިޔަ ބުނުން މުޅީން ރަނގަޅެވެ. މިބައިމީހުންނަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު ކަން ހިނގަނީ މި މަގުންނެވެ. ޔާﷲ، މިބައި މީހުންގެ ނުބައިކަމުން އަޅަމެންނާއި މި ގައުމު ސަލާމަތް ކުރައްވާށިއެވެ. އާމީން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.