ބޭހުގެ ބްރޭންޑަކީ މާކެޓިން ބޭނުމަށް އޮންނަ ނަމެކެވެ. ބޭހުގައި މުހިންމު ވަނީ ޑޯޒް އާއި ބޭހުން ކުރާނެ އަސަރެވެ. މި ގުޅިފައިވަނީ ޖެނެރިކް ނަމާ އެވެ. މި ބަދަލު ގެންނަން 2021 ގައި މަސައްކަތް ކުރި އެވެ. އެކަމަކު ޕްރެޝަރާހެދި ނުކެރުނީ އެވެ.
ބޭސް އުފައްދަން ބޭނުންކޮށްފަ ހުންނަ ބްރޭންޑް ތަކަކީ އެ އުފައްދާ ކުންފުނީގެ މާކެޓިން ބޭނުމަށް ބޭނުންކުރާ މަރުކާ އެވެ. މިއީ އާއްމު ސިއްހަތާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. ބޭހެއްނަމަ ބަލި މީހާއާ ގުޅޭ ހިސާބަކީ އެ ބޭހުގެ ޑޯޒާއި އެ ބޭހަކުން ކުރާ އަސަރެވެ. މިކަން ގުޅެނީ ބޭހުގެ "ޖެނެރިކް" ނަމުންނެވެ. ޖެނެރިކް ނަމަކީ އެ ބޭހެއްގެ އަސްލު ނުވަތަ ކެމިކަލް ނަމެވެ. ބްރޭންޑް ނަމަކީ ބޭސް އުފައްދާ މާކެޓްކޮށް ވިއްކާ ކުންފުނިން ދޭ ނަމެވެ. އެއް ބޭހެއް ތަފާތު ނަންނަމުގައި އަދި ތަފާތު އަގުތަކުގައި އެކި ކުންފުނިތަކުން ވިއްކަ އެވެ. ނަމަވެސް ރާއްޖޭގައި ޒަމާނުއްސުރެން ފެށިގެން ވެސް ބޭހެއްނަމަ ބޭނުން ކުރަން ޖެހެނީ ވަކި ބްރޭންޑެވެ. އެ ބްރޭންޑް ހޯދަން އެކި ބޭސް ނަންބަރުތަކަށް މީހުން ބޭސް ސިޓީއާއެކު ހިނގަ އެވެ. އެ ބްރޭންޑެއް ބާޒާރުގައި ނެތް ވަގުތެއް އައިސްފިނަމަ ބާޒާރުން ބޭސް ހުސްވެއްޖެ ކަމަށް ނިންމަ އެވެ.
މިސާލަކަށް ޕެރެސެޓަމޯލް އެކި ކުންފުނިތަކުން ބްރޭންޑް ކުރަނީ އެކި ގޮތަށެވެ. މި ބޭސް ޕެނަޑޯލް ޑައިމެޑޮން، ޕެނަމެކްސް، ކެލްޕޯލްގެ ނަމުގައި ވެސް ވިއްކަ އެވެ. ހަކުރު ބަލީގެ މީހުންނަށް ދޭ ބޭހުގެ ޖެނެރިކަކީ "މެޓަފޮމިން" އަށް ވިޔަސް މިސާލަކަށް ބްރޭންޑުގެ ނަމެއްގެ ގޮތުގައި "ގުލްކޮފޭޖް" ލޭބަލާ އެކު ވެސް ވިއްކަ އެވެ. އެހެންވެ މީގެ އެއްވެސް ނަމެއް ހިމެނޭ ބޭހެއް ނެތްނަމަ ބަލި މީހާ ވަގުތުން ޑޮކްޓަރުގެ ކައިރިއަށް ގޮސް އަނެއްކާ ވެސް އެހެން ބްރޭންޑެއްގެ ބޭހެއް ލިޔަން ޖެހެ އެވެ.
މިއީ މިކަން އޮންނަންވީ ގޮތް ހެއްޔެވެ ؟ މި ކަން ބަދަލުވާން ނުވޭ ހެއްޔެވެ؟
ބްރޭންޑުގެ ނަމުގައި ބޭސް ލިޔާ މައްސަލައަކީ ރާއްޖޭގައި އެކަނި އޮތް ކަމެއް ނޫނެވެ. އެކަމަކު މިހާރު ގިނަ ގައުމުތައް ދަނީ ބޭހުފެ ޖެނެރިކް ނަމުން ބޭސް ސިޓީ ލިޔެދިނުމަށެވެ.
ދުނިޔޭގައި އެންމެ ފުޅާކޮށް ބޭސް އުފައްދާ އިންޑިއާގައި ވެސް ބޭހުގެ ބްރޭންޑް ނަމުން ލިޔުމުގެ މައްސަލަ ބޮޑެވެ. ބޭހުގެ އެކި ބްރޭންޑްތަކުން ޑޮކްޓަރުންނަށް ބައި އަޅާ މައްސަލަ ބޮޑުވުމާއެކު އިންޑިއާގެ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ވަނީ އަމުރެއް ވެސް ނެރެފަ އެވެ. އެ އަމުރުގައިވާ ގޮތުން ވަކި ބްރޭންޑެއްގެ ބޭހެއް ލިޔެދީގެން ނުވާނެ އެވެ. ލިޔެދޭން ވާނީ ބޭހުގެ ޖެނެރިކް ނަމެވެ.
"މި ނިންމުން މުޅި ގައުމުގައި [އިންޑިއާ] ގައި ތަންފީޒު ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ބަދަލެއް އަންނާނެ،" އިންޑިއާގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ވިކްރަމް ނާތު އާއި ސަންޖޭ ކެރޯލް ސަންދީޕް މެހެތާ ހިމެނިވަޑައިގަންނަވާ ބެންޗުގެ އަމުރުގައިވެ އެވެ.
ބޭހުގެ ޖެނެރިކް ނަމުން ބޭސް ސިޓީ ލިޔެދޭ ބައެއް ގައުމުތަކުގެ ތެރޭގައި މެލޭޝިއާ އާއި ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން ދެން ގިނައީ ޔޫރަޕުގެ ގައުމުތަކެވެ. އެ ގައުމުތަކުގައި ތަޖުރިބާ ފޮންޏެވެ.
ރާއްޖޭގައި ވެސް ބޭހުގެ ޖެނެރިކް ނަން ބޭނުންކޮށްގެން ބޭސް ސިޓީ ލިޔެދޭން 2021 ވަނަ އަހަރު މަސައްކަތް ކުރި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިކަން ކުރަން މަސައްކަތް ކުރި ނަމަވެސް، ޑޮކްޓަރުންނާއި ބޭސް އެތެރެކުރާ މީހުންގެ ޕްރެޝަރާ ހެދި އެކަން ކުރަން ނުކެރި އަމާން ދިނީ އެވެ. އެފަހަރު އެކަން ފެއިލްވި ސަބަބަކީ ފިސްކަލް ރިފޯމްއާއެކު އެކަން ކުރަން މަސައްކަތް ކުރުމާއި ޑޮކްޓަރުންނާއި ސިއްހީ ދާއިރާ މި ކަމަށް ހޭލުންތެރި ކުރުވިފައިނެތުމެވެ. ނަމަވެސް ހަގީގަތުގައި އޮންނަން ޖެހޭ ގޮތަކީ ބޭސް ސިޓީގައި ބޭހުގެ އަސްލު ނަން ލިޔުމެވެ.
މިސާލަކަށް ޕެރަސެޓަމޯލްއަކީ ހުން އައިސްގެން ދޭ ބޭސް އާއިލާގެ އަސްލު ނަނެވެ. ނުވަތަ ޖެނެރިކް ނަމެވެ. މި އާއިލާގައި ހިމެނޭ ބޭސްތައް ކަމަށްވާ ޕެރަސެޓަމޯލް ތޯ އާއި ޕެނަޑޯލް ތޯ ނުވަތަ ޕެނަމެކްސް ބްރޭންޑް ތޯ ދޭނީ ނިންމާނީ ފާމަސިސްޓެވެ.
މި ބަދަލު ގެނެސްފިނަމަ ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބަލި މީހާއަށް އޮތް މޮޅަކީ ކޮބައި ހެއްޔެވެ؟
ބޭހުގެ ޖެނެރިކް ނަމުގައި ބޭސް ސިޓީ ލިޔަން ފަށައިފިނަމަ ލިބޭނެ އެއް ފައިދާއަކީ ޑޮކްޓަރު ބޭސް ސިޓީގައި ލިޔެދޭ ބްރޭންޑް ހޯދަން ބޭސް ފިހާރަތަކަށް ދުވަން ޖެހޭ ޖެހުން މަދުވުމެވެ. އެކަމަށް އުފުލަން ޖެހޭ ތަކުލީފު ކުޑަވުމެވެ. ޑޮކްޓަރު ލިޔެދޭނީ އެމީހަކު ބޭނުންވާ ޑޯޒް ހިމެނޭ ބޭހެވެ. އެ ބޭސް ކޮންމެ ބޭސް ފިހާރައަކުން ވެސް ލިބޭނެ އެވެ.
ރާއްޖޭގައި ފާމަސީތަކުގައި ވިއްކޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތަކެވެ. މި ބޭސްތަކުގައި 5،000 އަށްވުރެ ގިނަ ބްރޭންޑް ހިމެނެ އެވެ. އަދި ޖެނެރިކް 1،000 އާއި 2،000 ދެމެދުގެ ބޭސް ނަން ހިމެނެ އެވެ.
މި ބަދަލު ގެނައި ނަމަވެސް އެމްއެފްޑީއޭ އިން އެންމެ އިސްކަން ދޭނީ ބޭހުގެ ކޮލިޓީ ޔަގީން ކުރުމަށެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ފާމަސީތަކެއް އަހަރަކު ހަތަރު ފަހަރު އިންސްޕެކްޝަން ކުރިއަށް ގެންދެ އެވެ. އަދި ކޮލިޓީ ދަށް ބޭސްތައް އެތެރެކުރަން ހުއްދައެއް ނުދެ އެވެ. މި ގޮތުން އެމްއެފްޑީއޭގެ ލެބޯޓްރީން ގަވައިދުން ޓެސްޓް ކުރެ އެވެ. އަހަަރު ހަތަރު ފަހަރު އެނގުމަކާ ނުލައި އެމްއެފްޑީއޭގެ އޮފިޝަލުން ފާމަސީތަކަށް ގޮސް ބޭސް ނަގައިގެން ޓެސްޓް ކުރެ އެވެ.
އެމްއެފްޑީއޭގެ ނެޝަނަލް ހެލްތު ލެބޯޓްރީގައި 68 ޖެނެރިކް ޓެސްޓްކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ.އަދި ރާއްޖޭން ނުހެދޭ ޓެސްޓްތައް ރާއްޖޭން ބޭރަށް ގެންގޮސްގެންވެސް ހަދަ އެވެ. ރާއްޖޭގެ ބޭސް ޓެސްޓް ކުރަނީ ސިންގަޕޫރުގައި ހުންނަ ޔޫއެން ގަބޫލުކުރާ ފެންވަރު ރަނގަޅު ލެބޯޓްރީއަކުންނެވެ. އަނެއްކާ ބޭސް ޖެނެރިކް ނަމުގައި ބޭސް ސިޓީ ލިޔަން ފެށިނަމަވެސް މި އުޅެނީ އާ ބޭހެއް ރާއްޖެ ގެންނާކަށް ނޫނެވެ. ބަލި މީހާއަށްދޭނީ ބޭހުގެ ނެޓްވޯކުގައި އުޅޭ ބޭސް ތަކެވެ. އެހެންވެ ބަލި މީހާއަށް އެއްވެސް މައްސަލަައެއް ކުރިމައްޗެއް ނުވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެހެންވެ މި ބަދަލު އަވަހަށް ގެންނަން ޖެހެ އެވެ. މިއީ ބޭސް ސިޓީ ހިފައިގެން ބޭސް ފިހާރަތަކަށް ދުވުން ހުއްޓުވަން އެޅޭނެ އެއް ފިޔަވަޅެވެ.