ބުޅާ ބަލިވެގެން މަރުވުމާއެކު ދެ ދަރިން އެތަނުގައި ހިތާމަ ކުރަން ތިބެ އެވެ. އެންމެ ހިތާމަވެރި ކަމަކީ ބުޅާ ކުނިވާން ދޫކޮށްލާފައިވާއިރު މި ނަގައި ރައްކާތެރިކަމާއެކު ނައްތާލާނެ ބަޔަކު ނެތުމެވެ. ބުޅަލަށް ހަމައެކަނި ކާން ދިނުމަކުން ނުފުދެ އެވެ.
މި އަންހެން ބުޅަލަކީ އިސްލާމީ މަރުކަޒު ޕާކިން ޒޯންގައި އުޅޭތާ ގިނަ ދުވަސްވީ ބުޅަލެކެވެ. ބައެއް މީހުން ފަތިސް ނަމާދުން ފައިބައިގެން ގޮސް އެ ބުޅަލަށް ފެންދޭ މަންޒަރު ފެނެ އެވެ. އަދި މާލެތެރޭގައި އުޅޭ ބުޅާތަކަށް ކާން އަޅާ މީހުން އައިސް އެ ބުޅަލަށް ކާންދޭތަން ފެނެ އެވެ. މިފަހުން އެ ބުޅާ ވިހައި ކުޑަކުޑަ ދެ ބުޅަލާއެކު އެތަނުގައި ކުޅޭ މަންޒަރު ފެނެ އެވެ. މިތަން ފެނި މި ސަރަހައްދުން ހިނގާ މީހުންވެސް ހިތް އުފާވާ މަންޒަރެއްގެ ގޮތުގައި އެ ބަލަން ތިބެ އެވެ. އެކަމަކު މަންމަ ބުޅާ އިއްޔެ ރެއިން ފެށިގެން އުޅުނީ ބަލިވެ އެވެ. ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތެއް ކަމަކު ހަރަކާތްތަކުން އެ ބުޅާ ވަރަށް ބަލިކަން އެނގެ އެވެ. އޭގެ ގަޑިތަކެއް ފަހުން ފެނުނީ އެ ބުޅާ އިސްލާމީ މަރުކަޒު ޕާކިން ޒޯންގައި ގާތަށް ނެގިފައި އޮތް ވަޅުކޮޅެއްގެ ތެރޭ މަރުވެފައި އޮތް ތަނެވެ.
ބުޅާ މަރުވުމާއެކު އޭގެ ދެ ދަރިން ކައިރީގައި ތިބި މަންޒަފު ފެނެ އެވެ. ބަލައިލާ ކޮންމެ މީހަކަށްވެސް މި ކުޑަކުޑަ ދެ ބުޅަލުގެ ހިތާމަ އިހުސާސް ކުރެވޭނެ އެވެ. އިއްޔެ މި ދެބުޅާ އުޅުނީ މަންމައާއެކު ކުޅޭށެވެ. އެކަމަކު މިއަދު އެއޮތީ މަރުވެފަ އެވެ. އިރުކޮޅަކާ ދެ ބުޅާ ގޮސް މަންމަގެ މޫނުން ވަސްބަލާތަން ފެނެ އެވެ. އިހުސާސްވަނީ ބޮސްދޭ ކަމުގެ އިހުސާސް އެވެ. އެ ބުޅާ މަރުވިކަމަށް ބެލެވެނީ ބުރާސްފަތި ދުވަހު އެވެ. ހުކުރު ދުވަހު ފަތިސް ނަމާދަށް މީހުން ދިޔައިރު ވެސް ބުޅާ އެތަނުގައި އޮތެވެ. ހުކުރަށް މީހުން ދިޔައިރު ވެސް ހަމަ އެބުޅާ އެތަނުގައި އޮތެވެ. އިއްޔެ އަސަރު ނަމާދަށް ދިޔައިރުވެސް އެ ބުޅާ ހަމަ އެތަނުގައި އޮތެ އެވެ.
ދުވާލުގެ ގަދަ ހޫނުގައި ހަރުއަރާފައި އޮތް ބުޅާގެ މަސްގަނޑަށް ފަނި ފަކުސާ ވަދެ ގޯސްވަމުން ދަނީ އެވެ. ހުކުރު ދުވަހުގެ ރޭ ވެސް އޭތި އޮތީ އެ ތަނުގަ އެވެ.
އެ ބުޅާ މަރުވެފައި އޮންނަތާ އެހާ ގިނައިރު ވެގެން ދިޔައިރު ވެސް އެ ނަގާ ނައްތާލާނެ އިންސާނެއް ނުވި އެވެ. އެ ބުޅާ މަރުވެފައި އޮތްކަން އިސްލާމީ މަރުކަޒުގައި ތިބޭ މުވައްޒަފުންނަށް ވެސް އެނގެ އެވެ. އެކަމަކު އެ މީހުންގެ ކައިރީގައި އެ ތަނުގައި ހުރި މީހަކު އެ ނަގަން ބުނުމުން ދިޔައީ ވަރަށް ފަސޭހަ ޖަވާބެ އެވެ.
"ތިއީ އަހަރެމެންނާ ބެހޭ ކަމެއް ނޫނެވެ. ތިއީ އަހަރެމެންގެ އޭރިއާއެއް ނޫނެވެ."
"ބުޅާ ބަލަހައްޓަން މީހުން ތިބޭނެ އެވެ. ސިޓީ ކައުންސިލްގެ މީހުން އައިސް ނަގާނެ އެވެ."
"ވެމްކޯ އިން އަންނާނެ އެވެ."
އެ މީހާ ޖަވާބުގައި ބުނީ އެ ބުޅާ އެއޮތީ މިސްކިތަށް ދާ މީހުން ސައިކަލް ޕާކުކުރާ ޒޯނެއްގައި ނޫންހޭ، މީހަކު މުވައްޒަފަކު ކައިރީ ބުންޏެވެ. ހަމަ ގައިމު ވެސް ބުޅާ އެއޮތީ މިސްކިތުގެ ދޮރުމަތީގައި ކަހަލަ ގޮތަކަށެވެ. ކުނިވެފައި އޮތް އެ ބުޅާ އަދި ވެސް އޮތީ އެތަނުގަ އެވެ. ވިއްސާރަވެ ފެންބޮޑުވެއްޖެނަމަ ކުނިވެފައިވާ އެ ބުޅާގެ އަސަރު ފެންގަނޑުގެ ތެރެއަށް ދާނެ އެވެ. ބަލި މަޑުކަމެއް ފެތުރުން މިއީ މިފަދަ ކަންކަމުން ވުން ގާތް ކަމެކެވެ.
މިކަމުން ކުރިމަތިވާނެ އަނެއް މައްސަލައަކީ މިއީ ޓޫރިސްޓުން ވެސް ގިނައިން ގޮސް އުޅޭ އޭރިއާއަކަށްވުމެވެ. އެ މީހުންނަށް ވެސް ބުޅާ ކުނި ވަސް ދޮވާނެ އެވެ. އެކަމަކު މި ބުޅާ ނަގައި ރައްކާތެރި ގޮތުގައި ނައްތާލަން ޒިންމާވާނެ ބަޔަކު ނުވެ އަދި ވެސް ނުވެ އެތަނުގައި ބުޅާ އެބައޮތެވެ. މި ވާހަކައިގެ އެންމެ ހިތާމަވެރި ކަމަކީ ބުޅާ މަރުވުމުން ޒިންމާވާނެ ބަޔަކު ނުވެ ބަލި މަޑުކަމެއްގެ ނުރައްކަލަށް ދޫކޮށްލާފައި އޮތުމެވެ.