މޯދީ ރާއްޖެއަށް ވަޑައިގަންނަވާ ސީދާ ތާރީހާއި އެޖެންޑާ އަދި މުޅިން ފައިނަލް ނުވިޔަސް، ވިސްނުމަކީ، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
ޖުލައި 26 ގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުން ބުނީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރާއްޖެއަށް ވަޑައިގެންނެވުމުގެ ރަސްމީ ދައުވަތު މޯދީއަށް އަރުވާފައިވާ ކަމަށެވެ.
މޯދީ ރާއްޖެއަށް ވަޑައިގަންނަވާ ސީދާ ތާރީހާއި އެޖެންޑާ އަދި މުޅިން ފައިނަލް ނުވިޔަސް، ވިސްނުމަކީ، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން ދެ ގައުމުގެ ސަރުކާރުން ވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މޯދީ ރާއްޖެ ވަޑައިގެންފިނަމަ، އެ ދަތުރުފުޅު ވާނީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.
ރައީސް މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވެސް ރާއްޖެއަށް ވަޑައިގަތުމުގެ ދައުވަތު މޯދީއަށް ވަނީ ދެއްވައިފަ އެވެ.
މި ސަރުކާރުގެ ކުރީކޮޅު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، އެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ދަތިކަމުން އަރައިގަތުމަށް ވެސް އިންޑިއާއިން ވަނީ އެހީވެފަ އެވެ.
މިގޮތުން، ކުރީގެ ސަރުކާރުން އެސްބީއައިއަށް ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް އަނބުރާ ދެއްކުން ފަސްކޮށް ދިނުމުގެ އިތުރުން، ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.