"ޓެކުހުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުން މުހިންމު"

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި މާލީ ވުޒާރާއިން ވަނީ ރެވެނިއު އެޑްމިނިސްޓްރޭޝަން އޭޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ.

އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ފިނޭންސް

ޓެކްސްއާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ދިވެހިރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން މުސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ދެއްވި ކީނޯޓް ޚިތާބެއްގައި ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި، ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ، ޓެކްސް ނިޒާމު ހަރުދަނާކޮށް، އިންކްލޫސިވް ގްރޯތު އިތުރުކޮށް، ހަމަހަމަކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައިވެ އެވެ.

ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ރާއްޖެ ވަނީ ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާކުރުމަށް ރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. އަދި ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ގާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، އެކުގައި މަސައްކަތްކުރުމުގެ ބާރާއި، ލީޑާޝިޕްގެ ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިގްތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް ވަޒީރު ޒަމީރު އަލިއަޅުވާލެއްވި އެވެ.

ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފަ އެވެ. މިގޮތުން ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ޖީޑީޕީގެ 13.8 އިންސައްތަ ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި މާލީ ވުޒާރާއިން ވަނީ ރެވެނިއު އެޑްމިނިސްޓްރޭޝަން އޭޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ. މި ސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްޙަތު އަދި އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.  

ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނުދެއްކުމާއި، ގާނޫނީ ގޮތުން ހުއްދަނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.