މާރުކުރާ ޑޮލަރުގެ ބޮޑުބައި އެމްއެމްއޭއަށް | ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ ބަދަލެއް ގެންނަނީ

ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް މަރުކަޒީ ބޭންކްއަށް ފޮނުވަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭނެ ބަދަލެއް ގެނައުމާއި ލޯނުތަކަށް ތައްޔާރުވުމެވެ.

އައިއެމްއެގްގެ ބައްދަލުވުމެއްގައި ގަވަރުނަރު މުހައްވަރު ވާހަކަ ދައްކަވަނީ -- އައިއެމްއެފް

ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ ބޮޑުބައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ނަގައި ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭނެ ބޮޑު ބަދަލެއް ގެންނަން ތައްޔާރު ވާން ފަށައިފި އެވެ. 

މަރުކަޒީ ބޭންކުގެ އޮފިޝަލަކު މިއަދު "މިރާ" އަށް ވިދާޅުވި ގޮތުގައި ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް މަރުކަޒީ ބޭންކްއަށް ފޮނުވަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭނެ ބަދަލެއް ގެންނަން މަސައްކަތް ކުރަމުން ދިއުމެވެ. އަނެއް ބަދަލަކީ ލޯނުތަކެއް ދައްކަން އޮތުމާއެކު އެކަމަށް ވެސް ތައްޔާރުވުމެވެ.

"އަޅުގަނޑުމެން މިދަނީ ވިޔަފާރިތަކަށް ފަހިވާނެ ބޮޑެތި ބަަދަލުތަކެއް ގެންނަން ތައްޔާރު ވަމުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިދަނީ ވިޔަފާރިތަކަށް ފަހިވާނެ ބޮޑެތި ބަަދަލުތަކެއް ގެންނަން ތައްޔާރު ވަމުން

މަރުކަޒީ ބޭންކުގެ އޮފިޝަލް

މިރާ އަށް އެނގިފައިވާ ގޮތުގައި މި ބަދަލު ގެންނަން ޖެހުނު ސަބަބަކީ ޓޫރިޒަމް ސިނާއަތުން ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރުމަށްފަހު އޭގެ ބޮޑުބައި އަނބުރާ އެ ފަރާތްތަކުން ނަގަމުން ދިއުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ޑޮލަރު ހޯދުމުގައި ބޮޑެތި ހުރަސް ތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން އާއްމުކޮށް ވިޔަފާރިތަކަށް ޑޮލަރު ވިއްކާ ބޭންކްތަކުން ވެސް ޑޮލަރު ޓީޓީ ހަދަން އަންނަ މީހުންނަށް އެކަށީގެންވާ ޑޮލަރު ފޯރުކޮށްދޭން ދަތިވެ އެވެ. އެހެންވެ މި ބަދަލަށްފަހު އެމްއެމްއޭއިން ގެންނަ ބަދަލާއެކު އެ މައްސަލަ ހައްލުވާނެ އެވެ.  

މަރުކަޒީ ބޭންކުގެ ގާނޫނުގައި ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ވަކި ޕަސެންޓެއް މަރުކަޒީ ބޭންކަށް ވިއްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ވިއްކަން ޖެހޭ ޕަސެންޓުގެ މިންވަރު ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ. އެ އިހުތިޔާރު ދީފައިވަނީ ހާލަތާއި ވަގުތަށް ބަލައި އެމްއެމްއޭ އަށެވެ. 

ސަރުކާރުން އެންމެފަހުން ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް ބޭންކިން ނިޒާމަށް މާރުކުރި ޑޮލަރުގެ މިންވަރު 240 މިލިއަން ޑޮލަަށް އަރާ ކަމަށެވެ. 

ބޮޑު ދަރަންޏެއްވެސް ކުރިމަތީގައި އެބައޮތް

މާރުކުރާ ޑޮލަރުގެ ބޮޑު އަދަދެއް އެމްއެމްއޭއަށް ނަގަން ނިންމިއިރު މި އަހަރާއި އަންނަ އަހަރުވެސް ރާއްޖެއަށް ބޮޑު ދަރަންޏެއް ދައްކަން ޖެހެ އެވެ. މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާއިރު މި ދަރަނީގެ ތެރޭގައި އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަރަންސީ ސްވޮޕް ވެސް ހިމެނެ އެވެ. މި ކަރަންސީ ސްވޮޕްއަކީ ބޭރު ފައިސާގެ ރިޒާވް އިތުރު ކުރަން އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް އެމްއެމްއޭ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެކެވެ. މިއީ ހަ މަހުގެ ސްވޮޕް އެކެވެ. ނަމަވެސް މި ކަރަންސީ ސްވޮޕް ދެއްކުން ވަނީ އިންޑިއާއިން ޖުލައިގެ ނިޔަލަށް ފަސްކޮށް ދީފަ އެވެ. އަންނަ އަހަރަކީވެސް ރާއްޖޭން ބޮޑު ދަަރަންޏެއް ދައްކަން ޖެހޭނެ އަހަރެވެ. ރާއްޖޭގެ ތާރީހުގައި ދައްކާ އެންމެ ބޮޑު ދަަރަނި ކަމަށްވާ 1.1 ބިލިއަން ޑޮލަރު އަންނަ އަހަރު ދައްކަނ ޖެހެ އެވެ. މިއީ އެ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އިތުރުން ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ފައިސާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.