މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާފަރާތްތަކަށް ޖުލައި 1 އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
މި މަހުގެ ނިޔަލަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރަން ހޯމްލޭންޑް މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ވީމާ ، ޖޫން 30 ގެ ކުރިން، ބިދޭސީ ފަރާތް ރާއްޖޭގައިހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާފަރާތްތަކަށް ޖުލައި 1 އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
މި ސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ގެންނަން މަސައްކަތް ފަށައިފަ އެވެ.
މި މަސައްކަތުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއްކުރާނެ އެވެ.
މިގޮތުން، މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.