ޝަމީމަށް ހަމަލާ ދިން ކަމުގެ ތުހުމަތު އޮތް މީހުންގެ މައްސަލަ އިސްތިއުނާފަށް

މި މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފްކޮށް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން އެދިފައި ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުށް މައްސަލަ އަލުން ބަލައިދިނުމަށް އެ ކޯޓުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ހަމަލާ ދިން މައްސަލައިގައި ސަލާމަތްވި މީހުންގެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފައި --

ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޝަމީމަށް މަގުމަތިން ހަމަލާ ދިން މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ، ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމާއި ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމާއި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފާއި ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިންގެ އިތުރުން ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނާއި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރުގެ މައްޗަށެވެ.

މި ހަތް މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނު ހަރިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

މި މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފްކޮށް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން އެދިފައި ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުށް މައްސަލަ އަލުން ބަލައިދިނުމަށް އެ ކޯޓުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

ކްރިމިނަލް ކޯޓުން ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ސީސީޓީވީ ފުޓޭޖްތަކާ ގުޅޭ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެދުމެވެ.

އެ ހުކުމުގައިވާ ގޮތުން، ދައުވާތައް ސާބިތު ކުރުމުގެ އެންމެ އަސާސީ އަދި އެންމެ މުހިންމު ހެއްކަކީ ސީސީޓީވީ ފުޓޭޖް ކަމަށްވާއިރު، ސީސީޓީވީ ފުޓޭޖާއި ހާދިސާ ހިނގާފައިވާ ގަޑިއާ ދިމާ ނުވާ ކަމަށެވެ. އަދި އެ ފަރަގު އައީ ކީއްވެގެންކަން ދައުލަތުން ޝަރީއަތުގައި ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ގާޒީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައިވެ އެވެ.

ޖެނުވަރީ 31، 2024 ވަނަ ދުވަހު މި މީހުން ޝަމީމަށް ހަމަލާ ދޭން ރާވައި، މާލޭގެ ނޫރު މިސްކިތް ކައިރީ މަގުމަތީން ޝަމީމް ހުއްޓުވައި، ބޮލަށް ހަމަލާ ދޭން މަސައްކަތް ކޮށް، ޝަމީމާމެދު މާރާރީ ހިންގައި އަދި އަތުގެ މުލައްދަނޑި ވަނީ ޒަހަމްކޮށްލާފަ އެވެ.

ދައުލަތުން ބުނެފައި ވަނީ ޝަމީމްގެ ބޮލަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ މި ހަތް މީހުންގެ ތެރެއިން މިދުހަތު ކަމަށެވެ. އަދި، ސައިކަލުގައި މިދުހަތު ގޮވައިގެން އެތަނަށް ދިޔައީ ޖަޒްލާން ކަމަށާއި، ހަމަލާއަށްފަހު އޭނާ ގޮވައިގެން އެތަނުން ދިޔައީ ވެސް ޖަޒުލާން ކަމަށެވެ. ހަމަލާ ދޭން ބޭނުން ކުރި ސައިކަލު ހޯދައިދިނީ ދައުވާކޮށްފައިވާ މައިސާން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މި މައްސަލައިގައި ދައުވާ ކުރި އަނެއް ހަތަރު މީހުންނަކީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި މީހުންނެވެ. ހަމަލާއަށްފަހު ސައިކަލުގައި ތިބި ދެ މީހުންނާއެކު ހަތަރު މީހުން ކާރުގައި އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނެފައި ވަނީ މިއީ މާލޭގައި ކުށް ކުރާ ގުރޫޕަކުން ދުރާލާ ރާވައިގެން "ކޮމަން އިންޓެންޝަން" އެއްގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.