އެލައިޑް އިންޝުއަރެންސަށް މިދިޔަ އަހަރު 761 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 519 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 46 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގެ އެންމެ ކުންފުނިތައް އެއް ކުޑައެއްގެ ދަށުގައި ހިންގާ އެސްޓީއޯ ގްރޫޕުގެ ކުންފުނިތަކުގެ ތެރޭން މިދިޔަ އަހަރު އެންމެ ކާމިޔާބު ކުންފުންޏަކީ އެލައިޑް އިންޝުއަރެންސެވެ.
އެސްޓީއޯ އިން އެންމެފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައިވެސް ވަނީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ވިޔަފާރިއަކީ އިންޝުއަރެންސްގެ ވިޔަފާރި ކަމަށް އެސްޓީއޯގެ ސީއީއޯ / އެމްޑީ ޝިމާދު ވިދާޅުވެފަ އެވެ.
އެލައިޑް އިންޝުއަރެންސަށް މިދިޔަ އަހަރު 761 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 519 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 46 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ވަރުގެ ބޮޑު އާމްދަނީގެ ކުރިއެރުމެއް އެލައިޑުން މިދިޔަ އަހަރު ހޯދާފައިވަނީ ވިޔަފާރި އިތުރު ކުރުމަށް ހޯދި އާ ގޮތްތަކާއި ރިސްކް މެނޭޖުމަންޓް ރަނގަޅުކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމާއި އެ ކުންފުނީގެ އިންޝުއަރެންސް ޕްރޮޑަކްޓްތަކަށް ގެނެސްފައިވާ ހެޔޮ ބަދަލާއެކުގަ އެވެ.
އެލައިޑް އިންޝުއަރެންސުން ވަނީ ހާއްސަ އިސްކަމެއް ދީގެން ގިނަ ކަންތައްތަކެއް ކުރަން ނިންމާފަ އެވެ. މިގޮތުން އެސްޓީއޯގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ހިދުމަތްތައް ޒަމާނީކޮށް އާޓިފިޝަން އިންޓެލިޖެންޓް ފަދަ އާ ޒަމާނުގެ މަސައްކަތުގެ ވައްޓަފާޅިތައް ބޭނުން ކުރުމަކީ އެ ކުންފުނިން ކުރާނެ ކަމެކެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އިންޝުއަރެންސް ވިޔަފާރި ވުޖޫދުވީ 1985 ވަނަ އަހަރު އެވެ. މިއަހަރަށް 40 އަހަރު ފުރިގެން ދިޔަ މި ކުންފުނި ސަރުކާރުން އުފެއްދީ އެސްޓީއޯ އިން ކުރަމުން ދިޔަ މަސް އެކްސްޕޯޓް ކުރުމާއި ޝިޕިން ފަދަ ވިޔަފާރިތަކަށް "ރައްކާތެރިކަމުގެ ނެޓެ" ބޭނުންވާ ކަމަށް ސަރުކާރަށް ވިސްނިގެންނެވެ. އެންމެ ފުރަތަމަ މި ވިޔަފާރި ފެށީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއެކު ހެދި ޖޭވީއަކުންނެވެ. ނަަމަވެސް ޔޫކޭ ކުންފުނީގައި އޮތް ހިއްސާ 1987 ވަނަ އަހަރު ސަރުކާރުން ގަނެ 100 ޕަސެންޓް ދިވެހިންގެ ކުންފުންޏަށަށް އެލައިޑް އިންޝުއަރެންސް ހެދި އެވެ. އޭގެފަހުން ރާއްޖޭގެ އެންމެ ވަރުގަދަ އިތުބާރު ހިފޭ އިންޝުއަރެންސް ކުންފުނީގެ ގޮތުގައި އެލައިޑް އޮންނަތާ މިވަނީ 40 އަހަރުވެފަ އެވެ.