ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ %99 އެ ބޭންކުން ހިންގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަަށާ މިއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތެވެ.
ގައުމީ ބޭންކުން ޑިޖިޓަލް ވަސީލަތްތައް ހިދުމަތް ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު މުއާމަލާތްތަކުގެ އަދަދު 500 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ޖެހިލައިފި އެވެ.
ބާސެލޯސް ނަސަންދުރަ ހޮޓެލްގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ %99 އެ ބޭންކުން ހިންގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަަށާ މިއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތެވެ.
"މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި،" ސީއީއޯ ޝަރީފު ވިދާޅުވި އެވެ.
ކުރިން ބޭންކުގެ އިސް މަގާމުތަކެއް ފުރުއްވި ޝަރީފު ވިދާޅުވީ ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ހިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ.
ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި ބޭންކުން މަސައްކަތް ކުރަމުން މިދަނީ މި ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށްވުމުގެ ލަނޑުދަނޑިހާސިލުކުރުމަށްކަން ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް އެބަހުރި. ބީއެމްއެލްގައި މަސައްކަތްކުރާ ޓީމަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ މުހިންމު ރައުސުލްމާލު. ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އަޅުގަނޑުމެންގެ ވަފާތެރި މުވައްޒަފުންނާމެދު އަޅުގަނޑުމެން ފަހުރުވެރިވަން. އެ މުވައްޒަފުންގެ ވަފާތެރިކަމާއި ބުރަ މަސައްކަތުން ކޮންމެ ދުވަހަކު ވެސް ބޭންކު ކުރިއަށް މިދަނީ ބާރު ދުވެލީގައި. އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމުން، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރުވެރިކަމެއް ލިބޭ،" ޝަރީފު ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކާމިޔާބު މާލީ އަހަރަކަށްފަހު މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވީ ބޭންކުގެ ހަރުދަނާ މާލީ ނަތީޖާއަށާއި ޑިޖިޓަލް ހިދުމަތްތަކުގެ ކާމިޔާބީއަށާއި މުޖުތަމައުތަކަށް ބޭންކުން ދޭ މާލީ އެހީތެރިކަމާ ބެހޭ ގޮތުން އަލިއަޅުއްވާލައްވަފިއެވެ.
ބޭންކުގެ މާލީ ހާލަތުގެ މައްޗަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ މިދިޔަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދެއް ކަމަށެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8% ގެ ކުރިއެރުމެއްކަން ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.
ޝަރީފު ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58% ޕަސެންޓު ކަމަށާ މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލް ކުރައްވާ އިތުބާރު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
" ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58% ގައި، މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް. މި އަދަދުތަކުން އަޅުގަނޑުމެންގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭ،" ޝަރީފު ވިދާޅުވި އެވެ.