"މުލީ އެއާޕޯޓަކީ މުޅި އަތޮޅުގެ ތަރައްގީއަށް ލިބޭ ބޮޑު ކުރިއެރުމެއް"

"މި ސަރަހައްދުގެ ރަށްތަކާ ޖުމްލަކޮށް އަތޮޅުގެ ތަރައްގީއަށް އެއާޕޯޓްގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތައް އަންނާނެ. ލަފާފުރުމުގެ ދަތިކަން ވައިގެ މަގުން ނެތް މަދު ސަރަހައްދުގެ ގޮތުގައި އޮތް އޮތުން މިއަދު ނިމުމަކަށް މި އަންނަނީ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މުލީ އެއާޕޯޓް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްވަނީ --

މ. މުލީގައި ގާއިމް ކުރި އެ އަތޮޅުގެ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓާއެކު ތަރައްގީގެ ގިނަ ފުރުސަތުތަކެއް އެ ސަރަހައްދަށް ހުޅުވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުލީ އެއާޕޯޓް ތަރައްގީ ކުރުމަށް 2014 ވަނަ އަހަރު ބިން ހިއްކަން ފަށައި، އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުނީ 2022 ވަނަ އަހަރު އެވެ. ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކުރިއަށް ދިޔަ މި އެއާޕޯޓް މިއަދު ރައީސް ވަނީ ހުޅުއްވައިދެއްވާފަ އެވެ.

އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށް ރައީސް މިއަދު ވަނީ މުއްޔަށް ވަޑައިގެންފަ އެވެ. އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު ވެސް އެ އެއާޕޯޓުގައި ކުރަން ވަރަށް ގިނަ މަސައްކަތްތައް ހުރި ކަމަށެވެ. އެ މަސައްކަތްތައް ނިމި، މިއަދު އެއާޕޯޓު ހުޅުވިގެން ދިއުމާއެކު ވަރަށް ގިނަ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިގު އިންތިޒާރަކަށްފަހު މިއަދު ހުޅުވި މި އެއާޕޯޓުގެ ސަބަބުން އެ ރަށާއި މުޅި އަތޮޅުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

"ހާއްސަކޮށް އިގްތިސޯދީ ގޮތުން ރަށަށް ކުރިއެރުން ލިބުމުގައި އެއާޕޯޓް ވެގެން ދާނީ އޮގްތިސޯދީ ދޮރާއްޓަކަށް. އޭގެ ތެރޭގައި ހަމަޔަގީނުން ވެސް ފަތުރުވެރިކަމުގެ ދާއިރާއަކީ މުހިންމު ދައުރެއް އަދާކުރާނެ ދާއިރާއަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ އަށަށް ޓޫރިޒަމް އިންވެސްޓްމެންޓް ގެނެސްދިނުމަށް ފަޅުތެރެއިން ފުރުސަތުތަކެއް ހޯދައިދިނުމަށް ރިޔާސީ އިންތިހާބުގައި ވެވަޑައިގަތް ވައުދު ފުއްދަވައިދެއްވާނެ ކަމަށެވެ. އެކަން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި، މިކަންކަން ކުރުމަށް ވެސް އެއާޕޯޓުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

މުލީ އެއާޕޯޓުން މިއަދު ރައީސަށް މަރުހަބާ ދަންނަވަނީ --

"މި ސަރަހައްދުގެ ރަށްތަކާ ޖުމްލަކޮށް އަތޮޅުގެ ތަރައްގީއަށް އެއާޕޯޓްގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތައް އަންނާނެ. ލަފާފުރުމުގެ ދަތިކަން ވައިގެ މަގުން ނެތް މަދު ސަރަހައްދުގެ ގޮތުގައި އޮތް އޮތުން މިއަދު ނިމުމަކަށް މި އަންނަނީ،" ރައީސް ވިދާޅިވި އެވެ.

ރައީސް ވިދާޅުވީ މީ އަދި ފެށުމެއް ކަމަށާއި، އެ ރަށުގައި ވެސް ތަރައްގީ ކުރަން ގިނަ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތާއި، އެރަށުގައި އަޅަން އިއުލާނުކޮށްފައިވާ 300 ހައުސިން ޔުނިޓްގެ މަސައްކަތް ފާހަގަކުރެއްވި އެވެ.

އަދި އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް، އެރަށާއި ނާލާފުއްޓާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.

"މި އަހަރާ އަންނަ އަހަރު ވެގެންދާނީ އަމަލީ މަސައްކަތްތަކެއްގެ ނަތީޖާ ނެރެދިނުމަށް މަސައްކަތްތައް ކުރެވިގެންދާ އަހަރުތަކަކަށް. ހުރިހާ ރަށަކަށް ކުޅިވަރު ކުޅޭ ހުރިހާ ވަސީލަތްތައް މި ދެ އަހަރަށް ބަހާލައިގެން ގާއިމްކޮށް ނިންމުމަށް، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމުމަށް. މިހެން ގޮސް ހުރިހާ މަސައްކަތެއް ނިންމުމަށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.