އެސްއޯއެފުން ފައިސާ ދައްކަން ހުކުމް ކުރިޔަސް ހޯދޭނެ ގޮތެއް ނެތް!

އެ ފައިސާ އެމްއެމްޕީއާރްސީއަށް ހޯދައިދިނުމަށް ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެސްއޯއެފްގެ އެއް ހިއްސާދާރު މުހައްމަދު އައްލާމް ލަތީފް (މޮހޯ): އޭނާ އުޅެނީ ފިލައިގެން ރާއްޖެއިން ބޭރުގައި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި ނުހައްގު ފައިސާ ދައުރުކުރަން ބޭނުންކުރި އެސްއޯއެފް ކުންފުނިން އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ދައްކަން ހުކުމް ކޮށްފައިވިޔަސް، އެ ފައިސާ ހޯދަން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެސްއޯއެފާއި އެމްއެމްޕީއާރުސީއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން އެމްއެމްޕީއާރުސީން ދައުވާ ކުރުމުން، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް، އެ ހުކުމާ އެއްގޮތަށް އެސްއޯއެފުން ފައިސާ ދައްކާފައިނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، އެމްއެމްޕީއާރުސީން ސިވިލް ކޯޓަށް އިތުރު މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. 

އެ މައްސަލައިގައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، އެ ފައިސާ އަކީ އެސްއޯއެފުން ދައްކަންޖެހޭ ފައިސާއެއް ކަނޑައަޅާފައި އޮތަސް، އެ ފައިސާ އެމްއެމްޕީއާރުސީއަށް ހޯދައި ދިނުމަށްޓަކައި، އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް އަދި އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ހުރި ކަމުގެ މައުލޫމާތެއް ހޯދި ހޯދުންތަކުން ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން، އެ ފައިސާ އެމްއެމްޕީއާރްސީއަށް ހޯދައިދިނުމަށް ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވެ އެވެ. 

ނަމަވެސް، އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް ހުރިކަން އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުގެ ހައްގު އަދިވެސް އެމްއެމްޕީއާރުސީއަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ތެރެއިން، އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.

މީގެތެރެއިން، ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވަނީ އެސްއޯއެފްގެ އެކައުންޓުތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.