ޓޯބަލެސް ޓްރަކް | ވީއައިއޭ ގްރައުންޑް އޮޕަރޭޝަން 60 % އަވަސްވާނެ

މިއީ އެންމެ ޒަމާނީ އެއާޕޯޓްތަކުގައި ބޭނުންކުރާ ޒާތުގެ އުޅަނދެކެވެ. މި ޓްރަކް ވީއައިއޭގެ ގްރަންޑް އޮޕަރޭޝަންގައި ބޭނުންކުރަން 60 އިންސައްތަ އަވަސްވާނެ އެވެ.

ވީއައިއޭއަށް ތައާރަފު ކުރާ ޓޯ-ބަލެސް ޓްރަކް ވެހިކަލް -- ވީއައިއޭ

ރަންވޭ މަތީ އޮންނަ މަތިންދާ ބޯޓު އެއްތަނުން އަނެއް ތަނަކަށް ޓޯވް ކުރަން ބޭނުންކުރާ ޓޯ-ބަލެސް ޓްރަކްގެ ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ޓޯ-ބަރލެސް ޓްރަކްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ޓީ.ޕީ.އެކްސް– 200އެމްޓީއެކްސް މޮޑެލްގެ މިޓްރަކުގެ ސަބަބުން މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ހިދުމަތްދިނުމުގައި ސަލަމާތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ހިދުމަތެއް ދެވޭނެ ގާބިލުކަން ލިބިގެންދާނެ އެވެ.

މި ޓްރަކް ވީއައިއޭގެ ގްރަންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއިއެކު އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތައަށް އިތުރުވެ މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ އެވެ. މިއީ ޒަމާނީ ބަދަލުތަކާއިއެކު ތަރައްގީވަމުން އަންނަ އެއާޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކްކެވެ.

މިހާރު ބޭނުންކުރާ މިފަދަ ޓްރަކް ތަކާއި ހިލާފަށް މިމޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެ އެވެ. އަދި ހަމަ އެއާއިއެކު ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓްތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެއެވެ. މިއީ މަރާމާތުކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ހަޚަރަދު ކުޑަ ޓްރަކެކެވެ.

ހެޑް އޮފް ރޭމްޕް ސާވިސަސް އަލީ ޝަރީފް

މިޓްރަކް ބޭނުންކުރަން ފެށުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން، ހެޑް އޮފް ރޭމްޕް ސާވިސަސް އަލީ ޝަރީފް ވިދާޅުވީ ވީއައިއޭ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ހިދުމަތްދޭ އުޅަނދުތަކަކީ ވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ހިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމްއޭސީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިޓްރަކްއާއިއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން މިހާރުވަނީ މި ޓްރަކް އޮޕަރޭޓްކުރުމަށް ހާއްސަ 8 އޮޕަރޭޓަރުން ތަމްރީންކޮށްފަ އެވެ. މި ވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ.އެމްއޭސީއެލް އިން ދަނީ މަތިންދާ ބޯޑުތަކަށާއި ޕަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.