ރައުދުގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނިކޮށް، އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕީޖީ އޮފީހުން "އިރުޝާދު ދީފައިވާތީ" ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ރައުދުގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނިކޮށް، އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕީޖީ އޮފީހުން "އިރުޝާދު ދީފައިވާތީ" ކަމަށް ފުލުހުން ބުންޏެވެ.
ރައުދު ބަންދުން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ރައުދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ.
އަދި ޕީޖީ އޮފީހުން އެ މައްސަލަ ބަލައިގަނެ، ދައުވާ ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް މައްސަލަ ދިރާސާކުރަމުންދާއިރު، ގިނަވަގެން 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަން އެނގިފައިވެ އެވެ.
ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހާދިސާ ހިނގިތާ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ މިހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.
އޭގެފަހުން އެކި ފަހަރު މަތިން ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ބަންދުން ދޫކޮށްލި އެވެ.
ނަމަވެސް، ފުލުހުން ވަނީ އިތުރު އަމުރެއްގެ ދަށުން އޭނާ ހަމަ އެ ދުވަހު އަލުން ހައްޔަރުކޮށްފަ އެވެ.
އޭގެފަހުން، ރައުދު އަދިވެސް ހުރީ އިތުރު ފަސް ދުވަހަށް ބަންދުކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފަ އެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހު ވަގުތާ ޖެހެންދެން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އެމަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ކުރިން ވަނީ ދައްކާފަ އެވެ.
މި މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ. އެކޮމިޝަނުން މިހާރު ވަނީ ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފަ އެވެ.