ބޭރުން އޮންލައިންކޮށް މުދާ ގަތުން އިތުރުވެ ރާއްޖޭގެ ޑޮލަރުގެ "ލީކް" އިތުރުވެއްޖެ އެވެ. މިކަން އެނގެނީ ކާޑުގެ ޓްރާންސެކްޝަންތަކަށް އައި އިތުރުވުމެވެ. ބީއެމްއެލް އިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކިނަމަވެސް އެ ހުވަނދަކަށް ވެސް ނުވެ އެވެ.
ޒަމާނީ އީ-ކޮމާސްގެ ފަސޭހައާއެކު ދިވެހިން މިވަނީ ވިޔަފާރިކުރުމުގައި "މިނިވަން" ވެފަ އެވެ. މި މިނިވަންކަމާއެކު ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ހިސާބެއްގައި ހުންނަ ފިހާރައަކުން ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭނުން އެއްޗެއް ގަނެލެވެ އެވެ. ހާއްސަކޮށް ޗައިނާގެ ޝޮޕިން ޖަޔަންޓް ޓީމޫއިން ރާއްޖެއަށް މުދާ ފޮނުވައިދެން ފެށުމާއެކު ދިވެހިންގެ ގިނަ ބަޔަކު މިހާރު ބާޒާރުން އެއްޗެހި ގަތުމުގެ ބަދަލުގައި ގަންނަނީ އެ ސައިޓުންނެވެ. ކުރިން ޗައިނާގެ ޝީން އިން އޮފީސް ކުދިން ގްރޫޕެއް ވެގެން 250 ޑޮލަރު ހަމަކޮށްގެން އެއްޗިހި ގެނައިނަމަވެސް މިހާރު ޓީމޫއިން ބޭނުން އެއްޗެއް އަމިއްލަ ކާޑުން ކަނޑާލައިގެން ގެންނަން ލިބުމަކީ ގިނަ ބަޔަކަށް ދުނިޔެ ރަންވުން ފަދަ ކަމަކަށްވި އެވެ.
ނަތީޖާއެއްގެ ގޮތުން މަހު މުސާރަ ލިބޭއިރަށް ކޮންމެ މީހަކު ވެސް އެންމެ މަދުވެގެން 100 ޑޮލަރާ ގާތްކުރާ މިންވަރަކަށް މުދާ ގަންނަންކަން އަންދާޒާ ކުރެވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ކޭޝް ކާޑު ނެޓްވޯކް އޮންނަ، އެންމެ ގިނަ މީހުން ކާޑު ބޭނުން ކުރާ ބީއެމްއެލްގެ މައުލޫމާތުތަކުން އެނގޭ ގޮތުން ކާޑުގެ މުއާމަލާތްތައް ބޮޑުތަނުން އިތުރުވިއިރު މީގެ ބޮޑު ބައެއް ބޭރުން މުދާ ގަންނަން ދިވެހިން ހިންގާ މުއާމަލާތްތައް ހިމެނެ އެވެ. މީގެ ސަބަބުން ޑޮލަރު "ލީކް" ވާ މިންވަރު އިތުރު ވެގެން ހިނގައްޖެ އެވެ. ސުވާލަކީ މި ވަރަށް ދާނަމަ ރާއްޖެއަށް ކެތްކުރެވޭނެ ހެއްޔެވެ؟ މި ކަމަކީ އިގްތިސޯދީ ނަޒަރަކުން ހަމަ މިކަން އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ޕާރުސަލްގެ ގޮތުގައި އަންނަ މުދާ އިތުރުވެ ޕޯސްޓުގައި ކިޔޫ ހަދާފައިވާއިރު ޕޯޓްސް އޮފީހަށް އެއުޅެނީ ކެތް ނުކުރެވިގެންނެވެ. ކަސްޓަމުން މުދާ ޗެކް ކުރަން ކުރާ މަސައްކަތް ދެގުނަ އިތުރުވެ، އިތުރު ޗެކިން ވަސީލަތް ގާއިމް ކުރަން ޖެހިއްޖެ އެވެ. ކުރިން ކުދިކުދި ޕޯސްޓުގެ ޕިކް ޕޯސްޓަށް ލެވޭ ވަރުގެ ޕެކޭޖުތައް އައިނަމަވެސް، މިހާރު މީގެ ޕެކޭޖެއް ޕިކް ޕޯސްޓުގެ ގޮޅިއަކަށް ލާން ޖެހެނީ ޕޯސްޓް ކުދިން ގަދަކަމުން ހިފާއޮބައިގެންނެވެ. މި ބަދަލު އައިސްފައިވަނީ މި ފަހުން ރާއްޖެއަށް ޝިޕްކޮށްދޭން ޕޯސްޓާއެކު ފެށި ޓީމޫ އިން ރާއްޖެއަށް ފަސޭހައިން މުދާ ގެންނަން ގެނައި ބަދަލާއެކުގަ އެވެ. މި ބަދަލާއެކު ކޮންމެ މީހަކުވެސް އަމިއްލައަށް ވިޔަފާރިކޮށްލުމުގެ "މިނިވަންކަން" ލިބި ކުރިން ޕޭޖުތަކުން ވިޔަފާރި ކުރި ގިނަ ބަޔަކުވެސް އެކަން ކުރުން ހުއްޓާލައިފި އެވެ.
މީގެ މައިގަނޑު ސަބަބަކީ މިހާރު ގަންނަ ސައިޓުގެ އަގުތައް މިވަގުތަށް ހެޔޮވެފައި ރީތި އެއްޗިހި ފެންނަން ހުރުމެވެ. އެހެންވެ މުދަލުގެ ކޮލިޓީއަށް ބެލުމަށްނެތި މުދާ ގެންނަނީ އެވެ. ބައެއް މީހުން އެއްޗިހި ގަންނަމުން ގޮސް ގަނެވޭ ނުގަނެވޭ އެއްޗެއް ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. ގިނަ ފަހަރު ޓީމޫއިން ޕެކޭޖު އަންނައިރު ގަތް އެއްޗިހި ހަނދާން ނުހުންނަ ހިސާބަށް ކަންކަން "ގޯސް" ވެއްޖެ އެވެ.
އާއްމުކޮށް ގެއަށް ބޭނުންވާ ތަކެތި ބޭރުން ގެންނަ އައިޝަތު ހަމީދާ ބުނި ގޮތުގައި ގޭގައި ހިފާ ގެންގުޅޭ ސާމާނު، ހާއްސަކޮށް ބަދިގޭ ސާމާނު ރާއްޖެއަށްވުރެ އަގު ހެޔޮވުމަކީ ގިނަ މީހުން ވިޔަފާރި ކުރުން ގިނަވުމުގެ ސަބަބެކެވެ. އެކަމަކު އޭނާ ވެސް ގަބޫލު ކުރާ ގޮތުގައި މިގޮތަށް ގެންނަ ގިނަ އަންނައުނުގެ ފެންވަރު ދަށެވެ.
"އެކަމަކު ބަދިގެ ތަށިސެޓު ކަހަލަ އެއްޗިހި ބޮޑުތަން ހެޔޮ. އެހެންވެ ގިނަ ބަޔަކު މިހާރު އަމިއްލަ އަށް ގެންނަނީ،" އައިޝަތު ބުންޏެވެ.
މި ބަދަލުގެ ސަބަބުން ކުރިން އަންދާޒާ ނުކުރާ މިންވަރަށް މިހާރު ރާއްޖޭން "ބޭރުވާ ޑޮލަރު" ވަނީ އިތުރުވެފަ އެވެ. މި ޑޮލަރަކީ ގިނަ މީހުންނަށް ވިސްނާ ނުލެވުނު ނަމަވެސް މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުގެ ތެރޭން ބޭންކުތަކަށް ވިއްކާ ޑޮލަރެވެ. މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކޮންމެ ހަފުތާއަކު ބޭންކްތަކަށް ޑޮލަރު ދޫކުރަމުން ގެންދާއިރު، ބީއެމްއެލް އިން ރޭ ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ ބޭންކުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު މިހާރު ވިއްކަ އެވެ. މި އަދަދަށް ޑޮލަރަށް ހަރަދު ކުރާނަމަ މިއީ މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ) އެވެ. އަދި އަހަރެއްފެ މައްޗަށް މިއީ 500 މިލިއަން ޑޮލަރުގެ ބޮޑު ހަރަދެކެވެ. މީގެ އިތުރުން ކާޑުގައި މުއާމަލާތްތަކުގެ ބޮޑުބައެއް މިކަމުގައި ހިއްސާ ކުރާނެ އެވެ.
ޑޮލަރު ބޭނުންވާ މީހުންނަށް ޑޮލަރު ފޯރުކޮށްދޭން ގައުމީ ބޭންކުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސީއީއޯ މުހައްމަދު ޝަރީފު ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވިދާޅުވީ ދިވެހިން އިންޓަނެޓް މެދުވެރިކޮށް ބޭރުގެ ވިޔަފާރިތަކުން ގަންނަ ތަކެއްޗަށް ކާޑު ބޭނުންކުރާ މިންވަރު ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ. މިއާއެކު ބީއެމްއެލް އިން ދުވާލެއްގެ މައްޗަށް 45،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު 1.5 މިލިއަން ޑޮލަރު ވިއްކަންޖެހޭކަން ފާހަގަ ކުރެއްވި އެވެ.
ޑޮލަރު ވިއްކުމުގައި މިއީ ބޮޑު އަދަދެކެވެ. އެކަމަކު ހަގީގަތަކީ މިވަރުންވެސް ވިޔަފާރިވެރިން ޓީޓީ ހަދަން ބޭރުންވާ މިންވަރާ ގާތަށްވެސް ޑޮލަރު ނުލިބެ އެވެ. ޑޮލަރު މާރުކޭޓު ހަމަައަކަށް އަޅުވަން މިކަން ކުރަން ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެކަމަކު ސުވާލަކީ މި ވަރަށް ލީކްވާނަމަ ރާއްޖޭގައި ޑޮލަރުގެ ރިޒާވް ހިފަހައްޓަން ފަސޭހަވާނެ ހެއްޔެވެ؟ ޑޮލަރު ބޭރުވަނީ ހަމައެކަނި މި މަގުން އެކަންޏެއް ނޫނެވެ. މިއީ އަލަށް އިތުރުވެ ފުޅާވި މަގެކެވެ. މީގެ އިތުރުންވެސް ޑޮލަރު ލީކުވާން ހުރި ލޯވަޅުތައް ހުރީ ކުރިންވެސް ހުރި ގޮތަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން "އަމިއްލަ މަސައްކަތް" ކޮށްގެން ބޮޑު އަދަދެއް ބޭރުކުރެ އެވެ. މި އަދަދުގެ އަންދަޒާއަކީ ބިދޭސީއެއްގެ ބޮލަކަށް 1000-600 ޑޮލަރުގެ މިންވަރެކެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ބޭރުކުރާ އަދަދު ވެސް އިންތިހާއަށް މައްޗެވެ. މިކަން މި އަހަރު ހުއްޓާލާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެފަ އެވެ. މި ހުރިހާ ކަމަކާއެކު ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރިނަމަވެސް ރާއްޖެ އަށް އެތެރެވާ ވަރަށްވުރެ ޑޮލަރު ބޭރުވާ ޑޮލަރުގެ "ލީކޭޖް" މިވަނީ އިންތިހާ އިތުރުވެފަ އެވެ.
މަރުކަޒީ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ދޫކުރި ޑޮލަރުގެ ބޮޑުބައެއް ހަރަދުވެފައިވަނީ ރާއްޖެ އަށް ބޭނުންވާ ތެލާއި ބޭސް އަދި ކާޑުގެ ބާވަތްތައް ގަތުމުގެ އިތުރުން ދަރަނި ދެއްކުމަށެވެ.
އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން މީގެ އިތުރުން ޑޮލަރު ދޫކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ބޭރަށް ފުރާ ދިވެހިންނަށް 500 ޑޮލަރުގެ ރޭޓުން ވީއައިއޭ އިން ދޫކުރި ޑޮލަރާއި ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރުން އަދި އުމްރާއާއި ހައްޖުވެެރިންނަށް ދޫކުރި ޑޮލަރު ހިމެނެ އެވެ.
މަރުކަޒީ ބޭންކުން 2023 ވަނަ އަހަރު ވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ނުވަތަ 995.5 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދޫކުރި އެވެ. އެ އަހަރު މީގެތެރޭން 70 ޕަސެންޓް ގަތީ އެސްއޯއީތަކުންނެވެ. އެސްއޯއީތަކުން 687.8 މިލިއަން ޑޮލަރު (69 ޕަސެންޓް) ދޫކޮށްފައިވެ އެވެ. އަދި ބޭންކްތަކަށް 307.6 މިލިއަން ޑޮލަރު (30 ޕަސެންޓް) ދޫކޮށްފައިވެ އެވެ. އަދި ވީކްލީ އެލޮކޭޝަންގެ ގޮތުގައި 159.6 މިލިއަން ޑޮލަރު އަދި ބޭރަށް ފުރާ މީހުންނަށް 85.5 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް 43.7 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.
ޑޮލަރު ބޭރުވުން އިންތިހާއަށް އިތުރުވި އަނެއް ސަބަބަކީ އޮންލައިން ޝޮޕިން އަށް ފަސޭހަ ކުރަން ސަރުކާރުން މިދިޔަ އަހަރު ގެނެސްފައިވާ ބަދަލެވެ. ކަސްޓަމްސް އިން މިދިޔަ އަހަރުގެ ޖޫން 30 ވަނަ އަހަރު ގެނެސްފައިވާ ބަދަލާއެކު ކުރިން އަމިއްލަ ބޭނުމަށް 6،000ރ. ގެ މުދާ ގެނެވުނު ނަމަވެސް މިހާރު 10،000ރ. ގެ މުދާ ގެނެވެ އެވެ. މިއާއެކު ރާއްޖެއަށް ކްރިއާގެ ގޮތުގައި އަންނަ މުދަލުގެ އަދަދު ވަނީ ދެގުނަ އިތުރުވެފަ އެވެ.
ކުރިން އަމަލު ކުރި ގޮތް - ކަސްޓަމްސް އިން މި ބަދަލު ގެނެސްފައިވާއިރު މިހާތަނަށް އަމަލު ކުރަމުން ގޮސްފައިވަނީ ރާއްޖެއިން ބޭރުގަ 6 މަސް ދުވަހާއި އެއް އަހަރާއި ދޭތެރޭ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 9000 (ނުވަހާސް) ރުފިޔާގެ މިންވަރު ޑިއުޓީ މައާފުކޮށްދެ އެވެ. އަދި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ދޭތެރޭ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 11000 ރުފިޔާގެ މިންވަރަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގަ ތިން އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށްދެނީ 14000ރ ގެ މުދަލުންނެވެ. ރާއްޖެއިން ބޭރުގަ އެއް އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތީގެ ތެރެއިން އެފަރާތްތަކުން ރާއްޖެއިން ބޭރުގައި ބޭނުން ކޮންފަ ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށްދެ އެވެ. އަދި އަމިއްލަ ކުދިކުދި ބޭނުމަށް ގެންނަ ތަކެތީގެ 6000 ރުފިޔާގެ މިންވަރަށެވެ.
ބޮޑު މި ބަދަލާއެކު ކާޑުތަކުން ހަމައެކަނި އެތައް މިލިއަން ޑޮލަރެއް "ނޭނގި" ދަނީ ބޭރުވަމުންނެވެ. މީގެ ސަބަބުން ވިޔަފާރީގެ ގޮތުގައި އޮންލައިންކޮށް ތަކެތި ގެނެސްގެން މިކަމުގައި އުޅުނު ފަރާތްތަކުގެ ވިޔަފާރިވެސް މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އަދި ޓެކްސް ދައްކައިގެން ބޮޑު އަގުގައި ކަޅުބާޒާރުން ޑޮލަރު ހައްދައިގެން އިމްޕޯޓް ކުރާ ވިޔަފާރިތަކަށްވެސް ބޮޑު ގެއްލުމާ ދަނީ ކުރިމަތިވަމުންނެވެ. އެ ވިޔަފާރިތަކީ ރައްޔިތުންނަށް ދައުލަތުންދޭ އަސާސީ ހިދުމަތްތަކަށް ހަރަދު ކުރަން ޓެކްސް ދައްކާ ފަރާތްތަކެވެ. ސުވާލަކީ މިއީ މިކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ޑޮލަރު ލީކްވުން އިންތިހާގައި ހުރިއިރު ބަލަހައްޓައިގެން ތިބެންވީ ހެއްޔެވެ؟