ރައުދު ދޫކޮށްލަން އެދުނީ ދެވޭނެ އަދަބަށް ވުރެ ބަންދުގެ މުއްދަތު އިތުރުވެދާނެތީ

ޝަފީއު ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު، އެ މީހަކަށް ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވުމުން އާންމުކޮށް ވެސް އެ މީހަކު ބަންދުން ދޫކޮށްލުމުގެ އިރުޝާދު ޕީޖީން ދޭ ކަމަށް.

ޔުމްނު ވެއްޓުމުގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ރައުދުއާއެކު ހަރަކާތްތެރިވަނީ --

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ފުލުހުންގެ ބަންދުން ދޫކޮށްލަން އެދުނު ސަބަބު ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސާފުކޮށްދީފި އެވެ.

ރައުދުގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނިކޮށް، އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕީޖީ އޮފީހުން "އިރުޝާދު ދީފައިވާތީ" ކަމަށް ފުލުހުން ބުންޏެވެ.

ރައުދު ބަންދުން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅިގެން، ޕީޖީ އޮފީހުގެ ތަރުޖަމާނު ޝަފީއު އަހުމަދު ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު، އެ މީހަކަށް ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވުމުން އާންމުކޮށް ވެސް އެ މީހަކު ބަންދުން ދޫކޮށްލުމުގެ އިރުޝާދު ޕީޖީން ދޭ ކަމަށެވެ.

ރައުދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ.

އަދި ޕީޖީ އޮފީހުން އެ މައްސަލަ ބަލައިގަނެ، ދައުވާ ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް މައްސަލަ ދިރާސާކުރަމުންދާއިރު، ގިނަވަގެން 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަން އެނގިފައިވެ އެވެ.

ނަމަވެސް، ރައުދުގެ މައްޗަށް ދައުވާކޮށްދޭން އެދުނީ އޭނާއަށް ކުރެވޭ ކޮން ތުހުމަތަކާ ގުޅިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހާދިސާ ހިނގިތާ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ މިހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އޭގެފަހުން އެކި ފަހަރު މަތިން ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ބަންދުން ދޫކޮށްލި އެވެ.

ނަމަވެސް، ފުލުހުން ވަނީ އިތުރު އަމުރެއްގެ ދަށުން އޭނާ ހަމަ އެ ދުވަހު އަލުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފަ އެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހު ވަގުތާ ޖެހެންދެން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އެމަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ކުރިން ވަނީ ދައްކާފަ އެވެ.

މި މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ. އެކޮމިޝަނުން މިހާރު ވަނީ ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.