ބާސެލޯސް އިން ހިންގާ ނަސަންދުރަ ހޮޓެއްލްގައި މިރޭ ބޭއްވި ގައުމީ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފި އެވެ.
ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާދާރުންނަށް 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ
ފައިދާއެއް ބަހަން ނިންމައިފި އެވެ.
ސްޕެއިންގެ އެންމެ މަޝްހޫރު ޓޫރިޒަމް ކުންފުނި ކަމަށްވާ ބާސެލޯސް އިން ހިންގާ ނަސަންދުރަ ހޮޓެއްލްގައި މިރޭ ބޭއްވި ގައުމީ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފި އެވެ. މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
އަހަރީ އާއްމު ޖަލްސާގައި ގައުމީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މި ރެކޯޑު އަދަދުގެ ފައިދާއަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
" ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލެއްވުމަށާއި ކުރައްވާ އިތުބާރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެން ކުރިމަގުގައިވެސް މާލީ ކުރިއެރުން ހޯދުމާއެކު، އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމި ތިބޭނަން،" ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްގެ މި ރެކޯޑް ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ގައުމީ ބޭންކްއަށް މިދިޔަ އަހަރު ވަނީ 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިދަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ވަރަށް ފައިދާއެއް ލިބުނުއިރު ބޭންކުން މިދިޔަ އަހަރު އާއްމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެ އެވެ.