މި ހާދިސާ ހިނގިއިރު އަންހެން މީހާގެ ބަނޑަށް ދޮޅު މަހެވެ. ޒަހަމްތަކާއެކު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. މި ހާދިސާގައި އަންހެން މީހާގެ ކުޑަ ފިރިހެން ދަރިފުޅަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
މާފަންނު ކެނެރީ މަގުގައި 2015 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި ސައިކަލު ދުއްވި ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
މި ހާދިސާ ހިނގިއިރު އަންހެން މީހާގެ ބަނޑަށް ދޮޅު މަހެވެ. ޒަހަމްތަކާއެކު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. މި ހާދިސާގައި އަންހެން މީހާގެ ކުޑަ ފިރިހެން ދަރިފުޅަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
ކްރިމިނަލް ކޯޓުގައި އާލިމްގެ މައްޗަށް ހިންގި ޝަރީއަތަށްފަހު މައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ ކޯޓުން ވަނީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ މައްސަލައިގައި ހިންގި ތަހުގީގުން، އާލިމްއަކީ އޭރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއްކަން އެނގިފައިވާ ކަމަށެވެ. މައްސަލައިގައި ލިބިފައިހުރި ހެކިތަކަށް ބަލާއިރު އޭނާ ސައިކަލު ދުއްވާފައި ވަނީ ބާރު ސްޕީޑުގައި ކަން ވެސް އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު މިއީ އެކްސިޑެންޓްތައް ހިނގުން މެދުވެރިވާ ސަބަބެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އާލިމްގެ އަމަލުތަކުގައި މީހަކު މެރުމުގެ ނުވަތަ މީހަކަށް އަނިޔާއެއް ދިނުމުގެ ގަސްތު އޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. ނަމަވެސް އާލިމްގެ އަމަލުތަކުގެ ސަބަބުން މާބަނޑު އަންހެން މީހާ މަރުވެފައިވާކަން ހުކުމުގައިވެ އެވެ.
އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް އަދަބު ކަނޑައަޅާފައެއް ނުވެ އެވެ. ދައުލަތުގެ ފަރާތުން އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން އެއް ދުވަހުގެ ފުރުސަތެއް ދިނުމަށް އެދުމުން އެކޯޓުން ވަނީ އެފުރުސަތު ދީފަ އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
އާލިމް އަކީ މިނޫން ވެސް ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަސްތެރޭގައި ކާރެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނުނު މައްސަލައިގައި ވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.