މައުރަޒުން ފެނުނީ ދިވެހި ހުނަރުތައް ވިޔަފާރިތަކަށް ބަދަލުވުމުގެ ފުރަތަމަ މަރުހަލާ އެވެ. މި މަސައްކަތްތެރިން ބޭނުންވަނީ ފަރުވާތެރިކަމާއެކު ލިބޭނެ އެހީތެރިކަމުގެ އަތެކެވެ. އޭރުން ފަސް އަހަރު ފަހުން އެމީހުން ތިބޭނީ ވިޔަފާރިތަކަށްވެފަ އެވެ.
ހުޅުމާލެ މެދުތެރޭގައި އޮންނަ ސެންޓްރަކް ޕާކުގައި ހަތް ޑިސްޓްރިކްޓް ނުވަތަ ހަތް އަވަށް ހަދައިގެން ކުރިއަށްދާ އިހުގެ ގޮތުންނަމަ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު، މިހާރުގެ "މޯލްޑިވްސް އެކްސްޕޯ" އަކީ ދިވެހި އުފެއްދުންތެރިކަމުގެ ބޮޑު އީދެވެ. މި އީދުގައި މި އަހަރު 300 އަށްވުރެ ގިނަ ފަށާ ވިޔަފާރީގެ އުފެއްދުންތަކާއި ހުނަރު ދައްކާލަން ހުރިއިރު އެ އުފެއްދުންތައް ކައިރިއަށް ގޮސް ހުއްޓި ވިސްނާލުމުން ގައިން ހީބިހި ނަގައިގެންދާ ފަދަ ހުނަރުވެރިކަން ފެނިގެންދެ އެވެ. މި މަސައްކަތްތަކުގެ ބުރަކަމާއި އެކަމަށް އެމީހުންގެ މެދުގައި ހުރި ޝައުގުވެރިކަމާމެދު ވިސްނާލުމުން ލޯ ފެންކަޅިވެ އެވެ. ގައުމީ ބޮޑު މި މައުރަޒު މިރޭ ނިމުމަކަށް އަންނައިރު މި ތަނުގެ ކޮންމެ މޭޒަރުން ވެސް ފެންނަނީ ދިވެހިންގެ އަޖައިބު ކުރުވަނިވި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމެވެ. ކުދިކުދި "ސްޓާޓަޕް" ނުވަތަ ފަށާ މި ވިޔަފާރިތައް އެތަނުގައި އުންމީދުގައި އެތިބީ ދައުލަތާއި ވިޔަފާރިވެރިން އެމީހުން ބޮޑުވާން ދޭނެ އެހީތެރިކަމެއްގެ އިންތިޒާރުގަ އެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބާއްވަމުން އަންނަތާ 80 އަހަރު ފަހުން ގިނަ އަދަދެއްގެ ހުނަރުތަކެއް އެއްތަންވެ، އެ ތިބީ ކުޑަ އެހީތެރިކަމެއް އެމީހުންނަށް ދީގެން ފިޔަފަޅާ އުދުހި ގަންނަން ހެޔޮވަރަށް ވަޔަށް ފަހިވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
"މިހާރު ވަޒީފާގަ އުޅެމުން މިކަން [ތަކެތި ތައްޔާރު ކުރަނީ] ހޮބީއެއްގެ ގޮތުގަ. އެކަމަކު އެކްސްޕޯ އިން ލިބުނު ހިތްވަރުން އެބަ ވިސްނަން ވަޒީފާ ދޫކޮށްލާފައި މިކަމަށް ހުސްވާން. އެވަރަށް މި އެކްސްޕޯ އިން ޔަގީންކަން ލިބިއްޖެ،" އަތްތެރި މަސައްކަތްތެރިކަމުގެ ގައުމީ މައުރަޒުގައި ގިނަ އަދަދެއްގެ އުފެއްދުންތަކާއެކު ބައިވެރިވެގެން ހުރި ޒުވާނެއް އޭނާ އަށް މި މައުރަޒުން ލިބުނު ހިތްވަރުގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.
އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބާއްވަމުން އަންނަތާ 80 އަހަރު ފާއިތުވެގެން ދާއިރު މިއީ މިހާތަނަށް އެންމެ ގިނަ ބައެއްގެ ހުނަރު ފެނިގެން ދިޔަ ފަހަރެވެ. މިފަހަރުގެ ބައިވެރިންގެ އަދަދު 380 އަށްވުރެ ގިނަ އެވެ. އަދި މައުރަޒުގައި 15 ދާއިރާއަކުން 83 ގިންތިއަކުން ތަކެތި ބައިވެރިކޮށްފައިވާއިރު ވާދަކުރުމުގެ ބަޔަށް އެކަނި 3،000 އަށް ވުރެ ގިނަ އުފެއްދުން ހުށަހެޅުން ވެގެން ދިޔައީ ދިވެހިން ހުނަރުވެރިކަމާއެކު ކުރިއަރައިގެންދާން ފެން ބޮވައި ގެންފައި ތިބިވަރު ފެނިގެން ދިޔަ ކަމަކަށެވެ.
ތަކެއްޗާއެކު ޓެންޓު ޖަހައިގެން ސެންޓްރަލް ޕާކުގައި ފަށާ ވިޔަފާރިތައް ހޭދަކުރި ހަފުތާއަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ މީހުންނަށް މަސައްކަތުގައި ލިބިގެން ދިޔައީ ހިތްވަރެވެ. އެ މީހުންގެ ހުނަރުވެރިކަމަށް ކުޑަ އެހީތެރިކަމެއް ލިބިއްޖެނަމަ ކުރިއަރައިގެންދާނެކަމުގެ ޔަގީން ކަމެވެ. މި ތަނުން ފެނުނު ހުނަރުތަކުގެ ތެރޭގައި ހަމައެކަނި ހުރީ ލިޔެލާ ޖެހުން އެކަންޏެއް ނޫނެވެ. އެންމެ ހިތްހަމަ ޖެހޭ އެއް ކަމެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ދިވެހި ބަހަށް ދިރުން ގެނެސްދީ އަންނަން އޮތް ޖީލުތަކަށް މި ބަސް ގެންނަން ދިވެހި ޒުވާނު ވިޔަފާރިތަކުން ކުރަމުން ދާ ހިތްވަރެވެ.
ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މަސްނޫއީ ސިކުނޑިތައް ބޭނުންކޮށްގެން ދިވެހި ބަސް ބޭނުން ކުރަން ފަސޭހަކޮށްދޭން ހަދާފައިވާ އޭއައި އެޕްލިކޭޝަންތަކަކީ ހަގީގަތުގައި ކުރިމަގުގައި އުފެއްދުންތެރިކަމުގެ މައުރަޒުން ބައްޓަން ވެގެންދާނެ އެންމެ ބޮޑު ދާއިރާ އެވެ. ސަބަބަކީ އޭއައިއާއެކު ދުނިޔެ ބަދަލުވަމުންދާއިރު އިނގޭސި ބަހުން މި އެޕްލިކޭޝަން ބޭނުން ކުރުން އިތުރުވުމެވެ. އެހެންވެ މި ދިވެހި ބަހަށް ބަދަލުކޮށް ދިވެހި ބަހަށް ފަސޭހަކޮށް ދޭން އުފައްދާ ކޮންމެ އެޕަކީ އުންމީދެކެވެ. މި އެކްސްޕޯގައި ފެނިގެންދާ ސްޓާޓަޕްތަކުގެ ތެރޭގައި އޭއައި ބޭނުންކޮށްގެން އޮފީސް މަސައްކަތްތަކަށް އަވަސްކަން ގެނެސްދޭނެ އެޕްލިކޭޝަންތައް ވެސް ހިމެނެ އެވެ. މި އެޕްލިކޭޝަންތަކަކީ ކުރިން ފެނުނު އެއްޗިއްސެެއް ނޫނެވެ.
މި މައުރަޒުގައި ފެންނަން ހުރި އެޕްލިކޭޝަންތަކުގައި ކޯޓުތަކުން އިއްވާ ދިގު ހުކުމްތަކާއި ދިގު ޔައުމިއްޔާތައް ސިކުންތު ކޮޅެއްގެ ތެރޭގައި ހުލާސާކޮށްލަ ދޭ އެޕްލިކޭޝަތައް ހިމެނެ އެވެ. ސިކުންތު ކޮޅެއްގެ ތެރޭ ސިޓީ ލިޔެލައިދޭ އެޕްލިކޭޝަންތައް ފެނުނެވެ. މީހަކު ދައްކާފައިވާ ވާހަކައެއްގެ ރެކޯޑިންއެއްގެ ފައިލެއް މީގެ އެޕްލިކޭޝަނަކަށް ލުމާއެއެކު އަމިއްލި ޒާތުގައި އޭގައި ހުރި ވާހަކަތައް ޓްރާންސްރިޕްޓަކަށް ބަދަލުކޮށްދޭ ފަސޭހަތައް ހިމެނެ އެވެ.
މި އެޕްތައް ދައުލަތުގެ ބައެއް ވުޒާރާތަކާއި އަމިއްލަ ވިޔަފާރިވެރިން ބޭނުން ކުރަން ފަށާފައިވުމަކީ މި ވިޔަފާރިތަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. އަދި ދިވެހި ފޮންޓް ހަދައިގެން އޭގެން އާމްދަނީ ހޯދާ ހުނަރު ވެސް ފެނިގެން ގޮސްފައިވެ އެވެ. މިއީ ދިވެހި ފޮންޓްތައް އެއް ތަނަކުން ފެންނަ ފަށާ ވިޔަފާރި އެވެ.
އަކުރު ޓައިޕްގެ ނަމުގައި ހިންގާ މި ސްޓާޓްއަޕްގެ އެއް މޭސްތިރިޔާ ކަމަށްވާ އަބްދުﷲ ޝަފީއު (އަބޯ) އެކްސްޕޯގައި ހުރެ ބުނި ގޮތުގައި މި އެކްސްޕޯ އިން އޭނާގެ މަސައްކަތައް ބޮޑު ކުރިއެރުމެއް ލިބިގެން ހިނގައްޖެ އެވެ.
"އެކްސްޕޯގައި މި ކުރި ކަމަކީ ފޮންޓްތައް ހޯދުން. ގިނަ ބަޔަކު އަކުރު ބައި އެއްކޮށް އަމިއްލައަށް ލިޔެލައިގެން ވެސް ގެނެސް ދީފަ އެބަހުރި. އަޅުގަނޑުމެން މި ކުރާ ކަމަކީ އެ ފޮންޓް އެންހޭސްކޮށް ވިއްކޭ ހިސާބަށް ގެނައުން. އެ ހިސާބުން އަކުރު ފަރުމާކުރި ފަރާތައް ވެސް އެ ފޮންޓެއް ބޭނުން ކުރާ [ގަންނަ] ވަރަށް އާމްދަނީ ލިބިގެންދާނެ،" އަބޯ ބުންޏެވެ. "އެގޮތަށް މިހާރު ވެސް ބައެއް މީހުންނަށް އާމްދަނީ ލިބޭ. އެކަކު މިހާތަނަށް 80،000ރ. ހޯދައިފި، އަނެއް ފަރާތައް 40،000ރ. ޕޭކޮށްފިން މިހާރު ވެސް،" އަބޯ ކިޔައިދިނެވެ.
މި މަރުރަޒުގައި "ގޫޗީ" އާއި "ލުއިވިޓޯން' ނުވަތަ "ޑިއޯ' ފަދަ ބްރޭންޑްތަކާ އެއް ކޮލިޓީގައި އަތް ދަބަސް ފަދަ ތަކެތި ތައްޔާރު ކުރާ ހުނަރުވެރިކަން ތިބިކަން ގަބޫލު ކުރަން ހެއްޔެވެ؟
އެކަމަކު، މި ހުނަރުތަކަކީ އެ މީހުންގެ ގޭގެ ކޮޓަރިތަކާއި ސިޓިން ރޫމްތަކުގައި މަސައްކަތްކޮށްގެން ނެރޭ އުފެއްދުންތަކެވެ. ފެކްޓްރީއެއް ވަޒީފާގައި މީހުނެއް މި މީހުން ނުގެންގުޅެ އެވެ. މި ހުނަރުވެރިންނަކީ ރާއްޖޭން ބޭރުންނާއި ރާއްޖޭގެ ބާޒާރުން ލެދަރާއި ފޮތި ބޮޑު އަގުގައި ބޮޑު ޑިއުޓީ ދައްކައިގެން އެތެރެކޮށް އުފެއްދުންތައް ތައްޔާރުކުރާ މީހުންނެވެ. މި މީހުން އެތެރެކުރާ ރޯމެޓީރިއަލްއަކަށް "ޑިއުޓީގެ އިނާޔަތެއް" ނުލިބުނަސް އެމީހުން އެކަން ކުރަނީ ޝައުގުވެރިކަމާއެކުގަ އެވެ.
މީގެ އެއް ހުނަރުވެރިއަކީ ހދ. މާއެނބޫދޫ ޒީނަރު އިބްރާހިމް އެވެ. ޒީނަރު ތައްޔާރުކުރާ ދަބަސް ތަކުން އާދަޔާ ހިލާފު މޮޅުކަމާއި ރީތިކަން ފެނެ އެވެ. މި މައުރަޒުގެ ސަބަބުން ޒީނަރުގެ މި މަސައްކަތް ވިޔަފާރިއަކަށް ބަދަލުކޮށްލަން ވަނީ ފުރުސަތު ފަހިވެއްޖެ އެވެ. އޭނާ މައުރަޒަށް ގެންދިޔަ ހުރިހާ އަތްދަބަހެއް ވިކި ހުސްވިއިރު އިތުރު އޯޑަރުތައް ވެސް ލިބުނެވެ. އަދި އައްޑޫ ސިޓީގައި "ރުސް" ގެ ނަމުގައި ލެދަރުން ތަކެތި އުފައްދާ ޒުވާނާއަކީވެސް މި ފަދަ އަޖައިބު ކުރުވަނިވި ހުނަރުވެރިއެކެވެ. މީގެ އެތައް މަސައްކަތްތެރިންނަކަށް މި މައުރަޒުން އުންމީދު ލިބިގެން ދިޔަ އެވެ. އަދި އެހެން މިފަދަ ފަރާތްތަކަށް ފިހާރަތަކަށް ތަކެތި ތައްޔާރު ކުރުމުގެ އޯޑަރުތައްވެސް މި މައުރަޒުން ލިބިއްޖެ އެވެ.
މި މައުރަޒުން ފުޑްޕެކިންގެ ބައިން ފެނިގެން ދިޔައީ ދިވެހިންގެ ކުޅުދިޔާ ކުރާ ދިވެހި ލުއި ކާނާ އެހެން ލެވަލްއެއްގައި ހުރި ތަނެވެ. ކުރިން ކޮތަޅުތާއި ކަރުދާސް ގޮށިތަކުން ފެނިގެން ދިޔަ ތަކެއްޗަކީ މިހާރު ރީތި ޕެކިންގައި ޗާލު ޕޭވަލް ޖަހާލައިގެން ޖީބަށްލައިގެން ވެސް ގެންގުޅެވޭ ވަރަށް މޮޅަށް ޕެކްކޮށްފައި ހުރި އުފެއްދުންތަކެވެ.
މޯލްޑިވްސް އެކްސްޕޯ ނިމިގެންދާއިރު ގިނަ ފަރާތްތަކަށް ބޮޑު އުންމީދެއް ހިނގައްޖެ އެވެ. ޖުމްލަކޮށް މި ވަރުގެ ބޮޑު އެކްސްޕޯއެއް އިންތިޒާމު ކުރުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީގެ ފުރިހަމަ މަސައްކަތް ފާހަގަ ކުރަން ޖެހެ އެވެ. ހަމަމިއާއެކު މި އެކްސްޕޯ އިން ބޮޑު ފަޅުކަމެއް ގެނުވި ބައެއް ވެސް ފާހަގަވި އެވެ. އެއީ މިވަރުގެ ހުނަރުވެރިކަމެއް ފެނިގެން ދިޔައިރު މިކަމުގެ ތެރެއަށް ޓޫރިޒަމް ވެދިފައި ނެތުނެވެ. މައުރަޒަށް ހުޅުމާލޭގައި އުޅޭ ޓޫރިސްޓުން މަދުން ދިޔަނަމަވެސް ޖުމްލަކޮށް އެބައިން ފަޅުކަން ފެނުނެވެ.
މާލެ ސަރަހައްދުގައި މި ވަރުގެ ބޮޑު އިވެންޓެއް ބޭއްވިއިރު ރިސޯޓްތަކާއި ޓޫރިޒަމަށް ހާއްސަ ދުވަހެއް އޮތުން މުހިންމުކަން ބޮޑެވެ. ސަބަބަކީ ރާއްޖޭގެ މައިގަނޑު އިގްތިސޯދު އޮތީ އެ ދާއިރާގައި ކަމަށްވުމެވެ. އެހެންވެ ރިސޯޓްތަކުގެ ޖީއެމުންނާއި މާކެޓިން މެނޭޖަރުން އަދި ސީނިޔަ މެނޭޖުމަންޓަށް ހާއްސަ ދުވަހެއް ބޭއްވުން ކޮންމެހެން ވެސް މުހިންމެވެ. އެ ދުވަހަކީ ރިސޯޓްތަކުން ޑޭވިޒިޓުތަކެއް ވެސް ބޭއްވިދާނެ ދުވަހެވެ. އެކަމަށް ހާއްސަ އިންތިޒާމު ތަކެއް ޓޫރިޒަމާއި ޓޫރިޒަމް ޖަމިއްޔާތަކާ ގުޅިގެން ރޭވިދާނެ އެވެ. އޭރުން ތަކެތި ވިއްކަން ތިބޭ ފަރާތްތަކަށް އެ ދުވަހު އާމްދަނީ ލިބޭނީ "ޑޮލަރުން" ނެވެ. އަދި މައުރަޒުގައި ބައެއް އުފެއްދުންތެރިންނާއި ރިސޯޓްތަކާ ދެމެދު ވިޔަފާރީގެ ގުޅުން ވެސް އުފެދިގެންދާނެ އެވެ. މިއީ "ބީ ޓު ބީ" ދުވަހަކަށް ހެދިދާނެ އެވެ. މިބައި ހަމައެކަނި އިތުރުކޮށްލުމުން މި މައުރަޒު ވަރަށް ފުރިހަމަވީ އެވެ.
މައުރަޒުން ފެނިގެން ދިޔައީ ދިވެހި ހުނަރުތައް ވިޔަފާރިތަކަށް ބަދަލުވުމުގެ ފުރަތަމަ މަރުހަލާ އެވެ. މި މަސައްކަތްތެރިން ބޭނުންވަނީ ފަރުވާތެރިކަމާއެކު ދައުލަތާއި ވިޔަފާރިވެރިން ދޭނެ އެހީތެރިކަމުގެ އަތެކެވެ. މިއާއެކު ފަސް އަހަރު ފަހުން މި 300 ފަރާތުން 50 ވިޔަފާރި އުފެދުނަސް އެއީ ގައުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ވަޒީފާތައް އުފައްދަންވީ މި ހުނަރުތަކުންނެވެ. ރާއްޖެއާއި ދިވެހި ގައުމަށް ފައިދާއެއް ވާނީ އޭރުންނެވެ.