މިއީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
ހައްޖުވެރިންނަށް ބޮޑެތި ލުއިތައް ލިބޭ، މައްކާ ރޫޓް އިނީޝިއޭޓިވް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވައިފި އެވެ.
ރާއްޖޭގައި މުޅިން އަލަށް މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ފޮރިން މިނިސްޓްރީގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިލެވޭނެ އެވެ. އަދި ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދިޔުމުގެ އިތުރުން، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ލިބޭނެ އެވެ.
މިއީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި އިފްތިތާހު ކޮށްފައިވާއިރު މިއަދު ވަނީ ފުރަތަމަ ހައްޖަށްދާ ގުރޫޕް ފުރައިފަ އެވެ. ހަތަރު ގުރޫޕަކަށް ބަހާލައިގެން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާއިރު ދެން ފުރާނީ 27، 29 އަދި 30 ވަނަ ދުވަހު އެވެ.