އިއްޔެގެ ނިޔަލަށް ރަޝިއާއިން 101,318 ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 87,696 ޓޫރިސްޓުންނާ އަޅާ ބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ 15 ޕަސެންޓުގެ އިތުރުވުމަކާއެކު އެއް ލައްކައަށްވުރެ މައްޗަށް ޖެހިލައިިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓޫރިސްޓު އެރައިވަލް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރަޝިއާއިން 101,318 ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 87,696 ޓޫރިސްޓުންނާ އަޅާ ބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ. މިިދިޔަ އަހަރުގެ މެއި މަހުގެ 25 ގެ ނިޔަލަށް ރަޝިއާ ޓޫރިސްޓުން ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާއަކީ 10.1 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 10.8 ޕަސެންޓަށް އުފުލިފަ އެވެ.
މި އަހަރުގެ މިހާތަނަށް މުހިންމު މާކެޓުތަކުން ކުރިއެރުން ލިބިފައިވާ ގޮތަށް ބަލާއިރު ޗައިނާ މާ ކެޓުން 12 ޕަސެންޓުގެ އިތުރުވުމެއް ފާހަގަ ކުރެވެ އެވެ. ޗައިނާއިން މި އަހަރު އައިސްފައިވަނީ 110,711 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އަދަދު އުޅެނީ 98,037 ގަ އެވެ. އަދި 2023 ވަނަ އަހަރު އެއްވަނާގައި އޮތް އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވާ ކަމަށް ފާހަގަ ކުރެވެ އެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާއިން 52,580 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު ހުރީ 51,071 ގަ އެވެ.
ޓޫރިޒަމުން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 938,488 ޓޫރިސްޓުންނަށް ރާއްޖޭން މަރުހަބާ ކިޔާފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 868,535 ޓޫރިސްޓުންނާ އަޅާބަލާއިރު 8.1 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,517 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 5,974 ގަ އެވެ.
މިދިޔަ އަހަރަކީ ރާއްޖެއަށް ރެކޯޑް އަދަދަކަށް ޓޫރިސްޓުން އައިސް އާމްދަނީވެސް އިތުރުވި އަހަރެވެ. މި އަހަރުވެސް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.