ބޭންކްތައް އިތުރު ވުމަކީ އިންވެސްޓަރުންނަށް އިތުބާރު ލިބިގެންދާނެ ކަމެވެ. މިއީ މާލީ ހާލަތު ކުރިމަގުގައި ރަނގަޅުވާނެކަމުގެ ހެއްކެކެވެ.
ބޭންކްތައް ގިނަވެއްޖެނަމަ މާނައަކީ އެތަނުގައި ވިޔަފާރި އޮތީ އެވެ. ބޭންކުތައް ބަންދު ކުރާނަމަ މާނަކީ އެތަނުގައި ވިއްކާނެ އެއްޗެއް ނެތި ގަންނާނެ ބަޔަކުވެސް ނެތީ އެވެ. މިއީ އާއްމު އުސޫލުން ވިސްނާލިޔަސް ކަން އޮތް ގެތެވެ. މި އެންމެ ތިލަކޮށް ވިސްނާލިޔަސް އެނގޭނެ ހަގީގަތަކީ ބޭންކްތައް ގިނަވާނަމަ އެތަނެއްގައި ވިޔަފާރީގެ ފުރުސަތުތަކެއް އޮތީ އެވެ. އެކަން މިވަނީ ރާއްޖޭން ފެންނަން ފަށާފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށްފަހު ފުރަތަމަ ފަހަރަށް އެއް ދައުރެއްގައި ދެ ބޭންކް ހުޅުވުމުގެ ލައިސަންސް ރާއްޖޭގެ މަރުކަޒީ ބޭންކުން ދޭން މިވަނީ ތައްޔާރުވެފަ އެވެ. އާ ދެ ބޭންކް ހުޅުވަން މަސައްކަތް ފެށުމަކީ ހެޔޮ ނިޝާނެކެވެ. މީގެ ސަބަބުން އަންނާނެ ބަދަލަކީ ކޮބައި ހެއްޔެވެ؟
ރާއްޖޭގައި ހުޅުވަން ހުއްދައަށް އެދިފައިވާ ދެ ބޭންކްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ ލީސިން ކުންފުނި ކަމަށްވާ އެމްއެފްއެލްސީ އިން ހުޅުވާ މޯލްޑިވްސް ފައިނޭންސް ލީސިން ބޭންކް (އެމްއެފްއެލްބީ) އެވެ. މި ބޭންކްއަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ ޗަމްޕާ ބްރަދާސްގެ ބޮޑު ހިއްސާއެއް އޮންނަ ބޭންކް އެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް ހުޅުވަން މަރުކަޒީ ބޭންކް އިން ހުއްދަ ދޫކުރި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް "ބީއައިސީ މޯލްޑިވްސް ބޭންކް" އަކީ ބީއައިސީ ކެމްބޯޑިއާ ބޭންކުން ރާއްޖޭގައި ހުޅުވާ ބޭންކް އެވެ.
ބީއައިސީ މޯލްޑިވްސް ބޭންކް ހުޅުވާ ބީއައިސީ ކެމްބޯޑިއާ ބޭންކް ހިންގާ ވިޔަފާރި ގްރޫޕަކީ ވަރުގަދަ އެއް ވިޔަފާރީގެ ނަމެއް އޮތް ގިނަ ބަޔަކު އިތުބާރު ކުރާ ކުންފުންޏެކެވެ. މި ގްރޫޕުން އިންޝުއަރެންސުގެ އިތުރުން ސުޕަޔޮޓުގެ ވިޔަފާރިއާއި ކޮންސްޓްރަކްޝަން ވިޔަފާރީގައި ދެކުނު އިރުމަތީ އޭޝިއާ އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ހިއްސާގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި މި ކުންފުނިން ހަރަކާތްތެރިވެ އެވެ.
"މިރާ" އަށް އެނގިފައިވާ ގޮތުގައި ބީއައިސީން ރާއްޖޭގައި އިންވެސްޓްކޮށް ބޭންކެއް ހުޅުވަނީ ރާއްޖޭގައި ގޮތްޕެއް ހުޅުވިގެންދާނެ ބޭންކްއެއް ނޫނެވެ. މިއީ ދިވެހި ބޭންކެކެވެ. މި ބޭންކުގެ އެއް ހިއްސާދާރަކީ ރާއްޖޭގެ އެންމެ ގިނަ މަތީ ފަންތީގެ ރިސޯޓްތައް ބޭރުގެ ޕާޓްނަރުންނާއެކު ތަރައްގީ ކުރައްވަމުން ގެންދަވާ ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު އެވެ. މީގެ އިތުރުން ހިއްސާ އޮތީ ބީއައިސީ ކެމްބޯޑިއާ ބޭންކުގަ އެވެ.
މި ބޭންކުގެ ޗެއާއަކީ ޖަނާގެ ދޮށީދަރިކަލުން ނޫރެއިން ޖަނާހު އެވެ. އަލަށް ދެ ބޭންކަށް ލައިސަންސް ދިނުމާ ގުޅިގެން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ޕްރީއޮޕަރޭޝަނަލް ލައިސަންސް ދޫކޮށްފައިވާ ކަމަށާ ދެ ބޭންކްއާއެކު ފައިނޭންޝަލް ސެންޓަރު ފުޅާ ވެގެން ދިއުމެވެ.
އާ ދެ ބޭންކްއެއް އަންނަން ތައްޔާރުވެފައިވާއިރު މިދިޔަ އަހަރު ވަނީ ރާއްޖޭގައި ވިޔަފާރިތަކާއި ވިޔަފާރިވެރިންނަށް ހާއްސަކޮށް ހިދުމަތް ދޭން ރާއްޖޭގައި ހުޅުވި އެޗްއެސްބީސީގެ ބްރާންޗެއް ބަންދުކޮށްފަ އެވެ. ޕޭޕަރު ބޭންކެއްގެ ގޮތުގައި ހިންގަމުން ދިޔަ މި ބޭންކް ބަންދު ކުރި ސަބަބެއްގެ ގޮތުގައި އޭރު ބުނެފައިވަނީ ގެއްލުންވުމެވެ. ނަމަވެސް އޭގެ ދެ އަހަރު ނުވަނީސް އިތުރު ދެ ބޭންކެއް ވުޖޫދުވާން ތައްޔާރުވުމުން އެނގިގެން ދަނީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރައިގެންދާ މިންވަރެވެ. ހާއްސަކޮށް ޒަމާނީ މާލީ ވަސީލަތްތަކަށް ރާއްޖެ ފައްކާ ކުރަން ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު އިތުރު ކުރިއެރުން ތަކެއް ވެސް ލިބެމުންދާ ތަނެވެ. މީގެ އިތުރުން ރާއްޖެއަށް އާ ބޭންކެއް އައި މި ވަގުތަކީ 100 އެއްހާ ރިސޯޓް ދޫކޮށް ނުހެދި ހުއްޓިފައި އޮތް ވަގުތެވެ.
މި ރިސޯޓްތައް ހަދަން ރާއްޖޭން ފައިނޭންސް ލިބޭނެ ގޮތެއް ނެތެވެ. އެހެންވެ މި ބޭންކްތައް މެދުވެރިކޮށް އަންނަ ފައިނޭންސްއާއެކު ރިސޯޓް ތަރައްގީ ކުރަން ވެސް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މި އަހަރު ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭ ހުޅުވައި، ޖުލައި މަހު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްވެސް ހުޅުވުމާއެކު ރާއްޖޭގެ އިގްތިސޯދަށް ދިރުން ލިބިގެންދާނެ އެވެ. މި ފުރުސަތުތަކާއެކު އާ އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް އަންނާނެ އެވެ. ހާއްސަކޮށް ޓޫރިޒަމް ސިނާއަތަކަށް އިތުރު އާ ރިސޯޓްތަކެއް ނެރޭނެ އެވެ. އެހެންވެ މި ރިސޯޓްތަކަށް އިންވެސްޓް ކުރަން އިތުރު މާލީ ވަސީލްތަ ތަކެއް ބޭނުންވާނެ އެވެ.
ރާއްޖެ އަށް އިތުރު ބޭންކްތަކެއް އައުމަކީ ހެޔޮފާލެވެ. މީގެން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސޯދުގެ ވަރުގަދަ ކަމެވެ. ފެނިގެން ދާނީ އިންވެސްޓަރުންނަށް އުންމީދެވެ.