ސްކޫލަށް ބޮން އަޅައިގެން މުޅިއާއިލާ އަނދައިގެން ދިޔަ މަންޒަރު މި ކުއްޖާއަށް ފެނުނެވެ. ނަމަވެސް އަލިފާނުން މި ކުއްޖާ ސަލާމަތްވީ ބޮޑު ގެއްލުމެއް ނުލިބި އެވެ.
ފަލަސްތީނުގެ ޣައްޒާ ސިޓީގެ ފަހުމީ އަލްޖަރުޖާވީ ސްކޫލަށް އިސްރާއިލްގެ އިސްތިއުމާތު ސިފައިން ދިން އަނިޔާވެރި ހަމަލާއެއްގައި ރޯވި އަލިފާންގަނޑުގެ ތެރެއިން އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްވި ގޮތާމެދު ދުނިޔެ ހައިރާންވެ އަންސަރީސް ވެއްޖެ އެވެ.
ޣައްޒާ އަށް އިސްރާއިލުން ދެމުން ގެންދާ ސިލްސިލާ ހަމަލާތަކުގެ ތެރޭން ދިން މި އަނިޔާވެރި ހަމަލާ ދިންއިރު ފަސް އަހަރުގެ ވާޑް އަލްޝެއިޚް ޚަލީލް އާއި އޭނާގެ އާއިލާ އަދި ގިނަ ބަޔަކު ތިބީ މި ސްކޫލްއަކީ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ބަލައިގެން އެތަނުގައެވެ. ނަމަވެސް އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ޒަޔަނިސްޓު ޔަހޫދީންގެ ހަނގުރާމަތިވީ ބޯޓުތަކުން ދިން ހަމަލާގައި މި ކުއްޖާގެ މަންމަ ހިމެނޭހެން އެއްބަނޑު ފަސް ބެއިން ޝަހީދުވެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ އިން ފެންނަ ގޮތުގައި މި ތުއްތު ކުއްޖާ އަލިފާންގަނޑުގެ ތެރޭގައި ހުންނަތަން ފެނެ އެވެ. ނަމަވެސް ފަލަސްތީނުގެ ސިވިލް ޑިފެންސް މެންބަރުން އޭނާ އެތަނުން ނެރުނުއިރު އެއްވެސް ގެއްލުމެއް ވެފައެއް ނެތެވެ. ހަމައެކަނި އަލިފާނުގެ ހޫނާއި ވެއްޓިގެން ދިޔަ ސްކޫލްގެ ތެރޭގައި އުފެދުނު ހިރަފުހުގެ ސަބަބުން ލިބުނު ގެއްލުންމެއް ނޫން އިތުރު ބޮޑު އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެ ކުއްޖާ ހުރީ މި ހާދިސާއަށްފަހު ނަފުސާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަދި އޭނައަށް ވަނީ މަންމަ އާއި އާއިލާގެ އެހެން މެންބަރުން އަނދައިގެން ދިޔަ މަންޒަރު ފެނިފަ އެވެ.