ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލްއަށް ބަދަލުކުރާ އާ މާސްޓާ ޕްލޭން އިފްތިތާހުކޮށްފި

ރައީސް ވިދާޅުވި ގޮތުގައި، މި ޕްލޭންގެ ދަށުން، މުޅި މާލެ ސަރަހައްދުގައި، ހުޅުމާލެ އަކީ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ގާއިމުވެގެންދާނެ އެވެ.

ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހުކުރުން. --ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ، ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލަށް ބަދަލުކުރުމުގެ ތަސައްވުރު ހިމަނައި، މުޅި ހުޅުމާލޭގެ މާސްޓާ ޕްލޭން އަލުން އެކުލަވާލައި، އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި އާ މާސްޓާ ޕްލޭންގައި، ހުޅުމާލޭގެ ފޭސް ތިނެއް، އަނެއް ދެ ފޭސް އާ ގުޅުވައިލުމަށް ކުރިން ގެންގުޅުނު ވިސްނުން ވަނީ ބަދަލުކޮށްފަ އެވެ.

މިގޮތުން، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ބްރިޖަކުން ގުޅުވައިލަން ގެންގުޅުނު ވިސްނުން ބަދަލުކޮށް، އާ ޕްލޭންގައި ބިން ހިއްކައިގެން ފޭސް ތިނެއް، އަނެއް ދެ ފޭސް އާ ގުޅުވައިލަން ވަނީ ހިމަނައިފަ އެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ މިކަމުގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ ކަމަށެވެ.

މީގެއިތުރުން، ބަނދަރު ކުރާ ސަރަހައްދު ބޮޑުކުރުމާއި ފޭސް ދޭއްގައި ލިބެން ހުރި ހިދުމަތްތައް ގިނަ ކުރަން ވެސް އާ ޕްލޭންގައި ހިމެނެ އެވެ.

އެޗްޑީސީން ހިއްސާކުރި އާ ޕްލޭންގައި ވެސް ހުޅުމާލޭގެ ފެހިކަމާއި ހިތްފަސޭހަ ކަމަށް ވަރަށް ބޮޑަށް ވިސްނާފައިވެ އެވެ. މިގޮތުން، އެތަނުގައި ދިރިއުޅޭ ކޮންމެ މީހަކަށް 2.5 އަކަމީޓަރުގެ ހުސް ޖާގައެއް ލިބޭ ގޮތަށް އެޗްޑީސީން ވަނީ ޕްލޭންކޮށްފަ އެވެ.

ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހުކުރުން. --ފޮޓޯ: ރައީސް އޮފީސް

އާ ޕްލޭނުގެ ދަށުން ހުޅުމާލޭގެ ބިމުގެ 29 ޕަސެންޓު ހާއްސަކޮށްފައި ވަނީ މީހުން ދިރިއުޅުމަށެވެ. އަދި ބިމުގެ 10 ޕަސެންޓު ހާއްސަކޮށްފައި ވަނީ މިސްކިތާއި މަދަރުސާތަކާއި އެހެން އާންމު ހިދުމަތް ދޭ އިދާރާތަކަށެވެ. އަދި ބިމުގެ ފަސް ޕަސެންޓު ކޮމާޝަލް ބޭނުންތަކަށް، ސިނާއީ މަސައްކަތަށް ފަސް ޕަސެންޓްގެ އިތުރުން ހުސް ސަރަހައްދު، ފެހި ސަރަހައްދު އަދި ކުޅިވަރަށް ބިމުގެ 30 ޕަސެންޓު ވަނީ ހާއްސަކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ، އާ މާސްޓާ ޕްލޭން ބަދަލުކޮށްފައިވަނީ ހުޅުމާލެއަށް ސަރުކާރުން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ.

އެއާއެކު ރައީސް ވަނީ، މި ޕްލޭން ހަގީގަތަކަށް ހެދުމުގައި ހުރިހާ ފަރާތްތަކެއްގެ ވިސްނުން އެއްގޮތްކޮށް، މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ގާތްގަނޑަކަށް ތިން ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތައް މިތަނުން ލިބިގެންދާނެ، މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުނީމަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ޕްލޭންގެ ދަށުން، މުޅި މާލެ ސަރަހައްދުގައި، ހުޅުމާލެ އަކީ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ގާއިމުވެގެންދާނެ ކަމަށެވެ.

ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހުކުރުން. --ފޮޓޯ: ރައީސް އޮފީސް

"ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މިތަން ތަރައްގީކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓު ގާއިމުވެފައިވާ ގޮތަށް، އެއަށް ކޮމްޕްލިމެންޓު ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން، އެޗްޑީސީގެ ހިދުމަތްތައް ހޯދުން ފަސޭހަކުރުމަށް، އެ ކުންފުނީގެ އާ ވެބްސައިޓް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް ވިދާޅުވީ، އެޗުޑީސީގެ އާ ވެބްސައިޓާ އެކު އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާ ވާނެ ކަމަށެވެ.

މި ވެބްސައިޓުގައި ވިސްލްބްލޯވާސްއަށް ހާއްސަ ޕޯޓަލްއަކާއި، މުވައްޒަފުންގެ އަހުލާގީ މިންގަނޑުގެ އާ ބާބެއް ހުށަހެޅުމާއި ހިދުމަތްތަކާއި ބިޑާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ވެސް ލުއި ގޮތްތައް ވަނީ ފަރުމާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.