އަޅުގަނޑުމެން ހަމައެކަނި އެ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލްކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނީ. އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމިގެން ފްލެޓް ނުލިބޭނީ
ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ 4000 ފްލެޓު، އޭރު ހަދާފައިވާ ލިސްޓާ އެއްގޮތަށް ދޭން ނިންމައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް، ނޮވެމްބަރު 2023 ގައި އެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރި އެވެ.
ނަމަވެސް، އޭސީސީން އެ ލިސްޓުގައި މައްސަލަތަކެއް ފާހަގަކުރުމުން، މި ސަރުކާރުން އެ ލިސްޓު ރިވިއު ކުރި އެވެ.
އެ ލިސްޓު ރިވިއުކުރުމަށްފަހު، ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ގެދޮރުވެރިޔާ ފްލެޓު މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ކުރިން ކަނޑައެޅި 1218 މީހުންގެ ތެރެއިން ވެރިފިކޭޝަނަށްފަހު 73 ޕޮއިންޓަށް ވުރެ މަތިވެގެން ފްލެޓް ލިބެނީ 397 މީހުންނަށް ކަމަށެވެ. އަދި ތިން ކޮޓެރީގެ ފްލެޓް ލިބޭ ކަމަށް ކުރިން ކަނޑައެޅި 3721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށްފަހު 75 ޕޮއިންޓަށް ވުރެ މަތިވެގެން ފްލެޓު ލިބެނީ 1423 މީހުންނެވެ.
އެއާ އެކު ރިވިއު ކުރި ލިސްޓަށް ޝަކުވާއަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލުމުން 8،000 ގިނަ ޝަކުވާ އޮތީ ހުށަހަޅައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓް ކަމަށާއި އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
"އިތުރު އާ ލިސްޓެއް އަޅުގަނޑުމެން ދެން ނުނެރޭނަން. އަޅުގަނޑުމެން ހަމައެކަނި އެ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލްކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނީ. އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމިގެން ފްލެޓް ނުލިބޭނީ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ، އެ ލިސްޓަށް ދެން އިތުރަށް ނުބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުރިން ބެލި ގޮތަށް އެހާ ހަރުކަށި އުސޫލަކުން ބަލައިގެން ފްލެޓް ލިބޭ މީހުން ނިންމާ ނަމަ އެކަން ކޮށް ދުވަހަކު ވެސް ނުނިމޭނެ ކަމަށެވެ.
އެހެންކަމުން، އެންމެ މަސްލަހަތު ހުރި ގޮތަކީ ކުރީގެ ލިސްޓަށް ބަލައިގެން ފްލެޓްތައް ހަވާލުކުރަމުން ގެންދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިހާރު އޮތް ލިސްޓްގައި ފްލެޓް ލިބޭ މީހުންގެ ތެރެއިން 302 މީހުންނަކީ އެމީހުންގެ ނަން މަތީ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހަކު ވެސް ލިސްޓްގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި 391 ދެމަފިރިންނަށް ވެސް ފްލެޓް ލިބޭ ކަމަށް އެބަ އޮތެވެ. އެހެންކަމުން، ސްކީމްގެ ދަށުން ފިރިމީހާ އާއި އަނބިމީހާއަށް ފްލެޓް ލިބުމަށް ޝަރުތު ހަމަވި ނަމަވެސް، ފްލެޓް ލިބޭނީ އޭގެ ތެރެއިން ކޮންމެ ވެސް އެކަކަށް ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ފްލެޓުތަކުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ހައްގުވެރިންނާ ފްލެޓް ހަވާލުކުރުން ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވެފަ އެވެ.